ދުނިޔެ

ޓްރަމްޕްގެ ވެރިކަމެއްގައި ނޭޓޯއަށް ސިއްރު މައުލޫމާތު ދިނުން މަދުކުރާނެ

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް -- އެ ގައުމުގައި މި އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި -- ރައީސްކަމުގެ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ، ނޭޓޯއާ އެކު ސިއްރު މައުލޫމާތު ހިއްސާކުރުން ހައްދުކުރާނެ ކަމަށް އެމެރިކާގެ ނޫސްތަކުން ބުނެފި އެވެ.

ޑޮނަލްޑް ޓްރަމްޕް ރައިސްކަމަށް ގެނައުމަށް އަންބާކިޔާ ސަޕޯޓަރުން ބުނާ ގޮތުން، ވައިޓް ހައުސްއަށް ވަޑައިގެން ސަރުކާރު ހިންގަވާނެ ހުރިހާ ގޮތެއް ޓްރަމްޕް މިހާރު ވަނީ އެކުލަވާލައްވާފަ އެވެ.

ނޭޓޯ ގައުމުތަށް ދިފާއުކުރުމުގައި ވެސް އެންމެ އިސް ދައުރެއް އަދާކުރަނީ އެމެރިކާ ކަމަށް ޓްރަމްޕް އަބަދުވެސް ވިދާޅުވެ އެވެ. ނޭޓޯ ދެމެހެއްޓުމަކީ އެމެރިކާއަށް ވަރަށް ބޮޑު ޚަރަދެއް ކަމަށް ވެސް އޭނާ ތަކުރާރުކުރައްވައި ވަނީ ވިދާޅުވެފަ އެވެ.

ރައީސަކަމަށް ވަޑައިގަތުމަށް މީގެ ކުރިން ބޭއްވި ކެމްޕެއިން އެއްވުމެއްގައި ނޭޓޯ އުވާލައްވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. އަދި އެމެރިކާއިން ނޭޓޯއަށް ދޭ އެހީ ކަނޑާލައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި ނޭޓޯ ދެމެހެއްޓޭނެ އޮތީ އެންމެ ގޮތެކެވެ. އެއީ ނޭޓޯގެ މެމްބަރު ގައުމުތަކުން ނަގާ ފީއަކުން އެ ޖަމާއަތް ހިންގުމެވެ.

އެމެރިކާގެ މަޝްހޫރު ބައެއް ނޫސްތައް ބުނާ ގޮތުން ޑޮނަލްޑް ޓްރަމްޕަށް އެމެރިކާގެ ރައީސްކަން މި ފަހަރު ލިބިވަޑައިގެންފި ނަމަ ނޭޓޯ ފުޅާކުރުން -- ޚާއްސަކޮށް ރަޝިއާއާ ދިމާއަށް ފުޅާކުރުން ހުއްޓުވާނެ އެވެ. އަދި ރަޝިއާއާ އެކު މަޝްވަރާކުރައްވައި ޔުކްރޭން ހަނގުރާމަ ހުއްޓުވާނެ އެވެ.

ޓްރަމްޕްގެ ސިޔާސީ ވާދަވެރިން ތުހުމަތުކުރާ ގޮތުގައި ޓްރަމްޕަކީ ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންގެ އަރިސް ބޭފުޅެކެވެ. ޕޫޓިން ބޭނުންވާ ކަންކަން ޓްރަމްޕް ކޮށްދެއްވާފައި ހުރި ކަމަށް ވެސް އޭނާގެ ވާދަވެރިން ބުނެ އެވެ.

ނަމަވެސް، މިއީ ފާޅުކަން ބޮޑު ގޮތެއްގައި ޓްރަމްޕް ވާހަކަދައްކަވާ މައުލޫއެއް ނޫނެވެ. ޓްރަމްޕް އަބަދުވެސް ވިދާޅުވަނީ އެމެރިކާގެ ރައީސްގެ މަގާމުގައި އޭނާ ހުންނެވި ނަމަ ޔުކްރޭން ހަނގުރާމަ ނުފެށޭނެ ކަމަށެވެ.

ރައީސްކަން ލިބިވަޑައިގެންފި ނަމަ ޔުކްރޭން ހަނގުރާމަ ހުއްޓުވަށް ރޭދުވާވެސް ނުނަގާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެ މާނަ އަކީ ސީދާ ރައީސް ޕޫޓިންއާ މަޝްވަރާކުރައްވާން ޓްރަމްޕް ޖެހިލުންވެ ވަޑައިނުގަންނަވާ ކަމެވެ. އަދި އެކަމަށް އޭނާ ތައްޔާރު ކަމެވެ.