ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި ސަރުކާރުން ބަންކަރިންގެ ހިދުމަތް އަމަލީ ގޮތުން ފެށުމަށް ނިންމައިފި އެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާގައި މިރޭ ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ބަންކަރިންގެ ހިދުމަތް ފެށުމަށް އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށެވެ. އެގޮތުން އެ ހިދުމަތް ފެށުމަށްޓަކައި އެސްޓީއޯ އިން ބޮޑު ދެ ޓޭންކަރު މިހާރު ގަނެ އެމްއެންޑީއެފްއާ ގުޅިގެން ކަމާ ގުޅޭ ޗާޓްތައް އަޕްޑޭޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ކަސްޓަމާއި އިމިގްރޭޝަނުންވެސް ބަންކަރިންގެ ހިދުމަތް ފެށުމަށް ތައްޔާރީތައް ވަމުންދާ ކަމަށެވެ. އަދި ބަންކަރިންގެ ހިދުމަތާ އެކު ދިމާވެދާނެ ތިމާވެށީގެ މައްސަލަތަކަށް ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ތައްޔާރުވަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. އަދި މި ހިދުމަތް ފެށުމަށް މިވަގުތަށް ބޭނުންވާ 40 ވަޒީފާއަށް ކުރިމަތިލުމަށް ހުޅުވާލުމުން މީހުން ކުރިމަތިލާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑު މި ސްޓޭޖަށް އަންނަން ވެގެން މައުލޫމާތު ނަގާލިއިރު މިއަދުން ފެށިގެން އިރާދަކުރެއްވިއްޔާ އެއް މަސް ދުވަސް ތެރޭގައި ބަންކަރިންގެ ހިދުމަތް ސަރުކާރުން ރަސްމީކޮށް އުތުރުގައި ފަށާނަން،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިހިނގާ ޖުލައި މަހު ރާއްޖޭގެ ޖީޑީޕީ އަކީ 6.5 ބިލިއަން ޑޮލަރު ކަމަށާއި ނަމަވެސް ބަންކަރިންގެ ހިދުމަތާ އެކު އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޖީޑީޕީއަށް އިތުރު 400 މިލިއަން ޑޮލަރު އިތުރުވާނެ ކަމަށެވެ.
"މިއީ އިކޮނޮމީ ޑައިވަސިފައި ކުރާ ގޮތަކީ. މުޅިން އާ 400 މިލިއަން ނުވަތަ ހަ ބިލިއަން ގާތްގަނޑަކަށް ރައުންޑްއޮފް ކޮށްލާއިރު ހަ ބިލިއަން ދިވެހި ރުފިޔާ މުޅިން އަލަށް އާ ސިނާއަތެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ޖީޑީޕީގެ ތެރޭގައި އެނބުރެން ފަށާނެ،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ބަންކަރިންގެ ހިދުމަތް އަދި މި ފަށަނީ އޮފްޝޯކޮށް ކަމަށެވެ. އަދި މޯލްޑިވްސް އިކޮނޮމީ ގޭޓްވޭގެ ތެރެއިން ޕާމަނަންޓް އިންޓަނޭޝަނަލް ފިއުލް ސްޓޯރޭޖު ޓާމިނަލްއެއް ގާއިމުކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.
މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓްގެ ދަށުން އިހަވަންދިއްޕޮޅުގައި ހަދާ ބައިނަލްއަގުވާމީ ބަންކަރިން މަޝްރޫއު ފެށުމުގެ ގޮތުން އެސްޓީއޯ އާއި ވިޓޯލް ގްރޫޕްއާ ދެމެދު މިދިޔަ މާޗް 13 ވަނަ ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ވިޓޯލްއަކީ ހަކަތައިގެ ވިޔަފާރީގައި ދުނިޔޭގައި އެންމެ ބޮޑު ކުންފުންޏެވެ. ވީޓޯލްގެ އޮފީސްތައް ދުނިޔޭގެ 40 ގައުމެއްގައި ހުންނައިރު މި ކުންފުނިން އަހަރަކު 12 މިލިއަން ޓަނު ތެޔޮ ބަންކާ ފިއުލްގެ ގޮތުގައި ވިއްކަ އެވެ.
މީގެ އިތުރުން ވިޓޯލްއަކީ މެދު އިރުމަތީގައި އެންމެ ބޮޑު ފިޒިކަލް ބަންކާ ސަޕްލަޔާ އަދި ސިންގަޕޫރުގެ އެންމެ ބޮޑު އެއް ބަޔޯ މެރީން ފިއުލް ސަޕްލަޔަރެވެ.