ދުންފަތުގެ ބާވަތްތަކާއި، ވޭޕް އަދި އެނާޖީ ޑްރިންކް އެތެރެ ކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ދެމުން ދިޔަ ލުއި ދިނުން ހުއްޓާލަން ނިންމައިފި އެވެ.
ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިޓެންޑެންތް އަހްމަދު ނިޔާޒު ވިދާޅުވީ އާންމު ގަވާއިދަށް ގެނެވުނު އިސްލާހުގެ ތެރެއިން ދެ ބަދަލެއް ގެނައުމަށް ކަސްޓަމްސް އިން ނިންމާފައިވާ ކަމަށެވެ.
މިގޮތުން ދުންފަތުގެ ބާވަތްތަކާއި، ވޭޕް އަދި އެނާޖީ ޑްރިންކް އެތެރެކުރުމަށް ދޭ އިނާޔަތް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އުވާލަން ނިންމަފައިވާ ކަމަށް ނިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެއަކީ ސިއްހަތާއި ގުޅޭ އެކި މުއާހަދާތަކުގައި ސޮއި ކޮށްފައިވާ ގައުމަކަށް ވާތީ ދުންފަތުގެ އިސްތިއުމާލުކުރަން ބޭނުން ކުރާ ތަކެއްޗަށް އިސްތިސްނާ ދިނުމަކީ އެ މުއާހަދާތަކުން ބާރުއަޅާ ކަމެއް ނޫން ކަމަށެވެ.
މި ބަދަލުގެ ދަށުން އިނާޔަތް ދިނުން ހުއްޓާލާ ތަކެތީގެ ތެރޭގައި ސިނގިރޭޓާއި، ވޭޕް، އެނާޖީ ޑްރިންކް، ޕްލާސްޓިކް ކޮތަޅު، ސިންގަލް ޔޫޒް ޕްލާސްޓިކް އަދި އެއްގަމު އުޅަނދު ފަހަރު ހިމެނެ އެވެ.
އާންމު ގަވާއިދަށް ގެނެވުނު އިސްލާހުގެ ތެރެއިން ގެނެވޭ ދެވަނަ ބަދަލަކީ އަމިއްލަ ފަރާތްތަކުގެ ބޭނުމަށް ގެންނަ ތަކެތީގެ ޑިއުޓީ މާފު ކުރާ މިންވަރު 10،000 ރުފިޔާއަށް ބަދަލު ކުރުމެވެ. މިގޮތުން މި މަހުގެ އެއަވަނަ ދުވަހުން ފެށިގެން މި ބަދަލަށް އަމަލުކުރަން ވަނީ ފަށާފަ އެވެ.
ނިޔާޒު އިތުރަށް ވިދާޅުވީ ވިޔަފާރިތަކަށް މި އިނާޔަތް ކަނޑއަޅާފައި ނުވާ ކަމަށެވެ. އަދި ޑިއުޓީ މައާފްކުރާ އަދަދަށް ވުރެ ކުޑަ ނަމަވެސް މުދަލުގެ ބާވަތާއި އަދަދާއި އަގާއި ގެންނަ ނިސްބަތަށް ބަލާއިރު، އެއީ ވިޔަފާރި މުދަލުގެ ގޮތުގައި ގެނެވޭ ތަކެތި ކަމަށް ކަސްޓަމްސްއަށް ގަބޫލުކުރެވޭ ތަކެއްޗަށް އެ އިނާޔަތް ލިބުމުން އިސްތިސްނާވާނެ ކަމަށެވެ.