ކޮވިޑް 19 އަށް ފަހު ރާއްޖެއިން ކުރިއަށް ވުރެ ބޮޑަށް ޑޮލަރަށް ބަރޯސާވެފައިވާ ކަމަށާއި ޑޮލަރު ހޯދޭނެ އިތުރު ގޮތްތައް ހޯދުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޝަފީގު ވިދާޅުވީ ރާއްޖެއަށް ޑޮލަރުގެ ބޭނުންޖެހިފައިވާ މިންވަރު މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެހެންވެ ޑޮލަރު ބޭނުންވާ ބޭންކުތަކަށް މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ގިނަ މަޝްވަރާތަކަކާއެކު އިގްތިސާދަށް ބޮޑެތި ބަދަލުތަކެއް ގެންނަން ކުރާ މަސައްކަތުގެ ތެރެއިން 70 މިލިއަން ޑޮލަރުގެ އާމްދަނީއެއް ކައިރި މުސްތަގުބަލެއްގައި ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އަދި ފިސްކަލް ޕޮލިސީ މިހާރު ވަނީ ތައްޔާރުވެފައިވާ ކަމަށާއި ދަރަނީގެ ސިޔާސަތުވެސް އެކުލަވާލާފައިވާ ކަމަށް ވިދާޅުވި އެވެ.
އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރުމަށް އަންނަކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މިހާރު ފިނޭންސް މިނިސްޓްރީން ކުރަމުން އަންނަ އެންމެ މުހިންމު އެއް މަސައްކަތީ 2026 ވަނަ އަހަރު ރާއްޖެއިން ދަރަނީގެ ގޮތުގައި އެކި ފަހަރު މަތިން ދައްކަންޖެހޭ ބިލިއަނެއްހާ ޑޮލަރު ދެއްކުމަށް ވާންޖެހޭ ތައްޔާރީތައްވުން ކަމަށެވެ.
"މީގެއިތުރުން އަންނަ އަހަރަކީ ވެސް ދަރަނިތައް ދައްކަންޖެހޭ އަހަރަކަށް ވުމާއެކު އެ ދަރަނިތައް ދެއްކުމަށް ދުރާލާ ތައްޔާރީތައް ވަމުން މިދަނީ،" ޝަފީގު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރޭވުންތެރިކަމާއެކު އެ އަމާޒު ހާސިލްކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް ކުރިއަށް ދާނީ ރައްޔިތުން ބޭނުންވާ ގޮތަށް، ކުރާ މަސައްކަތުގެ ބުރަ ރައްޔިތުން އުފުލަން ނުޖެހޭ ގޮތަށް ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ކާމިޔާބުވުމުގައި އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތްކޮށްގެން، ރައްޔިތުން ބޭނުންވާ ގޮތަށް، ވީހާވެސް ބޮޑަށް އަޅުގަނޑުމެން ބަލަނީ މި ކުރެވޭ މަސައްކަތުގައި ރައްޔިތުންނަށް އޭގެ ބުރައެއް ނުވާ ގޮތަށް،" މިނިސްޓަރު ވިދާޅުވި އެވެ.
ޝަފީގު އިތުރަށް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އިގްތިސާދީ ހާލަތު އޮތީ މާގޯސްކޮށް ކަމަށެވެެ. ނަމަވެސް ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކާ އެކު އިގްތިސާދު ރަނގަޅު ވެގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ.