މޯލްޑިވްސް ކަސްޓަމްސް ސާވިސް

ވަގަށް އެތެރެކުރި ގިނަ އަދަދެެއްގެ ސިނގިރެޓް އަތުލައިގެންފި

ގާނޫނާ ހިލާފަށް ރާއްޖެއަށް އެތެރެކުރި ގިނަ އަދަދެއްގެ ސިނގިރެޓް ކަސްޓަމްސްއިން އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިއަދު ބުނީ ކަސްޓަމްސްގެ އިޖުރާއަތުތައް ފުރިހަމަނުކޮށް، ރާއްޖެއަށް ސިއްރުން ސިނގިރޭޓްތަކެއް އެތެރެކޮށްފައިވާ ކަމުގެ ތުހުމަތުކުރެވިގެން ކޯޓް އަމުރުގެ ދަށުން މިމަހު 24 ވަނަ ދުވަހު ހުޅުމާލޭގެ ތަނެއް ބަލައި އަދި މިމަހުގެ 26 ވަނަ ދުވަހު މާލެ އާއި ހުޅުމާލޭގެ ހަތަރު ތަނެއް ބަލައި ފާސްކުރި ކަމަށެވެ.

މި އޮޕަރޭޝަނުގައި ޖުމްލަ 173 ކާޓަން ނުވަތަ 1,731,597 ސިނގިރޭޓް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި މިތަކެތީގެ ލަފާކުރެވޭ މާކެޓް އަގަކީ 1,600,596 ރުފިޔާ އެވެ. މިތަކެތީގެ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ގާތްގަނޑަކަށް 5.6 މިލިއަން ދިވެހި ރުފިޔާ ދައުލަތައް ދައްކަންޖެހޭނެ ކަމަށްވެސް ބުންޏެވެ.

"އިސްވެދެންނެވުނު އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ފަރާތުން ދެއްވި އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވަމެވެ،" ކަސްޓަމްސް އިން މިރޭ ނެރުނު ބަޔާނެއްގައިވެ އެވެ.

ކަސްޓަމްސް އިން ބުނީ އެ އިދާރާގެ މަސައްކަތްތައް މިހާރު ބައްޓަންކޮށްފައިވަނީ ދުރާލާ ކަސްޓަމްސްއަށް ލިބޭ އިންޓެލިޖެންސް މައުލޫމާތާއި ޓްރޭޑަ ޕްރޮފައިލްއަށް ބިނާކޮށް ކަނޑައެޅޭ ހިރާސްގެ މިންވަރުތަކަށް ރިއާޔަތްކޮށް މުދަލުގެ ލިޔެކިއުން ނިންމުމާއި މުދާ ބަލައި ފާސްކުރުމުގެ މައްޗަށް ކަމަށެވެ.

ކަސްޓަމްސް އަށް ދުރާލާ ލިބޭ މައުލޫމާތުތަކަށް ބިނާކޮށް، ގާނޫނާ ގަވާއިދާ ހިލާފު އަމަލުތަކަށް ޝައްކުކުރެވޭ ހާލަތްތަކުގައި، މުދާ ކްލިއަކުރުމުގެ ފުރުސަތު ދިނުމަށްފަހު، ގާނޫނާ ގަވާއިދާ ހިލާފު އަމަލުތައް ހިންގާ ނެޓްވޯކްތައް ހޯދާ އެފަރާތްތަކަށް ވާސިލްވުމަށްޓަކައި "ކޮންޓްރޯލްޑް ޑެލިވަރީ" އޮޕަރޭޝަންތައް ކުރިއަށް ގެންދާ ކަމަށްވެސް ބުންޏެވެ. މިގޮތަށް ހިންގޭ އޮޕަރޭޝަންތަކުގެ ތެރެއިން މިފަދަ މުދާ ގެންގޮސް ވައްދާ ތަންތަން ބަލައި ފާސްކޮށް އެތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދާ ކަމަށްވެސް ބުންޏެވެ.

"އަދި އޮޕަރޭޝަންތަކުގައި ފާހަގަކުރެވޭ ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެއަށް ތަކެތި އެތެރެކޮށް ބޭރުކުރާ ފަރާތްތަކުގެ މައްސަލަތައް ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމުގެ ޔަގީންކަން އެންމެހާ ދިވެހި ރައްޔިތުންނަށް އަރުވަމެވެ،" ކަސްޓަމްސްގެ ބަޔާނުގައިވެ އެވެ.