ރާއްޖެ ކުޅިވަރު

މާޒިޔާ އަކީ ރާއްޖޭގެ ގައުމީ ޓީމު: ޔަންގޮން ކޯޗު

Mar 8, 2016

މާޒިޔާއާ ދެކޮޅަށް ކުޅުމަކީ ރާއްޖޭގެ ގައުމީ ޓީމާ ދެކޮޅަށް ކުޅުން ފަދަ ކަމެއް ކަމަށް މިޔަންމާގެ ޔަންގޮން ޔުނައިޓެޑުގެ ކޯޗު ސިފަކޮށްފި އެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން އޭނާ ބުނީ މާޒިޔާގައި ގައުމީ ޓީމުގެ 10 ކުޅުންތެރިން އެބަތިބި ކަމަށާއި ފުރަތަމަ މެޗުން މާޒިޔާ ތަފާތުބޮޑުކޮށް އިންޑިޔާގެ މޯހަން ބަގާން އަތުން ބަލިވި ނަމަވެސް މި މެޗު ތަފާތުވާނެ ކަމަށެވެ.

އޭނާ ބުނީ މާދަމާގެ މެޗަށް ނުކުންނައިރު، ހޫނުގެ މައްސަލަ ކުރިމަތިވާނެ ކަމަށެވެ.

"މީ އަހަރެން ރާއްޖޭގައި ކުޅޭ ތިން ވަނަ މެޗު. މީގެ ކުރިން ދެ ފަހަރު އަހަރެން އަތުވެއްޖައިން ރާއްޖެ. އެހެންވީމަ މިކަމަށް ޑީލްކުރާނެ ގޮތް އަހަރެން މިދަނީ ބަލަމުން. ކުޅުންތެރިންނަށް ވެސް ރާއްޖޭގެ ހޫނުގައި ކުޅެންޖެހޭގޮތް ވިސްނައިދެމުން މި އަންނަނީ،" ކޯޗު ބުންޏެވެ.

އޭނާ ބުނީ މާޒިޔާއިން ވާދަވެރި މެޗުތަކެއް ނުކުޅެ މުބާރާތުގައި ކުޅޭއިރު އޭނާގެ ޓީމު ވަނީ ފާއިތުވެދިޔަ މަހެއްހާ ދުވަހު ގިނަ މެޗުތަކެއް ކުޅެފައިކަމަށާއި އޭގެ އެޑްވާންޓޭޖް ލިބޭނެ ކަމަށެވެ.