ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާ ގުޅިގެން ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން މަޖިލީހުގެ މެންބަރުން މުސާރައާއި އެލަވަންސްތައް ކުޑަކުރުމަށް ތާއީދުކުރައްވާ ވާހަކަދައްކަވަން ފައްޓަވައިފި އެވެ.
އެގޮތުން މަޖިލީހުގެ މެންބަރުންގެ މުސާރަ މިވަގުތު ކުޑަކުރުމަށާއި އާސިއާން ފަދަ ގައުމުތަކުން ބޭސް ކުރުމަށް މެންބަރުންނަށް ދީފައިވާ މެޑިކަލް އިންޝުއަރެންސް ކަނޑާލުމަށާއި ކޮމިޓީ އެލަވަންސް ކަނޑާލުމަށްވެސް ޕީއެންސީގެ މެންބަރުން ގެންދަވަނީ ސޯޝަލްމީޑިއާގައި ހިޔާލުފާޅުކުރައްވަމުންނެވެ.
ޕީއެންސީގެ މައްޗަށްގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން ވަނީ މެންބަރުންގެ މުސާރަ ކުޑަކުރަން މަޖިލީހަށް ހުށަހަޅުއްވާނެ ކަމުގެ އިޝާރާތެއްވެސް ދެއްވާފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ހަރަދު ކުޑަކުރުމަށް އަޅުއްވާނެ ބައެއް ފިޔަވަޅުތައް ހިއްސާކުރައްވާފަ އެވެ. އެގޮތުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ސަރުކާރުގެ ރިކަރަންޓް ހަރަދު ކުޑަކުރުމަށް ކަމުގައި ވިދާޅުވި އެވެ.
މީގެ ތެރޭގައި ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ޙަފްލާތަކަށް ކުރާ ހަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. ހަރަދު ކުޑަކުރުމަށް ކުރައްވާ ކަމެއްގެ ގޮތުގައި ކުރިއަށް އޮތް މިނިވަން ދުވަހަށް ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށްވެސް ރައީސް ވަނީ ނިންމަވާފަ އެވެ. މިނިވަން ދުވަސް ފާހަގަކުރުމަށް ހަމައެކަނި ޖަލްސާއެއް ބޭއްވުމަށާއި ހަރަދުތައް އެތައް ގުނައަކުން ކުޑަކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
"މީގެ އިތުރަށްވެސް ގިނަ ފިޔަވަޅުތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި އެޅިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
ހަރަދު ކުޑަކުރުމާއި، އާމްދަނީ އިތުރުކުރުމުގެ ސިޔާސަތު އަދި މީޑިއަމް ޓާމް ރެވެނިއު ސްޓްރެޓެޖީއެއް އެކުލަވާލުމަށް ރައީސް ޑރ. މުއިއްޒު މިހަފްތާ ވަނީ ނިންމަވާފަ އެވެ.