ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ފައިދާ ނުވާ ބައެއް ކުންފުނިތައް އުވާލުމަށް ނިންމާފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން (ޕީސީބީ) އިން ބުނެފި އެވެ.
ޕީސީބީގެ ފަރާތުން މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުވެ އެ ތަނުގެ ސެކްރެޓަރީ ޖެނަރަލް އަހްމަދު ޔަމީން މިއަދު ވިދާޅުވީ ފައިދާ ނުވާ ކުންފުނިތަކާ މެދު އަމަލުކުރާނެ ގޮތުން އިޖުރާއަތެއް ތައްޔާރުކޮށް ކަމާ ގުޅޭ އިދާރާތަކާ ހިއްސާކޮށްފައިވާ ކަމަށެވެ.
ޔަމީން ވިދާޅުވި ގޮތުންނަމަ ފައިދާ ނުވާ ކުންފުނިތަކާ މެދު އަމަލުކުރަން ނިންމާފައިވަނީ ދެ ގޮތަކަށެވެ. އެއްގޮތަކީ ފައިދާ ނުވާ ކުންފުނިތަކުގެ މަސައްކަތްތައް އަލުން މުރާޖައާކޮށް ފައިދާވާ ގޮތްތަކެއް ހޯދައި ބައެއް ކުންފުނިތައް އެއްކޮށްލަން ނުވަތާ މާޖު ކޮށްލަންޖެހޭނަމަ އެގޮތަށް އަމަލުކުުރުމެވެ. އަނެއް ގޮތަކީ އެއްވެސް ގޮތަކަށް ފައިދާ ނުވާނެ ކަމަށް ފެންނަ ކުންފުނިތައް އުވާލުމެވެ.
އެކަމަކު މި ފިޔަވަޅުތައް އަޅާނެ ކުންފުނިތަކުގެ ނަންތަކެއް ޕީސީބީ އިން ކޮމިޓީގައި ހިއްސާކޮށްފައެއް ނުވެ އެވެ.
ޔަމީން ވިދާޅުވީ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ކުންފުނިތައް ހިންގުމުގެ އުސޫލެއް ހެދުމާ އެކު ކުންފުނިތަކުގެ ޕާފޯމަންސް މޮނިޓަރިން ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.
ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް އުވާލުމަށް ނިންމާފައި މިވަނީ ސަރުކާރުން ހަރަދު ކުޑަކުރުމަށް އަޅަން ފަށާފައިވާ ފިޔަވަޅުތަކުގެ ދަށުންނެވެ. ހަރަދު ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކެއް ޖުލައި މަހުގެ މެދެއްހާ ހިސާބުގައި އެންމެ ލަސްވެގެން އަޅަން ފަށާނެ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ކުރިން ވިދާޅުވެފައިވެ އެވެ.
ހަރަދު ކުޑަކުރުމަށް ފިނޭންސް މިނިސްޓްރީން އަޅަން ނިންމާފައިވާ ފިޔަވަޅުތަކަށް ކަމާ ގުޅޭ ހުރިހާ އިދާރާއަކުން އެއްބާރުލުން ދިނުމަށްވެސް މިނިސްޓަރު ޝަފީގު ވަނީ އެދިވަޑައިގެންފަ އެވެ.