ދުނިޔެ

އޮސްޓްރޭލިއާގެ ބޮޑުވަޒީރު އަލްބަނީޒް ނޭޓޯ ސަމިޓަށް ވަޑައިނުގަންނަވާނެ

އެމެރިކާގެ ވޮޝިންޓަންގައި ޖުލައި 9-11 އަށް ބާއްވާ ނޭޓޯ ސަމިޓްގައި ބައިވެރިވެ ވަޑައި ނުގަންނަވާނެ ކަމަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ވިދާޅުވެއްޖެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަލްބަނީޒް މިގޮތަށް ނިންމެވީ ނޭޓޯ ސަމިޓްގެ ކުރިން އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ބައްދަލުކުރެއްވުމަށް އެނާ އެދިވަޑައިގަތް ނަމަވެސް އެ ފުރުސަތު އަދިވެސް ލިބިވަޑައިގެންފައި ނުވާތީ އެވެ.

އަލްބަނީޒްގެ ބަދަލުގައި ނޭޓޯ ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާނީ ދިފާއީ ވަޒީރު ރިޗަޑް މާލްސް އިސްކޮށް ހުންނަވާ ސަރުކާރުގެ ވަފްދެކެވެ.

އަލްބަނީޒް މި ފަހަރު ނޭޓޯ ސަމިޓަށް ވަޑައިނުގަތުމުގައި އިތުރު އެހެން ސަބަބުތަކެއް ހުރި ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. މީގެތެރޭގައި ނޭޓޯ އަކީ ހުޅަނގަށް ފޫޅުކަނޑާފައި އޮތް ސަލާމަތީ ޖަމާއަތަކަށް ވެފައި -- ނޭޓޯއިން އިންޑޯ ޕެސިފިކް ސިޔާސަތުގެ ތެރެއަށް ވަނުމަށް ހުޅުވިދާނެ ދޮރަކަށް ވެދާނެތީ އެވެ.

ނޭޓޯގެ އަހަރީ ބައެއް ސަމިޓްތަކުގައި އަލްބަނީޒް މީގެ ކުރިންވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. އެއީ 2022 ގައި ސްޕޭންގެ ވެރިރަށް މެޑްރިޑްގައި އޮތް ސަމިޓާއި، 2023 ގައި ލިތުއޭނިއާގެ ވެރިރަށް ވިލްނިއަސްގައި އޮތް ނޭޓޯ ސަމިޓް އެވެ.

އަލްބަނީޒް މި ސަމިޓްތަކުގައި އޭރު ބައިވެެރިވެ ވަޑައިގަތުމާ ގުޅިގެން އޭނާގެ ސިޔާސީ ވާދަވެރިންގެ އިތުރުން ޗައިނާއިން ވެސް ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

ޗައިނާގެ ޝަކުވާއަކަށް ވީ އޮސްޓްރޭލިއާގެ ސަބަބުން އިންޑޯ ޕެސިފިކް ގައުމުތަކުގެ ސިޔާސަތު ބަދަލުކުރުމަށް ނޭޓޯއަށް ފުރުސަތު ލިބިދާނެތީ އެވެ. އަލްބަނީޒްގެ ބައިވެރިވުމުގައި މިފަދައިން ކުރެވޭ އިހުސާސެއް އޮތް ކަމަށް ޗައިނާ އިން ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިންޑޯ ޕެސިފިކްގެ އިތުރުން ނޭޓޯގެ ހައިސިއްޔަތު އޭޝިއާއަށް ފުޅާކުރުމަކީ ވެސް އެ ޖަމާއަތުގެ ވިސްނުމެވެ. އޭޝިއާ ތެރެއަށް ވަދެގަތުމަށް ނޭޓޯއަށް ފުރުސަތު ދޭނެ ދެ ގައުމަކީ ދެކުނު ކޮރެއާ އާއި ޖަޕާން ކަމަށް ބުނެވެ އެވެ.

އަންނަ އަންގާރަ ދުވަހު ވޮޝިންގްޓަނުގައި އޮންނަ ނޭޓޯ ސަމިޓްގައި އެ ޖަމާއަތުގެ 32 މެމްބަރު ގައުމުން ބައިވެރިވާނެ އެވެ.

މީގެ އިތުރުން ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޮލްޓަންބާގްގެ ދައުވަތަށް އިންޑޯ ޕެސިފިކާއި އޭޝިއާގެ ބައެއް ގައުމުތަކުން ވެސް ބައިވެރިވާނެ އެވެ.