ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެކުގައި ބޭއްވުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުމަށް ސަރުކާރުން ނިންމައިފި އެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާގައި މިރޭ ވާހަކަދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބު ބޭއްވުމަށް 180 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އަދި ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް 120 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ހަރަދެއް ކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ވަކިވަކިން ބާއްވާ މި ދެ އިންތިހާބަށް ދައުލަތުން ކޮށްފައިވާ ހަރަދު ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ މި ދެ އިންތިހާބު ވަކިވަކިން ބޭއްވުމަކީ ދައުލަތަށް ބުރަ ބޮޑު އަދި ހަރަދު ބޮޑު ކަމެއް ކަމަށެވެ. އެހެންކަމުން ސަރުކާރުން ބޭނުންވަނީ މި ދެ އިންތިހާބު އެއްކޮށް ބާއްވަން ކަމަށްވާތީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ އެކު 21 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުވެސް 2028 ވަނަ އަހަރު ރިޔާސީ އިންތިހާބާ އެކު ބާއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ދެ އިންތިހާބު އެކުއެކީ ބޭއްވުން ރައްޔިތުންނަށް އެންމެ ފައިދާ ވާނެ ގޮތަކީ. އެހެންކަމުން ގާނޫނުއަސާސީއަށް މިކަމުގައި ގެންނަންޖެހޭ އިސްލާހު އެބަހުރި. ގާނޫނުއަސާސީއަށް މި އިސްލާހު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން. އެކަންކަން ކުރަން ހުށަހަޅާނަން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ބޮޑު ދެ އިންތިހާބު އެކުއެކީގައި ބޭއްވުމުން މަދުވެގެން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭތީ އެ ފައިސާ އިން ނިކަމެތި އެތައް އާއިލާއެއްގެ ކަންކަން ހަމަޖައްސައިދެވޭނެ ކަމަށެވެ. އެހެންކަމުން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށް ކަމާ ގުޅޭ އިސްލާހު މަޖިލީހުގެ ކުރިއަށް އޮތް ދައުރަށް ހުށަހަޅުއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުއެކީ ބޭއްވުމަކީ ހަރަދު ކުޑަކުރުމަށްޓަކައި މުހިއްމު ކަމެއް ކަމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިންވެސް މީގެކުރިން ބުނެފައިވެ އެވެ.