ދުނިޔެ

ޑޮލަރާ ބީރަށްޓެހި ގައުމުތަކަށް އަދަބު ދޭނަން: ޓްރަމްޕް

ބައިނަލްއަގްވާމީ މާލީ މުއާމަލާތްތަކުގައި އެމެރިކާ ޑޮލަރުގެ ބަދަލުގައި އެހެން ފައިސާއެއް ބޭނުންކުރާ ގައުމުތަކަށް ކަރުން ލޭރަހަލާ ވަރުގެ އަދަބެއް ދެއްވާނެ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް ވިދާޅުވީ އަންނަ ނޮވެމްބަރު ފަސްވަނަ ދުވަހު އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބު އޭނާއަށް ކާމިޔާބުވެއްޖެނަމަ -- މާލީ މުއާމަލާތްތަކުގައި ޑޮލަރު ބޭނުން ނުކުރާ ގައުމުތަކުގެ މުދަލުން 100 ޕަސެންޓް ޑިއުޓީ ނަންގަވާނެ ކަމަށެވެ.

އޭނާގެ ވެރިކަމެއްގައި އެމެރިކާ ޑޮލަރުގެ އަގުވެއްޓުނަ ނުދެއްވާނެ ކަމަށްވެސް ތަކުރާރުކޮށް ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާގެ ވިސްކޮންސިންގައި އޮތް ކެމްޕޭން އެއްވުމެއްގައި ޓްރަމްޕް ވިދާޅުވީ ޑޮލަރާ ކުޅެން އުޅޭ ބަޔަކަށް ހިތުން ނުފިލާވަރަށް އަދަބު ހުރީ ތައްޔާރުވެފައި ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ ޑޮލަރު ދޫކޮށްލާ ބަޔަކާ އެކު އެމެރިކާ ކުރާނެ ވިޔަފާރިއެއް ނޯންނާނެ ކަމަށެވެ. ބައިނަލްއަގްވާމީ ވިޔަފާރި މުއާމަލާތްތަކުގައި ޑޮލަރު ބޭނުންކުރުން ހުއްޓުވައިފިނަމަ ދަތި ދުވަސްތަކެއް ދުނިޔެ ތަޖުރިބާކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

ޑޮނަލްޑް ޓްރަމްޕްގެ މި ހަމަލާ ބޮޑަށް އަމާޒުވަނީ ބްރިކްސް ޖަމާއަތަށެވެ. ޗައިނާ އާއި ރަޝިއާ އަދި ބްރިކްސްގައި ހިމެނޭ އެހެން މެމްބަރު ގައުމުތަކުގެ މިސްރާބު މިހާރު ހުރީ އެމެރިކާ ޑޮލަރު ދޫކޮށްލައި އަމިއްލަ ފައިސާއެއް ބޭނުންކުރުމާ ދިމާއަށެވެ.

ޗައިނާ އާއި ރަޝިއާއާ ދެމެދު ކުރެވޭ ވިޔަފާރީގައި މި ދެ ގައުމުގެ ފައިސާ ބޭނުންކުރުން އަދި އިންޑިއާއިން އާންމުކޮށް މުދާ ގަންނަ މީހުން އިންޑިއާ ރުޕީޒް ބޭނުންކުރުމަށް ބްރިކްސް ދަނީ ތައްޔާރުވަމުންނެވެ.

ޓްރަމްޕް ވިދާޅުވީ ޑޮލަރު އެކަހެރިކުރަން ވިސްނާނަމަ އެ ބަޔަކު އެ ކުރަނީ ވިޔަފާރި ނޫން ކަމަށެވެ. އޭނާ އަދި ވިދާޅުވީ އެމެރިކާ އެކަހެރިކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. އެމެރިކާގެ ރައީސްގެ މަގާމަށް އަލުން ހޮވިވަޑައިގެންފިނަމަ އެމެރިކާއާ ބީރަށްޓެހި ގައުމުތަކަށް ވަރަށް ބޮޑަށް ދަތިކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ނޮވެމްބަރުގެ އިންތިހާބުގައި ޓްރަމްޕް ވާދަކުރައްވާނީ ރިޕަބްލިކަން ޕާޓީގެ ފަރާތުންނެވެ. އޭނާ މި ފަހަރު ވާދަކުރައްވަނީ ދެވަނަ ދައުރަކަށެވެ.

ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓަކީ ކަމަލާ ހެރިސް އެވެ. ހިޔާލުހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުން ޓްރަމްޕްގެ މައްޗަށް ކަމަލާ ހެރިސް ކާމިޔާބު ހޯއްދަވާނެ އެވެ.