މޯލްޑިވްސް އިމިގްރޭޝަން

ގަވައިދާ ހިލާފަށް ފުޅާކޮށް ވިޔަފާރި ކުރަމުން ދިޔަ ބިދޭސީންތަކެއް އަތުލައިގެންފި

މާލޭގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީއަކާއި އެ ސަރަހައްދުގައި މަސައްކަތް ކުރަމުންދިޔަ އިތުރު ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް އެ އިދާރާއިން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ތެރެއިން ކުދި ރީޓޭއިލް ފިހާރަތައް ފުޅާ ދާއިރާއެއްގައި ބިދޭސީއަކު ހިންގަމުންދާ ކަމަށް އިންޓެލިޖެންސް މައުލޫމާތު ލިބުމާ ގުޅިގެން އެ ބިދޭސީ މީހާ ހޯދުމަށް ރޭ 11:30 އާއި 12:30 ދެމެދު ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ ކަމަށެވެ.

މިއޮޕަރޭޝަންގެ ތެރެއިން އެ ބިދޭސީ މީހާގެ އިތުރުން އޭނައާއި އެކު އެ ސަރަހައްދުގައި މަސައްކަތް ކުރަމުންދިޔަ ތިން ބިދޭސީ ފިރެހެނަކާއި އެއް އަންހެނަކު ވެސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.

މީގެއިތުރުން މި އޮޕަރޭޝަނުގެ ތެރެއިން ރޭގެ ވަގުތެއްގައި ހުޅުމާލޭގެ ދެ ތަނެއްވެސް އިމިގްރޭޝަނުން ވަނީ ބަލައި ފާސްކޮށްފަ އެވެ. އަދި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދިޔަ ހަތަރު ބިދޭސީއަކު އެ ދެ ތަނުން އަތުލައިގެންފައިވެ އެވެ.

މިދިޔަ މަހު ވެސް މާރުކޭޓުގައި ގަވާއިދާ ހިލާފަށް އުޅުނު 50 ބިދޭސީން ހޯދައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.