އެމްޑީޕީ

އިގްތިސާދު ރިފޯމްކުރަން ތާއީދު: އެމްޑީޕީ

ދައުލަތުގެ ހަރަދު ކުޑަކުރުމަށާއި އިގްތިސާދު ރިފޯމް ކުރަން ސަރުކާރުން ހުށަހަޅާފައިވާ އިގްތިސާދީ ބިލްތަކަށް އިދިކޮޅު އެމްޑީޕީން ތާއީދުކުރާ ކަމަށް ބުނެފި އެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގައި ހިމެނޭ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވާ އިގްތިސާދީ ރިފޯމް އެޖެންޑާގައި ހިމެނޭ ތިން ބިލަކަށް އެމްޑީޕީން ތާއީދު ކުރާނެ ކަމަށެވެ.

"އޭގެ ތެރޭގައި ސަބްސިޑީ ރީފޯމް، އެއީ އަޅުގަނޑުމެން ހަމަގައިމުވެސް ތާއީދުކުރާ ކަމެއް. އެކަމަކު މަހުގެ އަގު ދަށް ކުރުމަކީ އަޅުގަނޑުމެން ތާއީދު ކުރާ ހުށަހެޅުމެއް ނޫން،" ޝަމްހީދު ވިދާޅުވި އެވެ.

ކުރިން ޓްރާންސްޕޯޓް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ޑރ. ޝަމްހީދު ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަކުރުމަށް ކުރެވޭނެ އެންމެ މުހިއްމު އެއް ކަމަކީ ސިޔާސީ މަގާމުތަކާއި ކުންފުނިތަކުގައި ސިޔާސީ ބޭނުމުގައި ދީފައިވާ ވަޒީފާތައް މަދުކުރުން ކަމަށެވެ. ހަމައެކަނި މުސާރައަށް ކޮންމެ މަހަކު 800 މިލިއަން ރުފިޔާއާ ގާތް ކުރާ އަދަދެއް ހަރަދު ކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

ޝަމްހީދު ވިދާޅުވީ ބޭރުގެ މާލީ އިދާރާތަކުގެ އިތުބާރު ހޯދުމަށްޓަކައި ސަރުކާރުން ސީރިއަސް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އެ މަސައްކަތްތަކުގައި އެމްޑީޕީގެ ފުރިހަމަ ބައިވެރިވުން ސަރުކާރާ އެކު އޮންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ ސިޔާސީ މަގާމުތައް ހާމަކުރުމަށް ގޮވާލައި އެމްޑީޕީން މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލުމަކީ އެ ޕާޓީން ކަންބޮޑުވާ ކަމެއް ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ އެމަނިކުފާނުގެ ސަރުކާރުގައި ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށް ވުރެ އިތުރު ނުވާނެ ކަމަށް ވައުދުވެވަޑައިގަތުމަށްފަހު އެވެ. އެކަމަކު އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި މިސަރުކާރުގައި 2،000 އާ ގާތް ކުރާ އަދަދަކަށް ސިޔާސީ މަގާމު އުފައްދައިފި އެވެ.