ވަޒީފާގެ ބާޒާރުގެ މައުލޫމާތު ހޯދުމަކީ ބޮޑު ގޮންޖެހުމެއް ކަމަށް ޗީފް ސްޓެޓިސްޓީޝަން އައިޝަތު ހަސަން ވިދާޅު ވެއްޖެ އެވެ.
އަވަސްގެ "ފޭސް ޓު ފޭސް" ޕްރޮގްރާމްގައި އައިޝަތު ވިދާޅުވީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގެ މައުލޫމާތު ހޯދައި އެއްކުރުމަކީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. ހާއްސަކޮށް ބިދޭސީންގެ މައުލޫމާތު ހޯދަން ވަރަށް އުނދަގޫ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އައިޝަތު ވިދާޅުވީ 2014 ވަނަ އަހަރުގައި ވެސް ވަޒީފާގެ ބާޒާރުގައި މަސައްކަތް ކުރާ މީހުންގެ މައުލޫމާތު ހޯދަން ބުރަ މަސައްކަތްތަކެއް ކުރި ކަމަށާއި އެ އަހަރުގެ ބޯހިމެނުމުގައި ވެސް ހާއްސަ ސަމާލުކަމެއް ދީގެން މައުލޫމާތުތައް އެއްކުރަން ޖެހުނު ކަމަށެވެ. އެގޮތުން ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި ސިނާއީ ރަށް ތިލަފުށި އަދި ބަނދަރު ސަރަހައްދުގައި މަސައްކަތްކުރާ ބިދޭސީންގެ މައުލޫމާތު 2014 ވަނަ އަހަރު ހާއްސަ ސަމާލުކަމެއް ދީގެން އެއްކުރި ކަމަށް ވެސް ވިދާޅުވި އެވެ.
"އޭރުވެސް އަޅުގަނޑަށް ފާހަގަ ކުރެވުނު ބިދޭސީންގެ މައުލޫމާތު ނެގުމަށް ވަރަށް ގިނަ ގޮންޖެހުންތަކެއް ދިމާވިކަން. އެ މީހުނ ް އުޅޭ މާހައުލު ތަފާތުވުމާއި ވާހަކަ ދެއްކުމުގައި ވެސް އުނދަގޫތަކަކާއި ދިމާވި،" އައިޝަތު ވިދާޅުވި އެވެ.
އައިޝަތު ވިދާޅުވި ގޮތުގައި 2014 ވަނަ އަހަރުން ފެށިގެން ބޯހިމެނުން ތަކުގައި ބިދޭސީންގެ މައުލޫމާތުތައް ވެސް ހިމަނަމުންދެ އެވެ. އަދި އަންނަ އަހަރު ވެސް އެ މަސައްކަތް ކުރާނެ އެވެ. އެގޮތުން އަންނަ އަހަރުގެ ބޯހިމެނުމަށް މައުލޫމާތު އެއްކުރާ ސެންޓަރެއް ތިލަފުށީގައި ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދެ އެވެ.
ބޯހިމެނުން ކުރިޔަށްގެންދަން ނިންމާފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު 17 އިން 30 އަށެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ އަދި މަސައްކަތް ކުރާ ހުރިހާ ހިސާބެއްގައި ބޯހިމެނުން ކުރިއަށް ގެންދާނެ އެވެ.