އާރްޑީސީ

ހަރަދު ކުޑަކުރަން އާރްޑީސީ އިން ފިޔަވަޅުތަކެއް

ސަރުކާރު 100 ޕަސެންޓް ހިއްސާވާ ކުންފުނި -- ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ހަރަދުތައް ކުޑަކޮށް ފައިދާވާ ކުންފުންޏަކަށް ހެދުމަށް ފިޔަވަޅުތަކެއް އަޅަން އެ ކުންފުނިން ނިންމައިފި އެވެ.

އާރްޑީސީގެ މުވައްޒަފުންނަށް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަބީލް ފޮނުއްވި މެމޯއެއްގައި ބުނެފައިވަނީ މާލީ ގޮތުން ފައިދާވާ ކުންފުންޏަކަށް އެ ކުންފުނި ހެދުމަށް ހަރަދު ކުޑަކުރަން ނިންމާފައިވާ ކަމަށެވެ.

"ވީމާ ކުންފުނީގެ ހަރަދު ކުޑަކުރުމަށްޓަކައި މެނޭޖުމަންޓުން ނިންމާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމަށް އެއްމެހާ މުވައްޒަފުންގެ އެއްބާރުލުމާއި އެހީތެރިކަން ދެއްވުން އެދެމެވެ،" މެމޯގައި ބުނެފައިވެ އެވެ.

އާރްޑީސީގެ ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި އިތުރު ގަޑީގައި މަސައްކަތް ކުރަންނުޖެހޭ ގޮތަށް މަސައްކަތް ރޭވުން ހިމެނެ އެވެ.

އެ ގޮތުން އޮފީސް ރަސްމީކޮށް ބަންދުކުރުމަށް ކަނޑައެޅިފައިވާ ގަޑި، ރޭގަނޑު 10:00 ގެ ކުރިން މަސައްކަތް ނިންމުމާއި އޭގެ ފަހުން ކޮންމެހެން ނިންމަންޖެހޭ މަސައްކަތެއް ކުރަންޖެހިއްޖެ ނަމަ އެ ދުވަހެއްގެ ރަސްމީ ގަޑި، ހަވީރު 4:00 ގެ ކުރިން އެ ޑިޕާޓްމެންޓެއްގެ ސީނިއާ މެނޭޖަރު، އެޑްމިނިސްޓްރޭޝަން ޑިޕާޓްމެންޓުގެ ސީނިއާ މެނޭޖަރަށް އީމެއިލްކުރުން ހިމެނެ އެވެ.

ދުރާލާ ހުއްދަ ނުހޯދައި އިތުރު ގަޑީގައި މަސައްކަތްކުރި ނަމަވެސް ދޭންޖެހޭ ފައިސާ އެޕްރޫވް ނުކުރަންވެސް ވަނީ އަންގާފަ އެވެ.

ހަރަދު ކުޑަކުރަން އެޅި ފިޔަވަޅުތަކުގެ ތެރޭގައި މިވަގުތަށް ކޮންމެހެން ކުރަންޖެހޭ މަރާމާތުތައް ފިޔަވައި އިތުރު މަރާމާތު ނުކުރުން ހިމެނެ އެވެ.

ހަރަދު ކުޑަކުރުމުގެ ގޮތުން އޮފީހުގެ ބަޖެޓުން ހަރަދުކޮށްގެން ކުރަންޖެހޭ ދަތުރުތަކުގެ ތެރެއިން ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުންވެސް ހިމެނެ އެވެ. އަދި މިފަދަ ދަތުރެއް ކުރަންޖެހިއްޖެނަމަ ވީހާވެސް ހަރަދު ކުޑަ ގޮތަކަށް ދަތުރުގެ ކަންކަން ރޭވުމަށް ނިންމާފައިވެ އެވެ.

އާރްޑީސީ އިން އެޅި އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ފޯނާއި އިންޓަނެޓާއި ފެނާއި ކަރަންޓް އަދި މިނޫންވެސް އޮފީސް ހިންގުމުގެ ހަރަދުތައް ކުޑަކޮށް ހަމަޖެއްސުމާއި އޮފީހުގައި ކަރަންޓު ބޭނުންކުރާ ސާމާނު އެ ބޭނުންނުކުރާ ވަގުތުތަކުގައި ނިއްވާލުންވެސް ހިމެނެ އެވެ. އަދި ކޮންމެހެން ބާއްވަންޖެހޭ ހަފުލާއެއް ފިޔަވައި އިތުރު ހަފުލާއެއް ނުބޭއްވުމަށްވެސް ވަނީ ނިންމާފަ އެވެ.

ހަރަދު ކުޑަކުރަން އާރްޑީސީ އިން ފިޔަވަޅުތަކެއް އަޅާފައިވާއިރު ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ބައެއް ފިޔަވަޅުތައް ވަނީ އަޅާފަ އެވެ.