ޑރ. މުހައްމަދު ޝަފީގު

އޮޑިޓަރުން ބޭރުގެ ވަޒީފާތަކުން ފެންނަން ބޭނުން: ޝަފީގު

ރާއްޖެއިން ބޭރުގައި ދިވެހި އެކައުންޓެންޓުން މަސައްކަތްކޮށް ބޮޑު އާމްދަނީއެއް ހޯދާ ތަން ދެކެން ބޭނުންވާ ކަމުގައި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ އިންޓާނަލް އޮޑިޓް ކޮންފަރެންސްގައި ވާހަަކަދައްކަވަމުން މިނިސްޓަރު ޝަފީގު ވިދާޅުވީ އެކައުންޓެންޓުން ހާއްސަކޮށް ދިވެހި އެކައުންޓެންޓުން އަދިވެސް ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އެހެންވެ ދިވެހި އެކައުންޓެންޓުން އުފެއްދުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ދަށުން މިދާއިރާ އިން ސްކޮލާޝިޕްތަކެއް ހުޅުވާލާފައިވާ ކަމަށް ވިދާޅުވި އެވެ.

ޝަފީގު ވިދާޅުވީ އެކައުންޓެންޓުން އެ މީހުންގެ މަސައްކަތަށް އިހްލާސްތެރިނަމަ މިހާރަށް ވުރެ ވެސް ބޮޑު އާމްދަނީއެއް ހޯދޭނެ ކަމަށެވެ. މިހާރުވެސް ދައުލަތަށް އިންކަމް ޓެކްސް ދައްކާ މީހުންގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދައްކާ އެއް ބަޔަކީ އެކައުންޓެންޓުން ކަމަށްވެސް ވިދާޅުވި އެވެ.

"ދެކެން ބޭނުންވަނީ އެ އެކައުންޓަންޓުން ބޭރުގެ އެކި މަސައްކަތްތައް ތަޖުރިބާ ހޯދުމަށްވެސް އަދި ރާއްޖެއިން ބޭރުން އާމްދަނީ ހޯދުމަށްވެސް މަސައްކަތްކުރާ ބަޔަކަށްވުން،" ޝަފީގު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީ އެގޮތަށް ލިބޭތޯ ބަލައި އެކަން ދިރާސާ ކުރާ އެއް ބަޔަކީ އެކައުންޓެންޓުން ކަމަށެވެ. އެހެންކަމުން އެކައުންޓެންޓުންގެ މަސައްކަތްތައް މިހާރަށް ވުރެ ބޮޑަށް ހަރުދަނާ ކުރަންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.

"މިއަށްވުރެ އިހްލާސްތެރި މަސައްކަތެއް ކުރާނަމަ މިހާރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ދައުލަތުގެ އިންޓާނަލް އޮޑިޓް ކޮންފަރެންސްގެ މައިގަނޑު ބޭނުމަކީ މިދާއިރާ ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުމެވެ. އަދި މި ކޮންފަރެންސްގެ ތެރެއިން ލިބޭ ހިޔާލުތަކަށް ބަލައި ހަރުދަނާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.