ވާހަކަ

މިލްކުވާނެބާ

(2 ޖުލައި 2024 އާ ގުޅޭ)

"މައި ބޭޑް ލަކް." ޕްރޮޖެކްޓް އޮފީހުން ނުކުމެ މަގުމަތި ފެންނާނޭހެން އަސްކަނި ދަށުގައި މަޑުކޮށްލައިގެން ވިސްނަން ހުރެފައި އަމިއްލަ ނަފްސަށް ނިސްބަތްވާހެން މާޔާއަށް ބުނެލެވުނެވެ. ބޯކޮށް ވެހެމުންދިޔަ ވާރޭއަށް ނަޒަރު ހުއްޓާލައިގެން ހުރި އިރު ދިރިއުޅުން ފަސޭހަވާނޭ މަގެއް އަދި އޭނާއަކަށް ނުފެނެޔޭ ހިތަށް އެރި އެވެ.

"އިޒިކް..." ޚިޔާލުތަކުގައި ހުރެ މަޑުމަޑުން މާޔާއަށް ކިޔާލެވުނެވެ. ލުހާމްދެކެ ފޫހިވީ ފަދައިން އިޒީކިއަލްދެކެ ފޫހި ނުވެވިގެން މިއުޅެނީ ކީއްވެބާއޭ މާޔާއަށް އަމިއްލަ ނަފްސާ ސުވާލު ކުރެވުނެވެ. އޭނާ އެފަދައިން އެ ސުވާލު ކުރާ މީ ފުރަތަމަ ފަހަރެއް ވެސް ނޫނެވެ. އެހެން ފަހަރު ތަކެކޭ އެއްގޮތަށް މިފަހަރު ވެސް މާޔާގެ އަތަކު އެ ސުވާލަށް ދޭނޭ ޖަވާބެއް ނެތެވެ.

* * * * *

އެނބުރި މާލެ ދިއުމުގެ ކުރީން އެންމެ ފަހުގެ ކަންކަން ނިންމުމަށް ބޭއްވި ބައްދަލުވުން ނިންމާފައި އެންމެންހެން ބައްދަލުވުން އޮތް ކޮޓަރިން ނުކުންނަން ފެށި އެވެ. ހަތޫނާއި ލުހާމް ވެސް ބައްދަލުވުން ނިންމާފައި ނުކުމެގެން އައީ ޕްރޮޖެކްޓް އޮފީހުން ނުކުންނާށެވެ. ނަމަވެސް ހަތޫން މަޑުޖެހުނީ ޕްރޮޖެކްޓް އޮފީސް ކައިރިޔަށް މަޑުކޮށްލި ކާރުން ފޭބި އަންހެން ކުއްޖާ ފެނިގެންނެވެ. އެއްފަރާތުގައި ހަރުކޮށްފައި ހުރި ބޯޑަށް އެ އަންހެންކުއްޖާ ބަލާލީ ގޮތުން ހީވަނީ އާދެވުނީ ކޮންތާކަށްތޯ ޔަޤީންކޮށްލީ ހެންނެވެ. އަދި އެ އަންހެންކުއްޖާ އެ އޮފީހަށް ވަންނަން އައެވެ.

"ލުހާމް!... ހަނދާންވެއްޖެ!." ހަތޫނަށް ބުނެލެވުނީ ނިކަން އުފާވެފައި ހުރެ އެވެ.

"ކޯއްޗެއް؟." އަދި މިވަނީ ކިހިނެއްކަމެއް ލުހާމަށް ނޭނގުނެވެ.

"އަހަރެން ކިޔަމެންނު އެ އިޒީކިއަލް ކޮންމެވެސް ތާކުން ދުށީމޭ. މިއޮއް އަންނަނީ ކާކުކަން އެނގޭތަ؟. އޭނާ ފެނުނީމަ މި ހަނދާންވީ. އެހެންވީމަ މިޔާ އެއީ އޭނާގެ ވަގުބިޓު ދޯ. ހެ ހެ ހެ." ހަތޫން ހޭންފެށި އެވެ.

"މަށަކަށް ގެޓެއްނުވި." ލުހާމް ބުންޏެވެ.

"ޒާހިލްއަކީ ކާކުކަން އެނގެއެއްނު. އޭނާގެ ވެޑިންގައި މީހަކު ނަގާފައި ހުރި ޓިކްޓޮކެއް ފެނިގެން ދެއްކީމެންނު. ހަނދާންކޮށްބަލަ... އޭގައި ވެޑިން ކަޕްލް ކައިރީ ތިބީ އިޒީކިއަލްއާއި މިހުރި އަންހެންކުއްޖާ. އެއީ އޭނާގެ ވައިފް. އެމީހުންގެ ދަރިއަކު ވެސް އެބަހުރި. ލުހާމު ވެސް ހީކުރީ އިޒީކިއަލްއަކީ މިޔާގެ ބިޓުކަމަށް... އެ ދެ މީހުން ފެންނަ ކޮންމެ މީހަކަށް ވެސް ހީވާނީ އެހެން. މިޔާ މިވީ މީހެއްގެ ފިރިއެއްގެ ވަގު ބިޓަށް." އަނެއްކާ ވެސް ހަތޫން ހޭންފެށި އެވެ.

"ލާރި އޮތް މީހަކު އަތުއަޅުވާލީ ދޯ. އެހެންވީމަ ހަތޫ ކިހިނެއް ތި ވިސްނަނީ؟. އަހަރެންނަށް އެނގޭ ތި ބޮލުތެރޭ ރޭވުމެއް ކުރިޔަށްދާކަން." ލުހާމަށް ބުނެވުނެވެ. އަދި ހަތޫންގެ ހުނުމަކީ އޭނާ ނުބައި ރޭވުމެއް ރާވަމުންދާކަމުގެ ރަމްޒެއްކަން ލުހާމަށް ނަގައިގަނެވުނެވެ.

"ބަލަން ހުރޭ. އަންނާނަން ރަނގަޅު ފިލްމެއް ޑައިރެކްޓްކޮށްލާފައި." ހެވިފައި ހުރެ ހަތޫން ބުންޏެވެ. އޭނާ ހިނގައިގަތީ އޮފީހަށް ވަދެގެން އަންނަ އަންހެންކުއްޖާއާ ދިމާއަށެވެ.

"ހެލޯ... ތީ އިޒީކިއަލްގެ ވައިފް ދޯ." ހަތޫން އައިސް އެ އަންހެންކުއްޖާގެ ކައިރީ ހުއްޓެމުން ފުޅާ ހިނިތުންވުމަކާއެކު އަހާލި އެވެ.

"ވައިފް... އާން. މީ އޭނާގެ ވައިފް... އެކަމަކު ތީ ކާކުކަމެއް ނޭނގޭ." އެ އަންހެންކުއްޖާ ބުނެލި އެވެ.

"އިޒީކިއަލް ވައިފްކަން އެނގޭ. އެކަމަކު ނަމެއް އަދި ނޭނގޭ." ހަތޫން ބުންޏެވެ.

"ސޫޒަން. ކިހިނެއްވީ؟. އަދި ވެސް ތީ ކާކުކަމެއް ނުބުނަމެންނު." ސޫޒަންގެ މޫނުގައިވީ ހައިރާންކަމެވެ. ކުރިމަތީ ހުރީ މީގެ ކުރީން ދެކިފައިނުވާ އަންހެންކުއްޖެކެވެ.

"އަހަރެންނަކީ ކާކުތޯ ބަލާހާ މުހިންމު މީހެއްނޫން. އެކަމަކު ސޫޒަންގެ ސަމާލުކަން ހުއްޓޭވަރުގެ ބޮޑު ވާހަކައެއް ޚިއްޞާކޮށްލަން މި އައީ." ހަތޫން ބުނެލީ ނިކަން ޔަޤީންކަމާއެކީ އެވެ.

"އޮފީސްތެރޭ ހިނގާ ކަންކަމުގެ ގޮސިޕްސް އަޑުއަހާކަށް އަހަރެންގެ އިންޓަރެސްޓެއްނެތް. އެހީއެއް ބޭނުންވެގެން އުޅޭނަމަ އެކަހަލަ ކަންކަމުގައި އިޒީކިއަލްއާ ކޮންޓެކްޓް ކުރުން ރަނގަޅުވާނީ." ހަތޫންގެ ނިޔަތާމެދު ސޫޒަނަށް ޝައްކެއްވާތީ ބުނެލި އެވެ. އަދި އޭނާ ހިނގައިގަތީ އިޒީކިއަލްގެ ޚަބަރެއް އޮޅުންފިލާނޭ މީހަކު ހޯދުމަށެވެ. އެހިނދު ސޫޒަންގެ ކޮނޑުގައި ހަތޫން އަތްބާއްވާލައި ނިކަން ގާތަށް ޖެހިލައިފި އެވެ.

"ސޫޒަންގެ ފިރިމީހާ އުޅެނީ ބިޓެއް ނަގައިގެންކަން އެނގޭތަ؟. އެ ދެ މީހުން އުޅެނީ އެކީގައި... ޔަޤީންތަ އިންޓަރެސްޓެއްނެތްކަން މި ވާހަކަތައް އަޑު އަހަން." ސޫޒަންގެ ކަންފަތްބުޑުގައި ސިއްރުން ހަތޫން ބުނެލީ ނުބައި ހިންޏެއް އައިސްފައި ހުރެ އެވެ. ވަގުތުން ސޫޒަންގެ ދެ ބުމަ ގުޅިގެން ދިޔަ އެވެ. މީހާގެ ޠަބީޢަތް ގޯސްވެއްޖެ އެވެ.

"ވޮޗް ޔޯ މައުތް. ތި ދައްކަނީ އަހަރެންގެ ފިރިމީހާގެ ވާހަކަ. އޭނާ ތިކަހަލަ ހުތުރުކަމެއް ނުކުރާނެ." ސޫޒަން ވަގުތުން ރައްދު ދީފި އެވެ. އެ ޖަވާބު އަހާފައި ހަތޫނަށް ހެވިއްޖެ އެވެ.

"އޯ... އެހާ ވެސް އިތުބާރުކުރަން ދޯ. އެކަމަކު ބުނަންތަ... މީޓިންރޫމުން އެންމެން ނުކުމެއްޖެ. އެތަނުން ނުނިކުންނަނީ އޭގެ ދެ މީހުން އެކަނި. މީޓިން ކުރިޔަށްދިޔައިރު ހުރީ ހުރިހާ ބްލައިންޑްސްތަކެއް ދަމާ މުޅިތަން ނިވާކޮށްފައެއްނޫން. އެކަމަކު މިހާރު އެތާ ތެރޭގައި ހިނގާކަމެއް މީހަކަށް ފެންނަހެންތަ އެ ހުރީ. މިތަނަށް އައިސް ގޮސް ހަދަނީ ވެސް ދެ މީހުން އެކީގައި. އުޅެނީ ވެސް ދެ ލޯބިވެރީންހެން." ހަތޫން އިޝާރާތުން ބައްދަލުންވުން ބާއްވާ ކޮޓަރި ދައްކާލަމުން ވާހަކަ ދެއްކި އެވެ.

"ވަޓް... އެހެންވެތަ އިޒީކިއަލް މާ ބިޒީވެގެން މިއުޅެނީ. އިރުއިރުކޮޅާ ޕްރޮޖެކްޓޭ ކިޔައިގެން ދަތުރު ކުރަނީ." ހަތޫންގެ ވާހަކަތައް އިވިފައި ސޫޒަންގެ ހިތަށް އެރި އެވެ. އޭނާއަށް ވިސްނާލެވުނީ ފަހަކަށް އައިސް އިޒީކިއަލް އޭނާއާ މާބޮޑަށް ދުރުވާން ފަށައިފިކަމެވެ. އަބަދު ހުންނަނީ މަސައްކަތާ ހެދި ބިޒީވެފަ އެވެ. ގެއަށް އަންނައިރު ހުންނާނީ ވަރުބަލިވެގެން އަވަހަށް ނިދަން ބޭނުންވެފަ އެވެ. ހިތްހަމަޖެހިލައިގެން އިޒީކިއަލްއާ ވާހަކަދައްކާލާނޭ ވަގުތު ވެސް ހަޤީޤަތުގައި ސޫޒަންއަކަށް ނުދެ އެވެ. ޝަކުވާކޮށް ސޫޒަން ރޯން ފަށައިފިއްޔާ އިޒީކިއަލް ބުނާނީ ފަށައިގެން އުޅޭ ޕްރޮޖެކްޓް ނިމުނީމާ ވަގުތު ލިބޭނެކަމެވެ. އަދި އެހާތަނުން ސޫޒަންއަށް ވަގުތު ދޭނަންކަމެވެ. ސޫޒަންއަށް އޮންނަނީ އިޒީކިއަލްގެ ބިޒީކަން ކެނޑެންދެން ކުޑަ ދުވަސްކޮޅަކަށް ކެތްކޮށްލަން ޖެހިފަ އެވެ. ދުވަހަކުވެސް އެބުނާ ބިޒީކަމެއް ކުޑަވާ ވަގުތެއް އަދިއެއް ނާދެ އެވެ.

"ތިކަހަލަ ދޭތެރެޖެހޭ ވާހަކަ ދައްކަން ވެދާނެތަ. އަހަރެންނަށް ޔަޤީން ތި އުޅެނީ އޮޅިންގެންކަން." ހިތްހަމަނުޖެހުނުކަން ދައްކަމުން ސޫޒަން ބުންޏެވެ. އަދި އޭނާ ހިނގައިގަތީ ހަތޫން އިޝާރާތްކުރި ބައްދަލުވުން ބާއްވާ ކޮޓަރިއާ ދިމާއަށެވެ.

"ހެ ހެ ހެ... މިފަހަރު ރީތި ގޮތަކަށް މިޔާ ބެދޭނެ." ސޫޒަން ދިޔަ ދިމާއަށް ބަލަން ހުރެ ހަތޫން ބުނެލީ ނުލަފާ ހިންޏެއް އައިސްފަ އެވެ.

ބައްދަލުވުން ނިމުމުން ވެސް މާޔާ ނުތެދުވެ އިނީ ކުރިމަތީ އޮތް ފައިލުގައި ހުރި ޕްރޮޖެކްޓާ ބެހޭ ކަރުދާސްތަކަށް ގެއްލިފައި އިނީތީ އެވެ. އިޒީކިއަލްއަށް ފޯނުކޯލެއް އައީ ވެސް އެވަގުތެވެ. ހިލްމީގެ ކޯލު ނަގަން އޭނާ އެއްފަރާތަށް ޖެހިލި އެވެ.

"ކިހިނެއް؟. ހިލްމީ ބަލަން ޖެހޭނެ އެއްނު. އާން... އެންމެ ރަނގަޅު. އަހަރެން އޭނާއަށް ގުޅާނަން." ހިލްމީ ދެއްކި ވާހަކައާ މެދު ހިތްހަމަނުޖެހިފައި ހުރެ އިޒީކިއަލް ފޯނުކޯލު ނިންމާލި އެވެ.

ހިލްމީ ދިނީ އިޒީކިއަލް ކަންބޮޑުވާންޖެހޭވަރު ޚަބަރެކެވެ. ދަރިފުޅު ހައިކް ގޮވައިގެން ސޫޒަން ކޮންމެވެސް ރަށަކަށް ފުރައިގެން ދިޔަ ވާހަކަ އެވެ. ހިލްމީއަށް އަންގާލުމެއްނެތި އަމިއްލައަށް ސޫޒަން ދަތުރު ހަމަޖައްސާލީ އެވެ. އިޒީކިއަލްގެ ބޮލުގައި ރިއްސާލި އެވެ. ސޫޒަން ދިޔަތަނެއް ބަލަން ޖެހެ އެވެ. އެހެންނަމަވެސް އޭނާ ފޯނުކޯލު ނިންމާލާފައި އެނބުރުނު ހިނދު ލޮލުގައި އަޅައިގަތީ މޭޒު ދޮށުގައި އިން މާޔާ އެވެ. ސޫޒަން ވީ ކޮންތާކުތޯ ބެލުމަށްވުރެ އިޒީކިއަލް ވަނީ މާޔާގެ ކައިރިން ކަމެއް އެނގެން ބޭނުންވެފަ އެވެ. މަޑުމަޑުން ބައްދަލުވާ ކޮޓަރީގެ ފަރުދާތައް ދަމާލައި އެތެރޭގައި ހިނގާ ކަމެއް އޮފީސްތެރޭ އުޅޭ މީހުންނަށް ނުފެންނާނޭހެން އެ ކޮޓަރި ނިވާކޮށްލައިފި އެވެ. އަތުގައި އޮތް ފޯނު ފަޓުލޫނުގެ އަރިމަތީ ޖީބަށް ކޮށްޕާލަމުން އިޒީކިއަލް އައިސް ހުއްޓުނީ މާޔާގެ ކައިރީ އެވެ. މާޔާ އިސްއުފުލާ ބަލާލުމުން އޭނާގެ ވައަތު އުޅަންބޮށްޓާއި ހަމައިގައި އިޒީކިއަލް ހިފާލުމާއެކު ކޮޅަށް ނަގައިފި އެވެ. ސިހުމާއި ހައިރާންކަން މާޔާގެ ފުށުން ފާޅުވި އެވެ. ގޮނޑީގައި ފައިން ޖަހާ ދުރަށް ގޮނޑި ދުއްވާލުމާއެކު އިޒީކިއަލްއާ ކުރިމަތިވާނޭ ހެން މާޔާ އަނބުރާލި އެވެ.

"ކީއްކުރަން ތިއުޅެނީ؟." ހާސްކަމާއެކު މާޔާއަށް ބުނެވުނެވެ.

"އަހަރެންނަށް ކިޔައިދޭން ޖެހޭ ވާހަކައެއް ނެތްތަ؟." އިޒީކިއަލް މިހެން ބުނެ މާޔާގެ ދެ ފަރާތުން މޭޒުގައި އަތް ވިއްދާލި އެވެ. ދެ ފަރާތުން މާޔާ ހައްޔަރުވީ އިރު ފަހަތުން އޭނާ ހުރީ މޭޒުގައި ޖެހި ފިތިފަ އެވެ. އިޒީކިއަލް އޭނާއާ ދިމާއަށް ގުދުވެލީތީ މާޔާ އިތިވެލީ އޭނާއާ ދުރަށެވެ. ހަށިގަނޑު ފަހަތަށް ވެއްޓޭ ގޮތްވެ މޭޒުގައި މާޔާގެ ދެ އުޅަންބޮށިކޮޅު ޖައްސާލެވުނެވެ.

"ކޮންވާހަކައެއްތަ؟." މާޔާ ބުނެލި އެވެ.

"އެ ދެ މީހުންނަކީ ކޮންބައެއްކަން ބުނާކަށް އަދިވެސް ނުވޭތަ؟. ލުހާމް... އެ ލުހާމަކީ ކާކުތަ؟." އިޒީކިއަލް ސުވާލުކުރި އެވެ.

"އިޒީކިއަލް ކައިރީ ބުނަންޖެހޭވަރު ވާހަކައެއްނެތް. އެހެންނޫނަސް ތިހެން އުޅޭން ނޭނގޭތަ މީ އެތައް ބަޔަކު މަސައްކަތް ކުރާ އޮފީހެއްކަމެއް." މާޔާ ހުރީ އިޒީކިއަލްގެ އަތްދޮށުން ސަލާމަތްވާން ބޭނުންވެފަ އެވެ.

"މިޔާއަށް ނޭނގޭތަ..." އިޒީކިއަލްގެ ވާހަކަ ފުރިހަމަ ނުވަނީސް ކުއްލިއަކަށް އެ ތަނުގެ ދޮރު މީހަކު ހުޅުވާލައިފި އެވެ.

ބައްދަލުވުން ބާއްވާ ކޮޓަރިއަށް ވަން ސޫޒަންއަށް ލިބުނީ ބޮޑު ސިހުމެކެވެ. އޭނާގެ ފިޔަވަޅު ހުއްޓުމަކަށް އައެވެ. މޭޒު މައްޗަށް ވެއްޓިފައި އޮތް އަންހެންކުއްޖާއާ ދިމާއަށް ގުދުވެ އޮތީ އިޒީކިއަލް އެވެ. އެ އަންހެންކުއްޖާ ވަނީ އިޒީކިއަލްގެ ދެ އަތުގެ ތެރޭގައި ހައްޔަރުވެފަ އެވެ.

"އިޒީ..." ސޫޒަން ކިޔާލި އެވެ. އެތައް ޖަޒުބާތެއް އެވަގުތު ސޫޒަންގެ ހިތާއި ސިކުނޑިއަށް އަރައިފައިބަމުން ދިޔަ އެވެ.

"ސޫޒަން." އަޖައިބުވެފައި ހުރެ އިޒީކިއަލްއަށް ބުނެލެވުނެވެ. އޭނާ ނިކަން އަވަހަށް މާޔާގެ ކައިރިން ދުރަށް ޖެހިއްޖެ އެވެ. އަދި ވަގުތުން ސޫޒަންގެ ގާތަށް އަތުވެއްޖެ އެވެ.

"ސޫޒީ މިތާ ކީއްކުރަނީ؟." އިޒީކިއަލްއަށް ބުނެވުނެވެ. އެހިނދު ސޫޒަން ނިކަން ފަރުވާތެރިކަމާއެކު އިޒީކިއަލްއާއި މާޔާއަށް ބަލާލި އެވެ. އަދި އޭނާގެ މޫނުގައިވީ އަސަރުތައް ހިނިތުންވުމަކުން ފަރުދާކޮށްލަމުން އިޒީކިއަލްއާ ގާތަށް ޖެހިލި އެވެ.

"ހައިކް އަބަދު ބައްޕަ ކޮބާހޭ އަހާވަރުން... އަހަރެމެން އިޒީ މިސްވާވަރުން މިއައީ. އައި ޕްރޮމިސް. އިޒީގެ މަސައްކަތަށް ހުރަސް އެޅޭ ކަހަލަ ކަމެއް އަހަރެމެން ނުކުރާނަން. ވީ ޖަސްޓް ވޯންޓް ޓު ސްޓޭ ވިތް ޔޫ." އިޒީކިއަލްގެ މޭގައި ފިރުމާލަމުން ސޫޒަން ބުންޏެވެ.

"އޯ... އޯކޭ... މިކޮޅުގެ މަސައްކަތްތައް ނިމިއްޖެ. ކޮބާ ހައިކް؟. އެންމެން އެއްކޮށް ލަންޗަށް ދަމާ." އިޒީކިއަލް ބުންޏެވެ.

މޭޒުމަތީ އޮތް މާޔާގެ ފައިލާއި ނޯޓުކުރާ ފޮތް އެއްކޮށްލުމާއެކު ނެގި ގޮތަށް މޭގައި ޖައްސާ ހިފަހައްޓާލި އެވެ. އޭނާއަށް އިޒީކިއަލްއާއި ސޫޒަން ދައްކާ ވާހަކަތައް އަޑު އިވެ އެވެ. ސޫޒަން ވަން ވަގުތު އޭނާއަށް މާޔާ ފެނުނު ގޮތް ހިތަށް އަރާފައި އޭނާ ހުރީ ލަދުގެންފަ އެވެ. އެހެންވިޔަސް އެތަނުގައި އިތުރަށް މަޑުކުރުން ރަނގަޅެއް ނުވާނޭކަން މާޔާއަށް ވިސްނުނެވެ. ނުކުންނަން އެނބުރިލުމާއެކު ސޫޒަންއާއި އިޒީކިއަލް ތިބިލެއް ގާތްކަން މާޔާއަށް ފެނި ހިތަށް ތޫނު ތަދެއް އިޙްސާސް ކުރެވުނެވެ. އެ ދެމެދުގައިވާ ގާތްކަން މާޔާއަށް އުނދަގޫކުރި އެވެ.

"އިޒިކް މީހަކާ އިނީތަ؟. މީ އިޒިކްގެ ވައިފްތަ؟. އެމީހުންގެ ދަރިއަކު ވެސް އެބަހުރި... އަނތްބަކު ހުރިއިރު އިޒީކިއަލް އެހެން އެ އުޅެނީ. ދެންމެ... އޭނަ ވައިފް ކީކޭ ހިތަށް އަރާނީ." ހިތާހިތުން މާޔާއަށް ކިޔާލެވުނެވެ. އޭނާ އެންމެ ސުކުންތަކަށް ވެސް އެތާ ހުންނާކަށް ބޭނުމެއްނުވި އެވެ.

"ދަނީ." މާޔާ ނުކުންނަން ދަމުން ބުނެލި އެވެ.

"މަޑުކޮށްލަބަލަ. ތީ އިޒީގެ ވަރަށް ކްލޯޒް ފްރެންޑެއްހެން ހީވަނީ. އަހަރެމެން ލަންޗަށް ދާން މިއުޅެނީ. އަހަރެމެންނާ ބައިވެރިވާންވީނު. ދެން ނޭނގެ މިހެން ބައްދަލުވާނީ ކޮންދުވަހަކުން ކަމެއް." ސޫޒަން ވާހަކަދެއްކީ ހިނިތުންވެލައިގެން ހުރެ އެވެ. އެ ހިނިތުންވުމުގެ ފަހަތުގައި އިތުރު މޫނުމައްޗެއް ވާކަމެއް އެކަކު ވެސް ނުދެނަހުއްޓެވެ.

"ސޮރީ. އަހަރެންގެ އެބައޮތް އެހެން އެޕޮއިންމެޓެއް. ޢާއިލީ ލަންޗެއްނު. ތި މީހުން އިންޖޯއިކޮށްލާ." މާޔާ މިހެން ބުނުމާއެކު މަޑުކުރުމެއްނެތި އަވަސްއަވަހަށް އެތަނުން ނުކުތީ އެވެ. އެމީހުން ނުފެންނާނޭހާ ދުރަށް ދާން އޭނާގެ ހިނގުން ދުވުމަކަށް ބަދަލުކޮށްލި އެވެ.

މާޔާ ދިޔަ ދިމާއަށް އިޒީކިއަލް ބަލަހައްޓައިގެން ހުރިއިރު ސޫޒަންއަށް ފެނުނީ މީގެ ކުރީން ދުވަހަކުވެސް އިޒީކިއަލްގެ ފުށުން ނުފެންނަ އަސަރެކެވެ. އެ ދެ ލޮލުގައި ރިހުން އެކުލެވިފައިވާ ކަހަލަ އެވެ. ކަންތައް ހިނގައިދިޔަ ގޮތާމެދު އިޒީކިއަލް ގަޔާނުވީކަމުގައި ވެދާނެ އެވެ.

"ވެލް... އައި ގެސް... އަހަރެންނަށް މި ވައްޓާލެވުނީ ރަނގަޅުތަނަށް. އެންމެ ރަނގަޅު ވަގުތުގައި." ވިހަ ހިނިތުންވުމެއް އެތެރެއަށް ހިންދާލަމުން ސޫޒަން އަމިއްލަ ހިތާ ވާހަކަދެއްކި އެވެ.

"އޭނާ އެ އުޅެނީ އިޒީކިއަލް ހައްލާލަންތަ. އަހަރެން ހުއްޓާ އެހެންވާނެތަ... ހުރެބަލަ ނިކަން. ރީތި ލަނޑެއް ދޭނަން." އަމިއްލަ ނަފްސާ ވާހަކަދައްކަމުން ސޫޒަން ބުންޏެވެ.

* * * * *

ގެސްޓްހައުސްއަށް އެނބުރި އައިގޮތަށް މާޔާ ކޮޓަރިން ނުނިކުމެވެ. އޭނާއަށް ރޮވޭވަރުން ފާޚާނާއަށް ވަނީ ފެންވަރާލުމަށެވެ. ސިކުނޑި ތާޒާވާނޭ ހީކޮށެވެ. އެހެންނަމަވެސް ފެންވަރަން ހުރިއިރު ވެސް މާޔާ ލޮލަށް ސިފަވަނީ އިޒީކިއަލްއާއި ސޫޒަންނެވެ. އެ ދެމެދުގައި ދެކެވުނު ވާހަކަތައް ކަންފަތުގައި އަދިވެސް ހުރީ ހަރުލާފަ އެވެ.

"ލޯބިލޯބި އަނތްބަކާއި ދަރިއަކު ހުއްޓާ ވެސް އިޒީކިއަލް އަހަރެންނަށް މިހެން އެ ހަދަނީ ކީއްވެ؟... ހެޔޮނުވާނެ. އަހަރެން ދޫކޮށްލަބަލަ. އަހަރެންގެ ހިތް މިވަނީ އަލުން ރާވަން ނޭނގޭވަރަށް ފުނޑުފުނޑުވެފައި. ޕްލީޒް އިޒިކް. ތި ހަރުހިތުގައި ކުޑަ ވެސް ރަހުމެއް ހަމްދަރުދީއެއް ނެތީތަ؟." މާޔާ މޫނުގައި އަތް އަޅައިގެން ހުރެ ކިޔަމުންދިޔަ އެވެ.

ފެންވަރައިގެން ނުކުމެ އެނދުގައި މާޔާ އިނީ އެއްވެސް ދިރުމެއްނެތް ބުދެއްހެންނެވެ. ރުއިމުގެ ސަބަބުން އެ ދޮން ކޯތާފަތާއި ނޭފަތުގެ ކޮޅަށް ރަތް ޖަންބުކުލަ ވެރިވެފައި ހުއްޓެވެ. ދެ ލޮލުގައިވީ އިންތިހާ ހިތާމައިގެ އަސަރެވެ. ކޮޓަރީގެ ދޮރުގައި ޓަކި ޖަހާއަޑު އިވުނީ އެގޮތަށް މާޔާ އިންދަ އެވެ. ލައިގެން ހުރި "ރޯބް" ރަނގަޅުކޮށްލާފައި މާޔާ އައިސް ދޮރު ހުޅުވާލީ ކާކުތޯ ފެންނާނޭ ވަރަށް ކުޑަކޮށެވެ.

"މާޔާއަށް ލަންޗު ފޮނުވާފައި ހުރީމަ." ގެސްޓްހައުސްގެ ސްޓާފަށް މާޔާ ފެންނައިރަށް ބުނެފި އެވެ.

"އަހަރެން އޯޑަރެއް ނުކުރަން." މާޔާ ހައިރާންކަމާއެކު ބުންޏެވެ.

"މިސް މާޔާއަށް އެޑްރެސްކޮށް މިކޮޅަށް ފޮނުވާފައި ހުރި އެއްޗެހި މީ." އެ ފިރިހެންކުއްޖާ ބުނެލި އެވެ.

"އޯކޭ." މާޔާ މިހެން ބުނެލީ ބަނޑުހައި ވެސް ވެފައި ހުރީމަ އެވެ. އަނެއްކޮޅުން އޭނާގެ ހިތަށް އެރީ އިޒީކިއަލް ކާން ގޮސްފައި ކާއެއްޗެހި އޭނާއަށް ފޮނުވީ ކަމަށެވެ. އޭނާ ކައިގެންތޯ ހުންނަނީ އިޒީކިއަލް ބަލާތީ އެވެ.

މާޔާގެ ކޮޓަރިއަށް ކާތަށިތައް އަތުރާފައިވާ ތަބަށް ގެންގޮސް ދިނުމަށްފަހު ގެސްޓްހައުސްގެ ސްޓާފު އެ ކޮޓަރިން ނުކުތެވެ. އަދި އޭނާ އަތުކުރީ އޮތް ގަޑިއަށް ބަލަން އެ ކޮޓަރީގެ ބޭރުގައި މަޑުކޮށްލައިގެން ހުއްޓެވެ. ވިއްސަކަށް މިނެޓު ފާއިތުވަންދެން އޭނާ އެގޮތުގައި ހުރުމަށްފަހު މާޔާގެ ކޮޓަރީގައި ޓަކި ޖެހި އެވެ. އެތެރެއިން އެއްވެސް އަޑެއް ނީވުނެވެ. އެއާއެކު އޭނާ ކޮޓަރީގެ ދޮރު ހުޅުވާލަން ތަޅުގައި ހިފާލުމާއެކު ހުޅުވިއްޖެ އެވެ. ކޮޓަރި ތެރެއަށް ނަޒަރު ހިންގާލައިފައި އަވަހަށް ދޮރުލައްޕާލި ގޮތަށް އޭނާ ނެގީ ފޯނެވެ.

"ހެލޯ. އެކަންތައް ވެއްޖެ. ޑޯންޓް ވޮރީ." އޭނާ މީހަކަށް ގުޅައިގެން ހުރެ ބުންޏެވެ.

(ނުނިމޭ)