ރާއްޖެ ކުޅިވަރު

ވޮލީ ރައީސް ކަމަށް ކާނަލް ކުރިމަތިލައިފި

Mar 8, 2016
1

ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ކުރިމަތިލައިފި އެވެ.

މި އަހަރު ފަހުކޮޅު ބާއްވާ އިންތިހާބަށް މިހާރު ހުޅުވާލާފައިވާތީވެ އޭނާ ދެންމެ ވަނީ ފޯމު ހުށަހަޅާފަ އެެވެ.

"މި ކުޅިވަރަށް ހިދުމަތްކޮށް، ވޮލީ އަށް ރަނގަޅު ކުރިއެރުންތަކެއް ގެނައުން އަޅުގަނޑުގެ އުއްމީދަކީ. ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން މިކަމަށް ކުރިމަތިލީ،" ކާނަލް ބުންޏެވެ.

ކުޅިވަރަށް އެކިގޮތްގޮތުން މީގެ ކުރިން ހިދުމަތްކޮށްފައިވާ ކާނަލް އަކީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ލީޑަރެވެ.

ކާނަލްގެ އިތުރުން ވޮލީ އެސޯސިއޭޝަނުގެ މިހާރުގެ ރައީސް މުހައްމަދު ރިޔާޒް އާއި ނާއިބް ރައީސް އިލްޔާސް ވަހީދާއި ކުރީގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޝާފީ ވެސް ވަނީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ބުނެފަ އެވެ.