ހަބަރު

ކަރަންޓުގެ ދާއިރާ ހަރުދަނާ ކުރަން އީއައިބީން 50 މިލިއަން ޑޮލަރުގެ ލޯނެއް ދީފި

ރާއްޖޭގެ ހަކަތައިގެ ދާއިރާ ތަރައްގީ ކުރަން އެންވަޔަރަމަންޓް މިނިސްޓްރީން ފެށި މަޝްރޫއަށް ޔޫރަޕިއަން އިންވެސްޓްމަންޓް ބެންކް (އީއައިބީ) އިން 50 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ދީފި އެވެ.

އީއައިބީން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ ލޯނު އެހީ ދިނުމަށް މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި ލޯނު އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ، ރާއްޖޭގައި ކަރަންޓުގެ ހިދުމަތްދޭ ދެ ކުންފުންނި ކަމަށްވާ ސްޓެލްކޯ އާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރުންނާއި، އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަތީން އާއި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު އެވެ. އީއައިބީގެ ފަރާތުން ސޮއިކުރެއްވީ އެ ބެންކުގެ ލޯނު އޮފިސާ ޑރ. ރެންޑަލް އެވެ.

ރާއްޖޭގެ ހަކަތައިގެ ނިޒާމްގެ ފެންވަރު މަތިކޮށް އިއާދަކުރަނިވި ހަކަތަ ވީހާވެސް ގިނަ ރަށެއްގައި އުފެއްދޭނެ ގޮތް ހެދުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ފަށާފައިވާ "ވޮއިސް" މަޝްރޫއަކީ 129 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ. އެ ޕްރޮޖެކްޓަށް މީގެ ކުރިންވެސް ގިނަ ފަރާތްތަކަކުން ވަނީ ލޯނުގެ އެހީތައް ދީފަ އެވެ. އެގޮތުން އޭޝިއަން ޑިވޮލޮޕްމަންޓް ބެންކް (އޭޑީބީ) އިން ވެސް ވަނީ 38 މިލިއަން ޑޮލަރުގެ ލޯނެއް ދީފަ އެވެ. އަދި ޗައިނާ ސަރުކާރާއި އިސްލާމިކް ޑިވޮލޮޕްމަންޓް ބެންކުންވެސް ވަނީ ލޯނު ދީފަ އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަތީން އަހުމަދު ވިދާޅުވީ، މާލެއާއި ހުޅުމާލޭގެ ކަރަންޓު ވިއުގައަކުން ގުޅާލުމަކީ ހަކަތައިގެ ދާއިރާއިން މި ސަރުކާރުން ހިންގަން ނިންމާފައިވާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށެވެ. އީއައިބީން މިއަދު ދިން ލޯނުގެ ފައިސާއިން ޑިޒައިން ކުރާނެ ފަރާތެއް ހޯދަން އިއުލާނުކޮށްފައިވާ އެ މަޝްރޫއަށް ހަރަދުކުރާނެ ކަމަށެވެ.

"މާލެ އާއި ހުޅުމާލެ ބްރިޖް ތެރެއިން އަޅާ ކޭބަލް އަކުން ގުޅާލުމުގެ މަސައްކަތަށް މި ލޯނުން ހަރަދުކުރަން މިވަނީ ނިންމާފަ. މުޅި ހަރަދު ކަވަރު ނުކުރެވިދާނެ. ނަމަވެސް އެ މަޝްރޫއަށް އަދިވެސް ބޭނުންވާ ފައިސާ ސަރުކާރުން ހޯދާނެ،" މަތީން ވިދާޅުވި އެވެ.

މީގެ އިތުރުންވެސް، އަވިން ކަރަންޓު އުފައްދަން ކުރާ މަސައްކަތްތަކަށާއި ރަށްރަށުގައި ހުރި އިންޖީނުގެތައް ފެންވަރު ރަނގަޅުކުރުމަށްވެސް އެ ފައިސާއިން ހަރަދު ކުރާނެ ކަމަށް މަތީން ވިދާޅުވި އެވެ.

އީއައިބީން ރާއްޖެއަށް މިއަދު ދޫކުރި ލޯނަކީ 18 އަހަރުން ދައްކައި ހަލާސްކުރާ ގޮތަށް ދޫކުރި ލޯނެކެވެ. ލޯނުގެ ގްރޭސް މުއްދަތެއްގެ ގޮތުގައި ތިން އަހަރުގެ މުއްދަތެއް ކަނޑައަޅާފައިވާއިރު އިންޓްރެސްޓް ރޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 3.31ރ. އެވެ.