ފަލަސްތީން

ރާއްޖެއިން ފަލަސްތީނަށް ދޭ އެހީ ބޮޑުކޮށްފި

ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް އދ. އިން އުފައްދާފައިވާ ޖަމިއްޔާ -- ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ -- އަންރުވާ އަށް ރާއްޖެއިން ކޮންމެ އަހަރަކު ދޭ ފައިސާގެ އެހީ 50،000 ޑޮލަރު (771،000 ދިވެހި ރުފިޔާ) އަށް އިތުރުކުރަން ނިންމައިފި އެވެ.

ރާއްޖެއިން އަންރުވާއަށް ކޮންމެ އަހަރަކު ދޭ އެހީ އިތުރުކުރަން ނިންމާފައިވާކަން ހާމަކުރެވީ އދ. ގެ މައި މަރުކަޒުގައި އިއްޔެ ބޭއްވި "އަންރުވާ ފްލެޖިންގް ކޮންފަރެންސް" ގައި ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު އެވެ.

މީގެ ކުރިން ރާއްޖެއިން އަންރުވާއަށް ދެމުން ދިޔައީ އަހަރަކު 5،000 ޑޮލަރެވެ.

އެ ކޮންފަރެންސްގައި އަލީ ނަސީރު ވަނީ ފަލަސްތީނަށް އެހީވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ބޭއްވި ޓެލެތޯނަށް 18.4 މިލިއަން ރުފިޔާ އާއި 49،800 ޑޮލަރު ލިބިފައިވާކަން ފާހަގަކުރައްވާފަ އެވެ.

ޓެލެތޯނަށް އާންމުން ހަދިޔާކުރި އެ ފައިސާ އަންރުވާ މެދުވެރިކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށްވެސް އަލީ ނަސީރު ވިދާޅުވި އެވެ.

ތެލެތޯނަށް ލިބުނު ފައިސާ އާއި ސަރުކާރުން އަންރުވާއަށް ދޭ 50،000 ޑޮލަރާއެކު ރާއްޖެއިން ފަލަސްތީނަށް އެހީގެ ޖުމްލަ 1.29 މިލިއަން ޑޮލަރު -- 19،891،800 ދިވެހި ރުފިޔާއަށް އަރާނެ އެވެ.

މީގެ އިތުުރުން ޒަކާތު ފަންޑުން 100،000 ޑޮލަރު ފަލަސްތީނަށް ހަދިޔާކުރަން ވަނީ ނިންމާފަ އެވެ.