ވާހަކަ

މިލްކުވާނެބާ

( 4 ޖުލައި 2024 އާ ގުޅޭ )

މާޔާގެ ކޮޓަރިއަށް ކާތަށިތައް އަތުރާފައިވާ ތަބަށް ގެންގޮސް ދިނުމަށްފަހު ގެސްޓްހައުސްގެ ސްޓާފު އެ ކޮޓަރިން ނުކުތެވެ. އަދި އޭނާ އަތުކުރީ އޮތް ގަޑިއަށް ބަލަން އެ ކޮޓަރީގެ ބޭރުގައި މަޑުކޮށްލައިގެން ހުއްޓެވެ. ވިއްސަކަށް މިނެޓު ފާއިތުވަންދެން އޭނާ އެގޮތުގައި ހުރުމަށްފަހު މާޔާގެ ކޮޓަރީގައި ޓަކި ޖެހި އެވެ. އެތެރެއިން އެއްވެސް އަޑެއް ނީވުނެވެ. އެއާއެކު އޭނާ ކޮޓަރީގެ ދޮރު ހުޅުވާލަން ތަޅުގައި ހިފާލުމާއެކު ހުޅުވިއްޖެ އެވެ. ކޮޓަރި ތެރެއަށް ނަޒަރު ހިންގާލައިފައި އަވަހަށް ދޮރުލައްޕާލި ގޮތަށް އޭނާ ނެގީ ފޯނެވެ.

"ހެލޯ. އެކަންތައް ވެއްޖެ. ޑޯންޓް ވޮރީ." އޭނާ މީހަކަށް ގުޅައިގެން ހުރެ ބުންޏެވެ.

* * * * *

ރެސްޓޯރެންޓުގެ މަތީ ފަންގިފިލާގައި ހުރި މޭޒުގެ ދޮށުގައި އިޒީކިއަލްއާއި ސޫޒަންގެ އިތުރުން ޒާހިލް ތިބީ މެންދުރުގެ ކެއުމަށް އިންސާފު ކުރާށެވެ. ހިލްމީ ގުޅައިގެން އެ ކޯލު ނަގަން އިޒީކިއަލް ޖެހުނީ ދުރަށެވެ. ސޫޒަން ހުރީ ކޮންތާކުކަން އެނގުމާއެކު ހިލްމީއަށް އިޒީކިއަލް މެސެޖު ކުރީ ވަގުތުން ލާންޗެއް ހަމަޖައްސައިގެން އެމީހުން ތިބި ރަށަށް އަންނާށެވެ. އެހެންވެ ހިލްމީ ގުޅީ އޭނާ މާލޭ ކޮޅުން ނައްޓާލައިފިންކަން ބުނާށެވެ. ހިލްމީއަށް އިޒީކިއަލް ހުންނަ ގެސްޓްހައުސްގެ ލޮކޭޝަން ފޮނުވުމަށްފަހު އެދުނީ ރަށަށް އަރާ ގޮތަށް ގެސްޓްހައުސްއަށް އައުމަށެވެ. އިޒީކިއަލްއާ ބައްދަލުކުރާނީ އެތަނުންކަމެވެ. ސޫޒަންއަށް މިވަރުގެ ކަމެއް ރާވަން ފުރުޞަތު ލިބުނު ގޮތެއް އެނގެން އިޒީކިއަލް ބޭނުންވެ އެވެ.

"އަހަރެމެން އެންމެން ލަންޗަށް އެރިއިރު ކީއްވެ މާޔާ ކައިރީ އަންނަން ނުބުނީ." ފޯނުކޯލު ނިންމާފައި އިޒީކިއަލް އައިސް މޭޒު ދޮށުގައި އިށީނުމުން ޒާހިލްއަށް ބުނެވުނެވެ.

"އަހަރެން އިންވައިޓް ކުރިން. މުހިންމު ކަމެއް އެބައޮތޭ ބުނީ." ޒާހިލަށް ޖަވާބު ދިނީ ސޫޒަންނެވެ. އަދި އޭނާ ބޭނުންވެފައި އިން ފުރުޞަތުގެ ބޭނުންހިފައި މާޔާއާ ގުޅުވައި ވާހަކަ ފެށި އެވެ.

"ތި މީހުން ވަރަށް ކްލޯޒްހެން ހީވޭ. މިބުނީ މާޔާއާ... ތި އެންމެން އެކުގައި ވަރަށް ގިނަ ވަގުތު އުޅޭން ދޯ." ސޫޒަން ބުންޏެވެ.

"ކުޑަ ދުވަސްކޮޅެއްގެ ތެރޭ އަހަރެމެން ކްލޯޒްވެއްޖެ. އަނެއްކާ އެކުވެރިކަން އުފައްދާހާ ލޯބިކޮށް ހުންނަ ކުއްޖެއް މާޔާއަކީ... ނޫންތަ އިޒީކިއަލް. އަސްލު މަށަށްވުރެ..." ޒާހިލްގެ ވާހަކަ ނުނިމެނީސް ކުއްލިއަކަށް އިޒީކިއަލް ވާހަކަދެއްކި އެވެ.

"ތަނެއްގައި ރީތި އަންހެނަކު ހުރިއްޔާ ޒާހިލާ ގުޅުން ނޯވެ ނުދާނެ." އިޒީކިއަލް ބުންޏެވެ.

"އެހެން ދޯ." ސޫޒަން ބުނެލި އެވެ. އިޒީކިއަލް ކަމެއް ސިއްރު ކުރާން އުޅޭހެން ސޫޒަންއަށް ހީވަނީ އެވެ. އޭނާގެ ހިތް ބުނަނީ މާޔާއާއެކީ އެމީހުން ވަރަށް ގިނަ ވަގުތު ހޭދަކުރާކަމެވެ. ޚާއްޞަކޮށް އިޒީކިއަލްއާއި މާޔާއާ ދެމީހުންނެވެ. ސޫޒަންއަށް ޝައްކުވީމާ ވެސް އަދިވެސް އިޒީކިއަލް އެ މަސައްކަތް ކުރަނީ ހަޤީޤަތް ސިއްރުކުރާން ކަމެވެ. އޭގެ އިތުރުން އޮފީސް ތެރެއިން ފެނުނު މަންޒަރަކީ އަޅައިނުލާ ދޫކޮށްލެވޭ ފަދަ ކަމެއްނޫންކަން ސޫޒަންގެ ޟަމީރު ވެސް އެއްބަސްވެ އެވެ.

"ވަޓް!. އާ ޔޫ ކިޑިން މީ... ނޭނގޭތަ އަހަރެންނަކީ މިހާރު މީހެއްގެ ފިރިއެއްކަމެއް." ޒާހިލްއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. އިޒީކިއަލް އޭނާގެ ބޮލުގައި އަޅުވާން އުޅޭ އިލްޒާމެއްގެ ސަބަބުންނެވެ.

"އާ ޔޫ." ކޮށްލި ސުވާލެއްހެން އިޒީކިއަލް ބުނެލި އެވެ.

"އޮފްކޯޒް. އަހަރެންގެ އަނތްބަކު އެބަހުރި. އޭގެ އިތުރުން އަހަރެން ބައްޕައަކަށް ވެސް ވާން އުޅެނީ. އެހެންވީމަ ފާޑުފާޑުގެ ވާހަކަ ނުފަތުރާ." ޒާހިލް ބުންޏެވެ.

"އަހަރެން ހަނދާންވާ ގޮތުގައި އަދި މާގިނަ ދުވަހެއް ނުވާނެ ތި އަތުތެރެއިން އަންހެންކުއްޖަކު ފެނުނުތާ." އިޒީކިއަލް ބުންޏެވެ. އޭނާގެ މަޤްޞަދަކަށްވީ މާޔާއަށް ހުއްޓެން އުޅުނު ސަމާލުކަން އެހެން ދިމާއަކަށް އަނބުރާލުމެވެ.

"ކިހާދެރަކަމެއް އިޒީކިއަލް. އަހަރެން އެގޮތް ދޫކޮށްލައިފީމޭ. މިފަހަކުން ނުފެންނާނެ އެއްވެސް އަންހެނަކާއެކީ އަހަރެންނެއް. މިހާރު މީ ކުރީގެ ޒާހިލެއްނޫން. އަހަރެންގެ އަނބިމީހާއަށް ވަފާތެރިވާން އަހަރެންނަށް އެނގޭ." ޒާހިލް އަމިއްލަ ދިފާއުގައި ވާހަކަދެއްކި އެވެ. އިޒީކިއަލް ލާނެތް ހިންޏެއް އައިސްފައި އިނެވެ.

ސޫޒަންއަށް ދަތްކުނޑިވިކާލެވުނެވެ. އިޒީކިއަލް ކުރާ ކަންތައް އޭނާއަށް ނަގައިގަންނަން އެނގެނީ އެވެ. މާޔާގެ ވާހަކަދައްކަން އޭނާ ފެށުމުން އެކަން ހުއްޓުވާލީކަން ސޫޒަން ދެނަހުއްޓެވެ. އޭނާގެ ހިތުގައި މާޔާގެ މައްޗަށް އޮތް ރުޅިވެރިކަން އިތުރުވެގެން ދިޔަ އެވެ.

މެންދުރުގެ ކެއުން ނިންމާފައި ސޫޒަން ގޮވައިގެން އިޒީކިއަލް އައީ އެމީހުން ތިބޭ ގެސްޓްހައުސް އަށެވެ. ސޫޒަން ބޭނުންވަނީ އިޒީކިއަލްއާ އެއް ކޮޓަރިއެއްގައި ހުންނާށެވެ. ނަމަވެސް އިޒީކިއަލް އެއްބަސްނުވީ ސޫޒަންއާ ކައިވެނި ނުކުރާތީ އެ ސަބަބާ ހުރެ އެވެ. ގެސްޓްހައުސްއިން އެވަރު ބަލާފާނެތީ އެވެ.

"ކޮންއިރަކުން މިކޮޅުން ފުރާނީ؟." އިޒީކިއަލްގެ މުލައްދަނޑީގައި ހިފާލައިގެން ހުރެ ސޫޒަން އަހާލި އެވެ.

"މާދަމާ ފުރޭވަރުވާނެހެން ހީވަނީ." އިޒީކިއަލް ބުންޏެވެ.

ކޮޓަރިތަކާ ދިމާއަށް ހިނގަމުން އައި އިޒީކިއަލްއަށް ހުއްޓެވުނީ މާޔާ ފެނިގެންނެވެ. ފުރަގަހުން ވެސް އެ އަންހެންކުއްޖަކީ މާޔާކަން އިޒީކިއަލްއަށް ޔަގީންވެ އެވެ. ފިރިހެނެއްގެ އަތުގެ ތެރޭގައި ހުރިއިރު ހީވަނީ އެމީހާގެ ގައިގާ މާޔާ ތަތްވެގަނެގެން އުޅޭހެންނެވެ. އިޒީކިއަލްގެ ޠަބީޢަތް ވަގުތުން ގޯސްވެއްޖެ އެވެ. އެހެން ފިރިހެނަކަށް މާޔާ ފުރުޞަތު ދޭން އުޅެނީއޭ އިޒީކިއަލްއަށް ޤަބޫލުކުރެވުނެވެ.

"އަހަރެން ކުރިވަރު ކުޑައީތަ. ގައިމު މީހަކަށް ސިއްރެއްނުވާނެ... ނޫނީ މިޔާގެ ލަދެއްވެސް ނެތީތަ. އެހެންމީހަކަށް ފެނުނަސް ވަރިހަމަވީމަތާ އެހެން ދާނީ." ދެ ބުމަ ގުޅިފައިވާ ހާލު އިޒީކިއަލްގެ ހިތުގައި ރުޅިވެރިކަމުގެ ޚިޔާލުތައް އެނބުރެން ފެށި އެވެ. އޭނާއަށް މިއައި ކުއްލި ބަދަލު ސޫޒަންއަށް ފާހަގަވި އެވެ. ދުރުގައި ހުރި ކޮޓަރިއަށް އެ ފިރިހެންމީހާ މާޔާ އަތުލަފިކޮށްގެން ކަހަލަ ގޮތަކަށް ވައްދައި ދޮރުލެއްޕިތަން އިޒީކިއަލްއަށް ފެނުނެވެ. އެހިނދު އޭނާއަށް އިތުރަށް އެންމެ ހިނދުކޮޅަކު ވެސް ކެތްކުރާން ދަތިވެ ދެ އަތް މުއްކަވާލައި ބާރުކޮށްލެވުނެވެ.

"އިޒީ... ކިހިނެއްވީ." ސޫޒަންއަށް އަހާލެވުނެވެ.

"ނަތިންގް. ޒާހިލްއާއެކީ ސޫޒީ ގޮސް ހައިކްއާއެކީ މަޑުކުރޭ. މިކޮޅުން ރޫމު ދޫކޮށްލާފައި ޕޭމަންޓް ކަންތައް ހަމަޖެހުނީމަ ސޫޒީމެން ތިބި ގެސްޓްހައުސްއަށް އަހަރެން ދާނަން. މިހާރު ކިހާ އިރެއްވެއްޖެ. ހައިކް އެކަންޏެއްނު ހުރީ. އޭނާ އެކަނި ބަހައްޓާކަށް އަހަރެންނަށް އެއްގޮތަކަށް ވެސް ކަމަކުނުދޭ." އިޒީކިއަލް މިހެންބުނެ އޭނާގެ ވައަތު މުލައްދަނޑިން ސޫޒަންގެ އަތް ނައްޓުވާލި އެވެ.

"އިޒީ... މަޑުކޮށްބަލަ. ތި ހުރިހާކަމެއް ކޮށްފައި އަހަރެންނާއެކީ ދެވިދާނެއެއްނު." ސޫޒަން ކުއްލިއަކަށް ހާސްވީ އެވެ. އިޒީކިއަލް އެކަނި ދޫކޮށްލާފައި ދާން އޭނާ ހިތްބިރު ގަންނަނީ އެވެ. ނަމަވެސް ޒާހިލަށް އިޒީކިއަލް ގޮވާލާފައި ސޫޒަން ގެންގޮސްދޭން ބުނެފި އެވެ. އިޒީކިއަލްގެ އެ ނިންމުމާ ދެކޮޅު ހަދައިފިއްޔާ ރަނގަޅެއްނުވާނޭކަން ސޫޒަންއަށް ވިސްނުނެވެ. އިޒީކިއަލްގެ މޫނުން ފެންނަ ރުޅިވެރިކަމުގެ އަސްލަކީ ކޮބާކަމެއް ސޫޒަން ނުދެނަހުއްޓެވެ.

"ޑޭމްއިޓް." ސޫޒަންއަށް ސިއްރުސިއްރުން ކިޔާލެވުނެވެ.

އެއްފަރާތުން ތަނބުކައިރީ ނިވާވެގެން ސިއްރުން ބަލަން ހަތޫން ހުއްޓެވެ. އޭނާއަށް ޒާހިލްއާއެކީ ގެސްޓްހައުސްއިން ނުކުންނަން ދިޔަ ސޫޒަން ފެނުނެވެ. އަދި އެ މަންޒަރު ބަލަން ހުރެ ސޫޒަން ލޮލުކޮޅަށް ގެއްލުމުން ހަރުކޮށް ހިނގާފައި ދިޔަ އިޒީކިއަލް ވެސް ހަތޫނަށް ފެނެ އެވެ. ހަތޫންގެ ތުންފަތް ދެމިގެން ގޮސް ހިނިގަނޑަކަށް ބަދަލުވި އެވެ.

"ކަލޭ މަރުވާނެނަމައޭ ހިތަށް އަރާވަރު ކޮށްލާނަން. މީހަކަށް ތި މޫނު ދައްކާލާކަށް ދެން ނުކެރޭނެ." ހަތޫން ހިތާހިތާ ބުނެލި އެވެ.

އިޒީކިއަލް އައިސް މާޔާއާއި ފިރިހެންމީހާ ވަން ކޮޓަރީގެ ދޮރު ހުޅުވާލަން ތަޅުގައި ހިފާލައިފި އެވެ. ދޮރު ހުރީ ތަޅުނުލާ ކަމަށްވާތީ އެއްވެސް އުނދަގުލެއްނެތި ވަގުތުން ދޮރު ހުޅުވިއްޖެ އެވެ. ކޮޓަރީގައިވީ ފަނޑު އަލިކަމެކެވެ. އެތެރެއަށް އިޒީކިއަލް ވަނުމާއެކު އޭނާއަށް އެނދުމަތީ އޮތް މާޔާ ފެނިއްޖެ އެވެ.

"މިޔާ." ހަރުކަށިކަންވީ ބާރު އަޑަކުން އިޒީކިއަލް ގޮވާލި އެވެ. އޭނާގެ ރުޅި އިންތިހާއަށް ގޮސްފައިވަނީ މާޔާ ފެންވަރައިގެން ނުކުންނަ އިރު ލައިގެން ހުންނަ ރޯބްގައި ހަމައެކަނި ހުރީމަ އެވެ. އެ ގޮތުގައި ހުރެ ފިރިހެނަކާއެކީ އައިސް ކޮޓަރިއަކަށް ވަނީމަ އެވެ. އެނދުމަތީ އޮތް މާޔާ ކުކުރާލިހެން އިޒީކިއަލްއަށް ހީވި އެވެ. އެނދު ކައިރިޔަށް އިޒީކިއަލް ހިނގައިގަތީ މާޔާ ހަރަކާތެއް ނުކުރީމަ އެވެ. ނަމަވެސް އޭނާ އެނދާ ކައިރިވެލި ހިނދު ފަހަތުން މީހަކު އައިސް އޭނާގެ މޫނުގައި ތުވާލިކޮޅެއް ފަދަ އެއްޗެއް އަޅައިފި އެވެ. ނުވިސްނާ ހުރި އިޒީކިއަލް ތެޅިފޮޅިގަތެވެ. ނަމަވެސް އެމީހެއްގެ ކިބައިން ސަލާމަތް ނުވެވެނީސް އިޒީކިއަލްގެ ހެޔަށް ގޮތްވެއްޖެ އެވެ.

ކޮޓަރި ތެރޭގައި ހުރި ފިރިހެން މީހާ ހިނިތުންވެލި އެވެ. އިޒީކިއަލް ފަދަ އިސްކޮޅުން ދިގު ބާރު ހުރި ހަށިގަނޑެއްގެ ވެރިއަކާ ކުރިމަތިލުން ފަސޭހައެއް ނުވާނޭ ހީކުރެވުނަސް އެ މީހާ ބޭނުންވި ކަންތައް ވެގެން މިދިޔައީ ނުހަނު ފަސޭހަކަމާއެކީ އެވެ. އެނދު މައްޗަށް ވެއްޓިފައި އޮތް އިޒީކިއަލް ލައިގެން ހުރި ގަމީހާއި ފަޓުލޫނު ބޭލުމަށްފަހު އެނދު ކައިރިޔަށް އެއްވެސް ތަރުތީބެއް ނެތްހެން އުކާލައިފި އެވެ. އަދި އެނދުމަތީ އިޒީކިއަލް ހަމަޖައްސާލުމާއެކު އޭނާގެ އަތުގެތެރެއަށް މާޔާ ކައިރިކޮށްލީ އެވެ. އޭނާގެ މަސައްކަތް ނިމިގެން ކޮޓަރިން ނުކުތުމުގެ ކުރީން ބަލާލި އެވެ. މިހާރު ހީވަނީ އެނދުމަތީގައި އިޒީކިއަލްގެ އަތުގެތެރެއަށް މާޔާ ގާތްކޮށްލައިގެން އޮވެ ދެ މީހުން ވެސް ނިދާފައި ތިބިހެންނެވެ.

އިޒީކިއަލް ލޯ ހުޅުވާލީ އަޑު ގަދަވެގެންނެވެ. އޭނާއަށް އޮވެވުނީ އެނދުގައިކަން އެނގުމުން އަވަހަށް ބެލީ އެނދުކައިރީ އަތްފޯރާ ފަށުގައި ހުރި ސުވިޗު ޖެއްސުމަށެވެ. އެއާއެކު މުޅި ކޮޓަރިތެރެ އަލިވެގެން ހިނގައްޖެ އެވެ. އޭނާގެ ބޮލަށް ބަރުކަމެއް އިޙްސާސް ކުރެވެމުންދިޔަ އެވެ. ނިތްކުރީގައި ފިރުމާލަމުން ކާކުތޯ އޭނާއަށް އަހާލެވުނީ ކޮޓަރިތެރޭ މީހަކު ހުރިކަން ފާހަގަވެގެންނެވެ. ރަނގަޅަށް ލޯ ހުޅުވާލިއިރު ފެނުނީ ސޫޒަންނެވެ.

"ސޫޒީތަ؟." އިޒީކިއަލްއަށް ބުނެވުނެވެ. އޭރު އަދި މިވެގެން އުޅެނީ ކިހިނެއްކަމެއް އަންދާޒާކޮށްލަން ވެސް އިޒީކިއަލްއަކަށް ނޭނގެ އެވެ.

"އަހަރެން ބުނަންވީ ކީކޭ؟. ތި ހިސާބަށް ކަންތައް ގެންދިޔައިރު އިޒީކިއަލްގެ ލަދޭ ކިޔާ އެއްޗެއް ވެސް ނެތީތަ؟. އަހަރެންނާ މެދު ވިސްނާލިންތަ؟. ބުނެބަލަ... އަހަރެންނަށް ވާނެ ގޮތަކާމެދު އެއް ފަހަރު ވެސް އިޒީކިއަލް ވިސްނާލިންތަ؟. ލަދެއް ހަޔާތެއް، ގޮތެއްފޮތެއް ވެސް ނެތެންނު." ސޫޒަންއަށް ހަޤީޤަތުގައި ވެސް ރޮވިއްޖެ އެވެ. އެއްފަހަރު މާޔާއަށް އަނެއްފަހަރު އިޒީކިއަލްއަށް ބަލަމުންދިޔަ ސޫޒަންގެ ދެ ލޯ ކަރުނުން ފުސްވެ ކޯތާފަތް މައްޗަށް ކަރުނަތައް އޮހިގަތް ހިނދު މޫނުގައި ދެ އަތް އަޅައި ފޮރުވާލި އެވެ.

"ސޫޒީ..." ހާސްކަމުގައި އެނދުމަތިން އިޒީކިއަލް ފޭބި އެވެ. އޭނާގެ ހަށިގަނޑުގައި "ބޮކްސާ" ފިޔަވައި ނިވާކަމެއްނެތްކަން އެނގުނީ ދެނެވެ. އަޖައިބުވެފައި އޭނާއަށް ހޯދާލެވުނެވެ. ތަޅުންމަތީގައިވާ އޭނާގެ ގަމީހާއި ފަޓުލޫނު ފެނި އެ އެއްޗެހި ނަގަން އަވަސްވެލި އެވެ.

ކޮޓަރީގެ ހުޅުވިފައި ހުރި ދޮރު ކޮށްޕާލަމުން އެ ކޮޓަރިއަށް ބަޔަކުވަނެވެ. ނޫސް ރިޕޯޓަރުންކަން އެނގުނީ މީޑިއާ ކާޑު އެތަނުން ދެ މީހެއްގެ ކަރުގައި އަޅުވާފައި އޮތްތަން ފެނި އެވެ. ފަސް ވަރަކަށް މީހުން ތިބިއިރު ގެސްޓްހައުސްގެ މެނޭޖަރާއި އިސް ސްޓާފަކު ވެސް އެމީހުންގެ ތެރޭގައި ހުއްޓެވެ. ފޯނުތައް އަމާޒުކުރެވިފައިވާއިރު ކޮޓަރީގައި ހިނގާ ހުރިހާކަމެއް އެދަނީ ރިކޯޑު ކުރަމުންކަން އިޒީކިއަލްއަށް އެނގުނެވެ.

"ނުކުމޭ... އެންމެން ނުކުމޭ." އިޒީކިއަލްއަށް ހަޅޭލަވައިގަނެވުނެވެ.

"އަދިވެސް މީހުންނާ ދިމާލަށްތަ އެއްޗެހި ކިޔަންވީ. ތިމާ މީހާއަށް ކުރެވިގެން މިއުޅޭ ކަންތައް ނޭނގޭތަ؟. ތީ ހަމަ ބޮޑު މަކަރުވެރިއެއް. ކަލޭމެން ދެ މީހުންގެ ވެސް ލަދުކުޑަކަން... ވަލުޖަނަވާރު ވެސް ވަފާތެރިކަން ދަނޭ. ޔޫ ބޯތް އާ ޖަސްޓް ޝޭމްލެސް. ތި މޫނު ދެކޭކަށް ވެސް ބޭނުމެއްނޫން." ސޫޒަން ރޮމުން ދުވެފައި ނުކުތެވެ. އިޒީކިއަލް އޭނާގެ ފަހަތުން ދާން ބޭނުންވީ ނަމަވެސް އެ ފުރުޞަތެއް ނުލިބުނެވެ.

"އެހެންވީކަމެއްނޫން.... ސޫޒީ..." އިޒީކިއަލްއަށް ބުނެވުނެވެ. ނަމަވެސް އެތަނުގައި އޭނާ ދައްކާ ވާހަކަ އަޑު އަހާކަށް ސޫޒަންއެއް ނެތެވެ.

އިޒީކިއަލްގެ ނަސީބު ރަނގަޅުކަމުން ހިލްމީ ގުޅީ އެވަގުތެވެ. ފަޓުލޫނުގެ ޖީބުގައި އޮތް ފޯނު އިޒީކިއަލް ނެގި އެވެ. އޭނާ ހިލްމީ ކައިރީ ކުރުގޮތަކަށް ކަންތައްވެގެން އުޅޭ ގޮތް ކިޔާދިނުމާއެކު އެ ކޮޓަރިއަށް އަވަހަށް އަންނަން ބުންޏެވެ. އެ ކޯލު ނިންމާލުމާއެކު ރިޕޯޓަރުން އެކިކަހަލަ ސުވާލުތައް އިޒީކިއަލްއާ އަމާޒު ކުރަން ފެށި އެވެ. އެނދުގައި އޮތް މާޔާއަކީ އެލް.ސީ.އެލްގެ ޑިރެކްޓަރެއްކަމާއި އިޒީކިއަލްއަކީ ކާކުކަން ވެސް އެމީހުންނަށް އެނގެ އެވެ. އެ ދެމެދުގައި އެފަދަ ގުޅުމެއް ހިނގާތާ ކިހާ ދުވަހެއްވެއްޖެތޯ ވެސް އެކަކު އެއްސެވެ. އިޒީކިއަލް ކައިރިއަށް އައީ އަމަށަކު ރުޅިއެއްނޫނެވެ.

"ކިހިނެއް މިވަނީ." ބޮލުގައި ހިފަހައްޓާލައިގެން ތެދުވި މާޔާއަށް ބުނެވުނެވެ. އެހިނދު ކޮޓަރިއަށް ވަދެ ތިބި ރިޕޯޓަރުން ކުރެ އެކަކު އެނދާ ކައިރިއަށް ޖެހިލީ ވީޑިއޯއަށް މާޔާ ކައިރިން ނެގުމުގެ ގަސްދުގަ އެވެ. އިޒީކިއަލްއަށް ބަލާކަށް ނުހުރެ އޭނާ ދުރަށް ކޮށްޕާލުމާއެކު ވެއްޓުނީ އެވެ. އޭނާގެ ފޯނު ވެސް އަތުން ދޫވެ ތަޅުންމަތީ ޖެހުނު އަޑު އިވުނެވެ. އެންމެންނަށް އެތަނުން ނުކުތުމަށް އަމުރުކުރި ހިނދު ގެސްޓްހައުސްގެ މެނޭޖަރު ވާހަކަދެއްކި އެވެ.

"މިތާގެ ކޮޓަރިތަކަކީ ބަދުއަޙުލާޤީ ޢަމަލުތައް ހިންގަން ހުރި ތަނެއްނޫން. ފުލުހުންނަށް އަންގަންޖެހޭވަރު ކަމެއްމީ. ކަލޭމެން ދެ މީހުންނަކީ އިނދެގެން ތިބި ބައެއްނޫން. އެންމެންނަށް އެބަފެނޭ ކަލޭމެން ދެ މީހުން ތިބިގޮތް. އަދި މިތަނުގައި ހިނގައިދިޔައީ ކޮންކަހަލަ ކަމެއްކަން ބުނާން." މެނޭޖަރު ބުންޏެވެ.

މާޔާއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. އޭނާއަށް އެއްގޮތަކަށް ވެސް މިވަނީ ކިހިނެއްކަމެއް ނޭނގުނެވެ. އެ ކޮޓަރިއަށް އައި ގޮތެއް އަދި އިޒީކިއަލްއާ ބައްދަލުވީ ކަމެއް ވެސް އޭނާގެ ހަނދާނަކު ނެތެވެ. އެންމެ ފަހުގެ ހަނދާނަކަށް އޭނާ ހުރީ އަމިއްލަ ކޮޓަރީގައި އިންދާ މެންދުރުގެ ކާއެއްޗެހި ފޮނުވާފައި ހުރެގެން އެ ހިފައިގެން ގެސްޓްހައުސްގެ ސްޓާފަކު އެ ކޮޓަރިއަށް އައިކަމެވެ. އަދި ޖޫސްތަށި ބޯލުމާއެކު ފާޑަކަށް ވަރުބަލިވެ ނިދޭގޮތްވީކަމެވެ. އެންމެން ދައްކާ ވާހަކަތަކުން މާޔާއަށް ރޮވިއްޖެ އެވެ. ދުވަހަކުވެސް ބަދުނާމުނުވާވަރަށް އޭނާ ބަދުނާމުވެ މީހާގެ އަބުރާއި އިއްޒަތް ވަޅުލެވިއްޖެ އެވެ.

މާޔާގެ ރުއިމުގެ އަޑާއެކު އިޒީކިއަލްއަށް ބަލާލެވުނެވެ. އޭނާ ގޮތް ހުސްވި ފަދަ އިޙްސާސެއް ކުރެވިގެން ދިޔަ އެވެ. އެއްކޮޅުން އޭނާއަށް ސޫޒަންގެ ނަފުރަތުން ފުރިފައިވާ މޫނު ފެންނަމުންދިޔައިރު އަނެއްކޮޅުން އޭނާގެ ކައިރިން ފެންނަމުން ދިޔައީ މާޔާގެ ރުއިމެވެ.

"މީ ރޭވުމެއް." އިޒީކިއަލްއަށް ރުޅިވެރިކަމާއެކު ބުނެވުނެވެ.

ހިލްމީ އައިސް އެ ކޮޓަރިއަށް ވަނީ ފޯނުން މީހަކާ ވާހަކަދައްކަމުންނެވެ. ގެސްޓްހައުސްގެ އިސް މީހަކީ ކާކުތޯ އެހުމަށްފަހު މެނޭޖަރު ހުރިކަން އެނގުމުން ފޯނުކޯލު ނިންމާލާފައި އޭނާއާ ހިލްމީ ވާހަކަދެއްކި އެވެ.

"އެ އެންމެން މިތަނުން ނެރޭ." އިޒީކިއަލް އަމުރުކުރި އެވެ. އެކަން ކުރާން ހިލްމީ އަވަސްވެގަތެވެ.

(ނުނިމޭ)