ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވާ މީހުންގެ އަދަދާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައިގެ ގޮތުގައި ހޭދަކުރަމުންދާ އަދަދު ހާމަކުރުމަށް ސަރުކާރަށް ލާޒިމުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަހުމަދު ނަސީމު އެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން މީކާއީލް ވިދާޅުވީ ސަރުކާރުގެ މަގާމުތަކަށް މީހުން އައްޔަންކުރުމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާ ބާރުގެ ދަށުން އެކިއެކި މަގާމުތަކަށް އައްޔަނުކޮށްފައިވާ މީހުންގެ އަދަދާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައިގެ ގޮތުގައި ހޭދަކުރަމުންދާ އަދަދު ހާމަކުރުމަށް އިންކާރުކުރަމުންދާ ކަމަށެވެ.
މީކާއީލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބު އަދާކުރުމަށް ބޭނުންވާ މަގާމުތަކަށް މީހުން އައްޔަންކުރުމަށް ގާނޫނުއަސާސީން ރައީސްއަށް ދީފައިވާ އިހުތިޔާރުގެ ބޭނުން ހިފައި ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ ވަރަށްވުރެ އިތުރަށް އަދި އެއްވެސް ހައްދެއް ނެތި ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކޮށްފައިވާ ކަމަށެވެ.
"ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ ވަރަށްވުރެ އިތުރަށް އަދި އެއްވެސް ހައްދެއް ނެތި ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކޮށްފައިވާތީ އަދި އައްޔަންކުރަމުންދާތީ އާއި އަދި ސަރުޚާރު ހިއްސާވާ ކުންފުނިތަކަށް ބޭނުންވާ ވަރަށްވުރެ އިތުރަށް އަދި އެއްވެސް ހައްދެއް ނެތި ވަޒީފާއަށް މީހުން ވައްދައިފައިވުމުގެ ސަބަބުން މުސާރައިގެ ގޮތުގައި އެ ކުންފުނިތަކުން ހޭދަކުރަންޖެހޭ އަދަދު ބޮޑުވެ އެ ކުންފުނިތަކުގެ ހިންގުމަށް ދަތިވާ ހާލަތަށް ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެމުންދާ،" ކަމަށް މީކާއީލް ވިދާޅުވި އެވެ.
އޭނާ ވިދާލުވީ ސިޔާސީ މަގާމުތަކަށް ރައީސް އައްޔަންކޮށްފައިވާ މީހުންގެ ރަސްމީ އަދަދު ސާފުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފިނޭންސް މިނިސްޓަރު އަރިހުން އެދުމުންވެސް އެ މައުލޫމާތު ކޮމިޓީއަށްވެސް ފޯރުކޮށްދީފައިނުވާ ކަމަށެވެ.
މީކާއީލް ވިދާޅުވީ މި މައުލޫމާތު ސަރުކާރުން ހާމަކޮށްފައިނުވާ ކަމަށާއި މަޖިލީހަށްވެސް ހިއްސާކޮށްފައިނުވާއިރު ނޫސްވެރިންނާއި އާއްމު ރައްޔިތުންގެ ތެރެއިން އެ މައުލޫމާތު ހޯދުމަށް އެދި ސަރުކާރުގެ އިދާރާތަކަށް ހުށަހަޅާ މީހުންނަށްވެސް އެ މައުލޫމާތު ދޭން އިންކާރުކުރަމުންދާ ކަމަށެވެ.
ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވާ މީހުންގެ އަދަދާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައިގެ ގޮތުގައި ހޭދަކުރަމުންދާ ޖުމްލަ އަދަދު ހާމަކުރުމަށާއި ރައްޔިތުންގެ މަޖިލީހަށް ފޯރުކޮށްދިނުމަށާއި އަދި މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާ މީހުންނަށް އެ މައުލޫމާތު ދޫކުރަން ސަރުކާރަށް ލާޒިމުކުރުމަށް ގޮވާލާ ހުށަހެޅި މި މައްސަލައަށް ބަހުސްކުރަން ނުފެންނަ ކަމަށް 56 މެންބަރުން ވޯޓު ދެއްވިއިރު ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.