ހަބަރު

އިބްތިހާލްގެ މައްސަލާގައި ޕީޖީން އެކަށޭނަ މަސައްކަތެއް ނުކުރޭ: އެޗްއާރްސީއެމް

ވ. ރަކީދޫ އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލު މަރުވި ހާދިސާގައި ހިއުމަން ރައިޓްސް ކޮމިޝަނުން (އެޗްއާރުސީއެމް) ތައްޔާރު ކުރި ރިޕޯޓާއި ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް އެކޮމިޝަނުން ބުނެފިއެވެ.

އެޗްއާރުސީއެމްގެ އަހަރީ ރިޕޯޓް އާންމު ކުރުމަށް މިއަދު އެ އެކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސާ އާމިނަތު އީނާސް ވިދާޅުވީ، އިބްތިހާލުގެ މަރުގެ މައްސަލައާއި ގުޅިގެން އެކޮމިޝަނުން ތައްޔާރުކޮށް ޕީޖީއަށް ފޮނުވި ރިޕޯޓާއި ގުޅިގެން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށާއި، ނަމަވެސް ވަކި ވަކި ކޮންމެ މުއައްސަސާއަކީ ވަކި ގޮތަކަށް މަސައްކަތް ކުރާ ބައެއް ކަމަށެވެ. ނަމަވެސް އިބްތިހާލްގެ ކޭސް އަދިވެސް ލައްޕައި ނުލާ ކަމަށާއި ޕީޖީގެ އިރުޝާދާ އެކު އެ ރިޕޯޓުން އުނިވި ކަމަށް ޕީޖީ އޮފީހުން ފާހަގަކުރި ބައެއް ކަންކަން ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެ ކޮމިޝަނުންވެސް ތަހުގީގުކުރި އިބްތިހާލްގެ މައްސަލާގައި އެޗްއާރްސީއެމުން ބުނީ، ގާނޫނު އަސާސީ އާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނުތަކާއި، ރާއްޖެއިން ބައިވެރިވެފައިވާ ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާ ބެހޭ މުއާހަދާގައި ކުޑަކުއްޖަކަށް ލިބިދޭންޖެހޭކަމަށް ބަޔާންވެފައިވާ ގިނަ ހައްގުތަކެއް، އިބްތިހާލްގެ ހާދިސާގައި ދައުލަތުގެ ފަރާތުން ހިމާޔަތްކޮށްދެވިފައި ނުވާކަން އެކޮމިޝަނުން ފާހަގަކުރާ ކަމަށެވެ.
އިބްތިހާލް މަރުވެގެންދިޔައީ މަންމަގެ ފަރާތުން އަނިޔާ ލިބެމުންދާކަން ދައުލަތުގެ ކަމާއި ބެހޭ ފަރާތްތަކަށް އެނގިތިބެ ކަމަށް ވާއިރު، އެކުއްޖާ ރައްކާތެރި މާހައުލަކަށް ނުގެންދިއުމަކީ އެކޮމިޝަނުން ކުށްވެރިކުރާ ކަމެއް ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

އެޗްއާރްސީއެމްގެ މެންބަރު ޝިފާގު ވިދާޅުވީ، ޕީޖީގެ ލަފާގެ ދަށުން ތަހުގީގު ކުރިއަށް ގެންދިޔައިރު ވަކި އެއްޗެއް ނުބުނެ ރިޕޯޓް އެކުލަވައި ނިމުމުން ތަހުގީގު ވަކި ގޮތަކަށް ކުރިއަށް ގެންދަން އެ އޮފީހުން އެންގުމަކީ އެ ކޮމިޝަނުން ހިތާމަކުރާ ކަމެއް ކަމަށެވެ. ތަހުގީގު ކުރިއަށް ދިޔައިރު އެ ކަން ފާހަގަކޮށްދިން ނަމަ އެކަށީގެންވާ ބަޔާންތައް ނަގާނެ ކަމަށެވެ.

“ބަޔާންތައް ނަގަމުންދިޔައިރު ވެސް ފޯނުންވެސް އެބޭފުޅުންނާއި މަޝްވަރާކޮށް އެދިވަޑައިގެންނެވި ގޮތަށް ބަޔާންތައް ނަގާފައި ހުރީ. ނަމަވެސް މިއަދާއި ހަމައަށް ލަސްވެގެން އައިސް އަލުން ބަލުން ބަޔާންތައް ނަގަންޖެހޭ ގޮތަށް ކަންތައްތައް ވެގެން ދިއުމަކީ ދެރަކަމެއް. ވަރަށް ހިތާމަ ކުރާ ކަމެއް” ޝިފާގު ވިދާޅުވިއެވެ.

ޝިފާގު ވިދާޅުވީ، އެހާދިސާ ހިނގުމާއި ގުޅިގެން އެދުވަހު ކުރީގެ އެތަހުގީގު ކުރަން ޕީޖީ އެންގި އިރުވެސް އެމައްސަލަ ތަހުގީގު ކުރަން އެޗްއާރުސީއެމުން ފަށާފައިވާ ކަމަށެވެ.

އިބްތިހާލުގެ މައްސަލާގައި ޖެންޑަ މިނިސްޓްރީގެ އިހުމާލެއް އޮތްކަން އެޗްއާރްސީއެމްގެ ބަޔާނާއި އަދި މީގެ ކުރިން އެ މައްސަލާގައި ޖެންޑާ އާއި ފުލުހުން ދިން މައުލޫމާތުން ވެސް ޖެންޑަ މިނިސްޓްރީއަށް އިބްތިހާލަށް އަނިޔާ ލިބެމުން ދިޔަ ކަން ސާބިތު ވެއެވެ. ނަމަވެސް އެމައްސަލާގައި ޖެންޑަ މިނިސްޓްރީއާ މެދު ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.