އުރީދޫ

އުރީދޫ އިން ފްރީޑައިވިން ސޭފްޓީ ސެޝަނެއް ބާއްވަނީ

ފްރީޑައިވިން އިންސްޓްރަކްޓާސް އިންޓަނޭޝަނަލް (އެފްއައިއައި) އާ ގުޅިގެން އުރީދޫ މޯލްޑިވްސް އިން ފްރީޑައިވިން ސޭފްޓީ ސެޝަނެއް ބޭއްވުމަށް ނިންމައިފި އެވެ.

"ސޭފް ބިނީތް ދަ ސާފޭސް: ފްރީޑައިވިން ސޭފްޓީ ސެޝަން ވިތް އަ ވޯލްޑް ޗެމްޕިއަން" ގެ ނަމުގައި ކުރިއަށްގެންދާ މި ސެޝަންގެ މަގުސަދަކީ ޑައިވް ކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކުރުމަށާއި ހާދިސާތަކުން ސަލާމަތްވުމަށް އެހީތެރިވެދިނުމާއި ބެސްޓް ޕްރެކްޓިސްތައް ޕްރޮމޯޓްކުރުން ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެ އެވެ.

މި ސެޝަން އޮންނާނީ ޖުލައި ތިން ވަނަ ދުވަހުގެ ރޭ 8:00 ގައި ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސް ހެޑްކުއާޓަރުގަ އެވެ.

މި ސެޝަން ނަގައިދޭނީ އެފްއައިއައިގެ މަޝްހޫރު ދެ ސްޕީކަރުން ކަމަށްވާ މާޓިން ސްޓެޕަނެކް އާއި އެރޯލް ޕުޓިނަމް އެވެ.

މާޓިން ސްޓެޕަނެކް

މާޓިން ސްޓެޕަނެކް އަކީ 13 ފަހަރު ވޯލްޑް ރެކޯޑް ހަދާފައިވާ ފްރީޑައިވަރެއްގެ އިތުރުން މިކުޅިވަރުގެ ތާރީހުގައި އުފެދުނު މޮޅު ފްރީޑައިވަރުންގެ ތެރޭގައި ހިމެނޭ އެކަކެވެ. އޭނާވަނީ އެއް ނޭވާގައި 400 ފޫޓަށްވުރެ އަޑިއަށް ފީނާފަ އެވެ. މާޓިން އަކީ ފްރީޑައިވިންގެ ފަހަތުގައިވާ ފިޒިއޮލޮޖީއަށް ޝައުގުވެރިވާ އަދި ހާވާޑް ޔުނިވާސިޓީ އާއި ސްވިޑެންގެ ކަރޮލިންސްކާ އިންސްޓިޓިއުޓްގެ އިސް ސައިންސްވެރިންނާ ގުޅިގެން މި ކުޅިވަރުގެ ފަހަތުގައިވާ ބައެއް ފިޒިއޮލޮޖިކަލް ސިއްރުތައް ހޯދުމަށް މަސައްކަތް ކޮށްފައިވާ މީހެކެވެ. މިހާރު ކުރިއަށްދާ މި ދިރާސާގައި އޭނާގެ ބައިވެރިވުމުގެ ސަބަބުން ސައިންސްވެރިންނަށް ފްރީޑައިވަރުންނަށް ކަނޑުގެ އަޑީގެ ޕްރެޝަރުގައި ދިމާވާ ކަންކަން ރަނގަޅަށް ދެނެގަނެވޭނެ އެވެ.

އެރޯލް ޕުޓިނަމް

ކެނެޑާގެ ޓޮރޮންޓޯގެ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ފްރީޑައިވިން އިންސްޓްރަކްޓަރެއް ކަމަށްވާ އެރޯލް އަކީ ކުޑައިރުއްސުރެ ފްރީޑައިވިންގެ ދުނިޔޭގައި އުޅެމުން އަންނަ ފަރާތެކެވެ. އޭނާ އަކީ އެފްއައިއައިގައި މާޓިން ސްޓެޕަނެކްއާ އެކު ވަރަށް ގާތުން މަސައްކަތް ކުރާ އަދި ސްޓެޕަނެކާއެކު އެފްއައިއައިގެ ޖޫނިއާ ފްރީޑައިވާ ޕްރޮގްރާމް ފަދަ ކަރިކިއުލަމް ޑިވެލޮޕް ކުރުމަށް އެހީތެރިވެދީ، ދުނިޔޭގެ އެންމެ ޑިމާންޑް ބޮޑު ފްރީޑައިވިން އިންސްޓްރަކްޓަރުންގެ ތެރޭގައި ހިމެނޭ އިންސްޓްރަކްޓަރެކެވެ. އޭނާ ކިޔަވައިދެނީ އެމެރިކާ، ބަހާމާސް، ޕުއެޓޯ ރިކޯ، ސްޕެއިން އަދި ގަތަރުގެ އެކި ކަންކޮޅުތަކުގައި ރިކްރިއޭޝަނަލް ލެވެލް އަދި ޕްރޮފެޝަނަލް ލެވެލް ސެޓްފިކޭޝަން ކޯސްތަކެވެ.

މި ސެޝަން އާ ގުޅޭ ގޮތުން އުރީދޫ މޯލްޑިވްސްގެ އެމްޑީ އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ މުޖުތަމައުތަކުގެ ތެރޭގައި ސަލާމަތާއި ރައްކާތެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތްތަކަށް އެ ކުންފުނިން އެއްބާރުލުން ދޭނެ ކަމަށެވެ.

މި ފްރީޑައިވިން ސޭފްޓީ ސެޝަނަކީ އަޅުގަނޑުމެންގެ ކުރިއަރަމުން އަންނަ ފްރީޑައިވަރުންގެ މުޖުތަމައަށް ރައްކާތެރިކަމުގެ އެންމެ މަތީ މިންގަނޑުތަކާއެކު، އެމީހުންގެ ޝައުޤުވެރިކަން ކުރިއަށް ގެންދެވޭނެ މަގު ފަހިކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ހާލިދު އަލް ހަމާދީ ވިދާޅުވި އެވެ.

މާޓިން ސްޓެޕަނެކް ވިދާޅުވި ގޮތުގައި ފްރީޑައިވިންއަކީ ސަލާމަތީ ކަންކަމާ މެދު ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކުޅިވަރެކެވެ.

މި ސެޝަންގެ އަމާޒަކީ ދިވެހި ފްރީޑައިވިން ކޮމިއުނިޓީއަށް ރައްކާތެރިކަމާއި ޔަގީންކަމާއެކު ޑައިވްކުރުމަށް ބޭނުންވާ މައުލޫމާތާއި ހުނަރު އިތުރަށް ތަނަވަސްކޮށްދިނުން ކަމަށް މާޓިން ވިދާޅުވި އެވެ.

ރާއްޖޭގައި ސޭފް ފްރީޑައިވިން ސެޝަނެއް ބާއްވާތީ މާޓިން ވަނީ އުރީދޫއަށް ޝުކުރު އަދާކޮށްފަ އެވެ.

އުރީދޫ މޯލްޑިވްސްގެ ވެބްސައިޓް މެދުވެރިކޮށް މި ސެޝަންގައި ހިލޭ ރަޖިސްޓްރީކުރެވޭނެ އެވެ.