މޯލްޑިވްސް އިމިގްރޭޝަން

މާލެއިން ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

މާލޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ ގުޅޭގޮތުން "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިމިގްރޭޝަނުން އިއްޔެ ހެނދުނު ވަނީ ރެއިޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފަ އެވެ.

މި ރެއިޑް އޮޕަރޭޝަންގައި ގ. ހީނާމާގެ ޕާކިން ސަރަހައްދުން ބަލައި ފާސްކުރެވުނު ބިދޭސީންގެ ތެރެއިން ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ ނެތް 14 ބިދޭސީއަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފަ އެވެ.

މީގެ އިތުރުން މާފަންނުގައި ބިދޭސީން ދިރިއުޅެމުންދާ އެކަމަޑޭޝަން ބްލޮކެއްގެ މައުލޫމާތު މާލޭ ސިޓީ ކައުންސިލުން ހިއްސާކުރުމާ ގުޅިގެން އެތަން ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް އުޅެމުންދިޔަ އަށް ބިދޭސީއަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފަ އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް ވަނީ 2،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްފަ އެވެ. އަދި އެތައް ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި މިވަގުތުވެސް އެބަތިއްބެވެ.