ޑރ. މުހައްމަދު ޝަފީގު

ރިފޯމްތަކުގެ އަމަލީ ސިފަ ވަރަށް އަވަހަށް ފެނިގެންދާނެ: ޝަފީގު

ސަރުކާރުން މިހާރު ކުރިއަށް ގެންދާ އިކޮނޮމިކް ރިފޯމް -- ނުވަތަ އިގްތިސާދީ ބަދަލުތަކުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެންނާނެ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޝަފީގު ވިދާޅުވީ މިއަދު ކުރިއަށް ގެންދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އިގްތިސާދީ ބަދަލުތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށްފަހު ނިންމުންތަކެއް ނިންމާފައިވާ ކަމަށެވެ.

ޝަފީގު ވިދާޅުވި ގޮތުންނަމަ އިގްތިސާދީ ބަދަލުތައް ފަށާނީ ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްލާހުކުރުމުގެ މަސައްކަތްތަކުގެ ތެރެއިންނެވެ. އޭގެފަހުގައި އާސަންދައާއި އެންސްޕާގެ ތެރެއިން ކުރަމުންދާ ހަރަދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް ވިދާޅުވި އެވެ.

"މިކަންކަން ކުރުމަށްޓަކައިވެސް އެބަޖެހޭ ވަރަށް ބޮޑު ތައްޔާރީތަކެއް ވާން. އެހެންވީމަ އެ ތައްޔާރީތައް ވެފައި މި އަހަރުގެ ތެރޭގައި އަމަލީ ސިފަ ފެންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ޝަފީގު ވިދާޅުވީ އިގްތިސާދަށް ގެންނަ ކޮންމެ ބަދަލަކީވެސް އާންމު ރައްޔިތުންނާ ވަރަށް ބޮޑަށް ގުޅިފައި އޮންނާނެ ކަމެއް ކަމަށާއި އެހެންވެ އިގްތިސާދީ ބަދަލުތައް ގެންނާނީ ރައްޔިތުންނަށް ކަންކަން ދުރާލައި އޮޅުންފިލުވާ ދިނުމަށްފަހު ކަމަށެވެ.

ޝަފީގު ވިދާޅުވީ ސިއްހީ ދާއިރާގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ބަލްކް ޕްރޮކިއުމަންޓް މިހާރު ފަށާފައިވާތީ އާސަންދަ ނިޒާމު އިސްލާހު ކުރުމަށްޓަކައި ސަބްސިޑީ ނިޒާމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރިފޯމްކުރުމުގައި ގެއްލުންވާ ކުންފުނިތަކަށް އެކަނި ވިސްނުމުގެ ބަދަލުގައި ފައިދާވާ ކުންފުނިތަކަށް އިތުރަށް ފައިދާވާނެހެން އެ މަސައްކަތް ކުރިއަށް ގެންދިއުމަށްވެސް ސަރުކާރުން ސަމާލުކަން ދޭނެ ކަމަށެވެ.

ޝަފީގު އިތުރަށް ވިދާޅުވީ އިގްތިސާދީ ރިފޯމުގައި ހިމެނޭ ކަންކަން ކުރަމުންދާއިރު އެއީ މިވަގުތަށް ކުރަންޖެހިގެން ކުރާ ކަންކަން ހުރިހާ ބޭފުޅުން ގަބޫލުކޮށް އިގްތިސާދު ކުރުމަށްވެސް ވިސްނަންޖެހޭ ކަމަށެވެ.