ހަބަރު

ނަޝީދަށް ލުޔުއް ދޭން އެމްޑީޕީއާއެކު ވަކިން މަޝްވަރާކުރަނީ

  • ބައްދަލުވުން އޮންނާނީ މާދަމާ އެކެއް ޖަހާއިރު
  • ސަރުކާރުން ބޭނުންވަނީ އެމްޑީޕީއަށް ރަނގަޅު މާހައުލެއް ހޯދައިދިނުން
  • އެމްޑީޕީއިން އަދި ޖަވާބެއް ނުދޭ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޖަލު ހުކުމަށް ލުޔެއް ދިނުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ސަރުކާރުން އެމްޑީޕީއަށް ދައުވަތުދީފި އެވެ. މި ދައުވަތު އެމްޑީޕީއަށް ސަރުކާރުން ދީފައިމިވަނީ ސަރުކާރުން އިސްނަގައިގެން ބާއްވާ އޯލް ޕާޓީ ޓޯކްސްއަށް އެމްޑީޕީއިން އިޖާބަދީފައިނުވާތީ އެވެ.

ސަރުކާރުން ވަނީ އެމްޑީޕީއަށް ސިޓީއެއް ފޮނުވާ، މި ބައްދަލުވުމަށް މިއަދު ދައުވަތު ދީފަ އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން ސަރުކާރުގެ ފަރާތުން މަޝްވަރާތަކަށް ކަނޑައަޅުއްވާފައި ހުންނަވާ އެންމެ އިސް މަންދޫބު، މުހައްމަދު ޝައިނީ ވިދާޅުވީ، އެމްޑީޕީއާއެކު ވަކިން މަޝްވަރާކުރަން ނިންމާ، އެކަމަށް އެ ޕާޓީއަށް ދައުވަތު ދިނީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި އެ ޕާޓީ ބައިވެރިވުމަށް ބޭނުންވާ މާހައުލު ތަނަވަސްކޮށްދިނުމުގެ ގޮތުން ކަމަށެވެ.

"އެ ބޭފުޅުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް ކަމަށް ގަބޫލުކުރެވެނީ ރައީސް ނަޝީދުގެ މައްސަލަ، ޖަލު ހުކުމް، އެކަންކަމަށް ވެސް ހައްލެއް ހޯދުމަށް މަޝްވަރާކުރެވޭނީ ވާހަކަ ދައްކައިގެން،" ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ، މިއަދު އެމްޑީޕީއަށް ވަކި މަޝްވަރާއަކަށް ދައުވަތުދީފައިވާއިރު އެ މަޝްވަރާ ބައްދަލުވުން ތާވަލުކުރެވިފައިވަނީ މާދަމާ މެންދުރުފަހު އެކެއް ޖަހާއިރަށް ކަމަށެވެ. އަދި އެމްޑީޕީގެ ފަރާތުން ޖަވާބެއް ލިބިފައިނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

ޝައިނީ އިއްޔެ އވިދާޅުވެފައިވަނީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާގެ ދެ ބައްދަލުވުމަށްވެސް އިދިކޮޅު އެމްޑީޕީ އާއި އަދާލަތު ޕާޓީ ހާޒިރުނުވާތީ، ބައިނަލްއަގުވާމީ ފަރާތްތަކާއި ވާހަކަ ދައްކައިގެން އެޕާޓީތަކުންވެސް މަޝްވަރާގައި ބައިވެރިވުމުގެ އުންމީދު އެބައޮތް ކަމަށާއި އދ. އާއި އެހެނިހެން ރާއްޖެއާއި ރަހުމަތްތެރި ފަރާތްތަކުގެ އެހީތެރިކަމާއިއެކު އެމްޑީޕީ އަދި އަދާލަތު މަޝްވަރާތަކުގައި ބައިވެރިކުރުމަށް އެފަރާތްތަކަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. ޝައިނީ ވިދާޅުވެފައި ވަނީ، ދެން މަޝްވަރާ ބައްދަލުވުން ބާއްވާނީ ހަފްތާ ބަންދަށް ފަހުގައި ކަމަށާއި އެ ބައްދަލުވުން ބާއްވާނީ ބޭރުގެ އެހީއާއެކު، ދެ ޕާޓީ މަޝްވަރާގައި ބައިވެރިކުރަން ބާރުއެޅުމަށް ފަހުގައި ކަމަށެވެ.