ވިޔަފާރި އުސޫލުން ހިއްކާ ތަންތަނުން ނަގަން ޕްލޭންކޮށްފައިވާ ޑްރެޖިން ފީއާއެކު އަހަރަކު 260 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފި އެވެ.
އެނގިފައިވާ ގޮތުން މި ފީ ނަގަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ތެރޭގަ އެވެ.
ވިޔަފާރިތަކަށް ހިއްކާ ތަންތަނުން މި ފީ ނެގުމަށް ނިންމާފައިވާއިރު އޭގެ ތެރޭގައި ރިސޯޓްތައްވެސް ހިމެނެ އެވެ.
އެ ގޮތުން އެއް ކިއުބިކް މީޓަރުގެ ވެއްޔަށް ދެ ޑޮލަރުގެ ފީ އެއް ނެގުމަށް ވަނީ ޕްލޭންކޮށްފަ އެވެ.
މި ފީ ނަގަން ނިންމާފައިވާއިރު ދައުލަތުގެ އާމްދަނީ، ހާއްސަކޮށް ޑޮލަރުން ލިބޭ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
އެގޮތުން އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖާއި ގްރީން ޓެކްސް ބޮޑުކުރުން ހިމެނެ އެވެ.
މީގެ އިތުރުން ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން އިންކަމް ޓެކްސް އާއި ޕެންޝަން އަދި ކަސްޓަމްސް ޑިއުޓީ ޑޮލަރުން ނަގާ ގޮތަށް ގާނޫނުތަކަށް ބަދަލު ގެނައުމަށް ކެބިނެޓުން ވަނީ ނިންމާފަ އެވެ.