(ކުރީގެ ބަޔާ ގުޅޭ)
މަންމަގެ ފޯނު އަތުޖެހޭނެ ވަގުތަކަށް ޒޯޔާ ދިޔައި އިންތިޒާރު ކުރަމުންނެވެ. ސްކޫލުން އައި ގޮތަށް ޒޯޔާ ހުރީ، ޒީކު ގޮވައިގެން މަންމަ ސްކޫލު ދޮށަށް ދާނެކަން އެނގޭތީއެވެ. މިޝްކާ ބޭރަށް ދާން ރެޑީވުމަށްފަހު އަތް ދަބަސް ތެރެއަށް ފޯނާއި، ވޮލެޓް ލުމަށްފަހު ވަނީ ފާޚާނާއަށެވެ. އެވަގުތު އަތް ދަބަހުން ފޯނު ނަގައިގެން ޒޯޔާ ކޮޓަރިން ނުކުތެވެ.
މަންމަގެއިން ނުކުތުމާ އެކުގައި ކޮޓަރިއަށް ވަދެ މަންމަގެ ފޯނު އެއްކޮޅުން އަނެއްކޮޅަށް ކޮޅާލިއެވެ. މީހުންނާއި ދައްކާފައި ހުރި ވާހަކަތައް ކިޔަމުން ދިޔަ އިރު މަންމަގެ ޕުލޭން ތަކުގެ ސަބަބުން ލޯލިތައް ކޮޅަށް ޖެހެމުން ދިޔައެވެ. ދެބުމަ ގޮއްޖެހުމުން ދިޔައެވެ. އެކިމީހުންނާއި ދައްކާފަ ހުރި ވާހަކަތައް ކިޔަމުން ދަނިކޮން އެފެނުނީ އާލިޔާގެ ފޮޓޯތަކެވެ. އެފޮޓޯތަކުން ފެންނަނީ ވިހަން ކައިރިވެފައި ވަނިކޮންނެވެ.
ދެފަރާތުން ދެކެވިފައި ހުރި ވާހަކަތަކުން ޒޯޔާއަށް އެނގުނީ އާލިޔާ ވަރިކޮށްފައި ވާކަމެވެ. އަދި މަންމައަށް ވުރެ ބޮޑަށް އާލިޔާ ދެކެ އަދިވެސް ބައްޕަ ލޯބިވާކަމެވެ. މަންމަގެ ނުބައި ރޭވުންތަކުން ބައްޕައާއި އާލިޔާ ދުރު ކުރުވީ ކަމެވެ. ބައްޕަ ގެ ދިރިއުޅުން ރާއްޖެއިން ބޭރަށް ބަދަލު ކުރުމުގައި މަންމަ އިސް ދައުރެއް އަދާ ކުރިކަމެވެ. އެކަމުގެ މަޤްޞަދަކީ އާލިޔާއާއި ދެވަނަ ފަހަރަށް ބައްޕަ ގުޅިދާނެތީކަން ވެސް އެނގުނެވެ. އެކަމުގެ ބިރަށް ކުރި ކަމެއް ކަމަށް ލިޔެފައި ވެއެވެ.
ޒޯޔާ ރާއްޖެ ދާން ބޭނުންވިއެވެ. ދިވެހި އިސްލާމް މިތަންތަނުން ނުކިޔެވޭތީއެވެ. ޒޯޔާ އެކަމާ އަބަދުވެސް ޝަކުވާ ކުރެއެވެ. އެޝަކުވާތަކާއި ގުޅިގެން އިސްލާމް އިނގިރޭސި ބަހުން ކިޔަވައި ދިނުމުގެ އިންތިޒާމު ބައްޕަ ހަމަޖައްސައި ދިނެވެ. އެހެން ނަމަވެސް ދިވެހި ނުކިޔެވޭތީ އަބަދުވެސް ދެރަވާ ވާހަކަ މަންމަ ގާތު ތަކުރާރުކޮށް ކިޔައެވެ. އެކަމަށް މަންމަގެ ތާއީދެއް ނުލިބުނެވެ. ކުރީގެ ރައްޓެހިން ގެއްލި ބީރައްޓެހި ސަގާފަތެއްގެ ތެރޭގައި ބޮޑުވަން ޖެހޭތި އެކަމާއި މެދު މަންމައަށް ވިސްނައިދޭން ކުރި މަސައްކަތް ކާމިޔާބު ނުވީ މަންމަގެ އަމިއްލަ އެދުން އޮތުމުން ކަން އެނގުނެވެ. ފޯނު ހިފައި ގެން އިނދެވުނީ ކިހާއިރެއް ވަންދެންކަން ވެސް ނޭނގުނެވެ.
މަންމައަށް މެސެޖެއް އައެވެ. ކިޔާލިއެވެ. އެންމެފަހުގެ އަޕްޑޭޓް ކަމުގައި ބުނެ ލިޔެފައި ވެއެވެ. އާލިޔާ ބަނޑު ބޮޑުކަން ސައުން ނަކަށް ނޭނގެއެވެ. ސައުން ވަރިކޮށްފައި ވަނީ އާލިޔާ ބަލިވެ އިންތާ އެއްމަސް ފަހުންނެވެ. މާދަމާ އާލިޔާ އެޑްމިޓް ވާނެއެވެ. ސައުން މާލެ އަޔަ ނުދީ ހިފަހައްޓަން އިރުޝާދު ދީފައި ވެއެވެ. އަދި އެ ޚަބަރަށް ފަސްސަތޭކަ ޑޮލަރު ފޮނުވައި ދިނުމަށް އެދިފައި ވެއެވެ. އިތުރު ޚަބަރުތައް ހުރިކަމާއި އެކަންތައްތައް ހިއްޞާ ކުރެވޭނީ ފައިސާ ޖަމާކުރުމުން ކަމަށް ލިޔެފައި ވެއެވެ.
ޒޯޔާ ގެ ރުޅި ދިޔައި ގަދަވަމުންނެވެ. ބައްޕަ ދަލާއި ލޭ އޮހޮރު ވައިގެން ހޯދާ ފައިސާ ކޮޅު މިފަދަ ނުބައި ރޭވުންތަކަށް ޚަރަދު ކުރާތީ ވަކިން ބޮޑަށް ރުޅި ގަދަވިއެވެ. ގޭގެ ދޮރު ހުޅުވުނު އަޑާއި އެކު ޒޯޔާއަށް މަންމަ ގޮވަން ފެށި އެވެ އެ އަޑާއެކުގައި ޒޯޔާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ފޯނު އަތުން ދޫވެގެން ވެއްޓުނެވެ. ދެވަނަ ސިކުންތުގައި މަންމަ ކުރިމަތީގައި ހުރިތަން ފެނުމާއެކުގައި ގައިން ހީބިހި ނަގައިގެން ދިޔައެވެ.
މިޝްކާ: ޒޯޔާ ކީއްތިކުރަނީ އަދި ވެސް ޔުނިފޯމު ނުބާލަ! ކިހިނެއްވެފަ ތިހުރީ؟ ކާކު ކީކޭ ކިޔައިގެންތަ މިއަދު އާވަހަކަ ތަކެއް ތިޔަ ދައްކަނީ! އުމުރަށް ވުރެ މާބަސް ގިނަވެގެން އުޅޭނެ ކަމެއް ނެތް! މީގެ ފަހުން އެ ބާވަތުގެ ވާހަކަ ދައްކައިގެން ނުވާނެ!
ޒޯޔާ މިޝްކާ ދައްކާ ވާހަކަ އަކަށް ސަމާލު ކަމެއް ނުދެއެވެ. ލޯހުރީ މުށި ތަކަށް އަމާޒުކޮށް ގެންނެވެ. ވަށައިގެން ހޯދާލިއެވެ. ފޯނު ފެންނާކަށް ނެތެވެ. ހިތާ ހިތުން ﷲ އަށް ޝުކުރުވެރިވެ ހަމްދު ކުރިއެވެ. ފޯނު ވީ އެނދު ތަންދޮށުގައި ކަން ޔަޤީން ވުމުން ހަމަޖެހުމުގެ ނޭވަޔަކާ އެކުގައި އެނދުމަތީގައި އޮތް "ވާހަކަ ފޮތް ނަގައި ދައްކާލިއެވެ. މިވާހަކަ ރީތިކަމުން މިބައި ނިންމާލައިފައި ނޫނީ ނުދާން މިއިންނަނީ" މިފަހަރު ޒޯޔާ މަންމައަށް އޮޅުވާލިއެވެ.
ޒޯޔާ އެހެން ބުނި ނަމަވެސް ޝައްކުގެ ނަޒަރަކުން ބަލާލިއެވެ. ހެދުން ބަދަލުކޮށް ގެން ކާން އަންނާށޭ ބުނުމަށްފަހު ކޮޓަރިން ނުކުމެގެން ދަމުން ވެސް ފަސްއެނބުރި ބަލާލިއެވެ. ޒޯޔާ ހުރީ މަންމަގެ ހަރަކާތް ތަކަށް ފިސާރި ހުޝިޔާރުވެގެންނެވެ.
މަންމަ ނުކުތުމާ އެކުގައި ކޮޓަރި ތަޅުލިއެވެ. އެނދުތަން ދޮށަށް ވެއްޓުނު ފޯނު ފެނޭތޯ ބަނޑުޖަހައިގެން އޮވެ ހޯދަމުން ދިޔައެވެ. ފޯނު ނުފެނުނެވެ. އެނދަކީ ޒޯޔާއަށް އުފުލާލެވޭ ވަރަށް ވުރެ ބަރު އެނދެކެވެ. ފޯނު ޖެހުނު ގޮތަށް އޮތީ މާދުރަށް ވިއްސައިގެން ގޮސްފައެވެ. އަތްޖެހޭ ގޮތެއް ނުވިއެވެ. އެންމެފަހުން ނިންމީ އެހެން ވަގުތަކުން ފޯނު ނެގުމަށެވެ.
ފެންވަރައިގެން ކާން ދިޔައިރު މަންމަ ދެލޯ ދެކާށި ކިބަހެން ހަދައިގެން އެއްޗެއް ހޯދަނިއެވެ. އިރުއިރުކޮޅުން އަތް ދަބަހަށް އަތްލައިގެން އެކި ވަތްގަނޑު ވަކި ވަކިން ހާވަމުން ދިޔައެވެ. ޒޯޔާއަށް މަންމަ ހޯދަނި ފޯނުކަން އެނގުނެވެ. ހަނުހިމޭންވިއެވެ. މޫނުމަތިން ހާސްކަން ފެނިދާނެތީ މަޑު މަޑުން ލަވައެއްގެ ރާގު އަޅުވާލިއެވެ. ނުވާކަމަކަށް ހަދާފައި ގޮސް މޭޒު ކައިރީ އިށިނެވެ.
އެވަގު ސައުން އައިސް ޒޯޔާގެ ކަނާތް ފަރާތުން އިށީނެވެ. މިސްކާގެ ހަރަކާތް ތަކަށް ބަލަން އިނުމަށްފަހު ސައުން ސުވާލު ކުރިއެވެ. "މިއަދު އަނެއްކަ ކޯޗެއް ގެއްލުނީ . ކުރީ ދުވަހުވެސް އެއޮއް ހުރިހާ ފައިސާ އާއެކުގައި އައީ ސޮޕިން މޯލަށް އަތް ދަބަސް ދީފަ. މިހާރަކަށް އައިސް މިޝްކާގެ ފަރުވާ ކުޑަކަމުން އެ ގެއްލެނީ ހާދަ ފައިސާއޭކޭ" އެހެން ބުނަމުން ތަށި ކައި ރިއަށް ދަމާލިއެވެ. ސައުންގެ އެ ވާހަކަތައް އަޑު އިވުމާއެކުގައި ފައިސާ ދަބަސް ގެއްލުނި ނޫންކަން ޒޯޔާ އަށް ވިސްނުނެވެ. މަންމަ ޖާސޫސް ކުރުވާ މީހުންނަށް ފައިސާ ދޭން ވެގެން ބައްޕަ ގާތު ދޮގު ހެދީ ކަން ކަށަވަރުވިއެވެ. ސައުން އެހެން ބުނުމުން އަތްދަބަސް ދުރުގައި ބޭއްވުމަށްފަހު "އެއީ ދަބަސް ތެރޭގައި ބޭއްވި އަނގޮޓި އޮތްތޯ ބެލީ" އަނގޮޓި ނަގައި ދައްކާލިއެވެ.
މިފަހަރު ވާހަކަ ފެށީ ޒޯޔާއެވެ. "ބައްޕާ! ކޮންއިރަކުން މާލެ ދަނީ؟ ޒޯޔާ ބޭނުން މާލެ ދާން. މިކޮޅުގައި އުޅޭހިތެއް ނުވެ. ޒޯޔާ ފޮނުވަންވީ ނުން އާލިޔާ ދައްތަ ކައިރިއަށް މާލޭގައި ކިޔަވަން ހުންނަން." ޒޯޔާ އާލިޔާގެ ވާހަކަ ބުނީ ބައްޕަގެ އިހުސާސްތައް އަލުން ހޭލައްވާލުމަށެވެ.
ޒޯޔާގެ މިވާހަކަތަކުން ސައުންނަށް ލިބުނީ ހައިރާން ކަމެވެ. ޒޯޔާ އާލިޔާއަށް މީގެ ކުރިން ނަފުރަތު ކުރާކަން އެނގެއެވެ. އެކަމަކު މިއަދު ވާހަކަ ހުރި ގޮތުން ހިތުގައި އެތައް ސުވާލެއް އެފެދެމުން ދިޔައެވެ. ޒޯޔާގެ އެސުވާލުތަކަށް ދޭނެ ޖަވާބެއް ނެތެވެ. މާލެ ދެވިދާނެއެވެ. އާލިޔާކައިރީގައި ޒޯޔާ ބައްހައްޓާނެ ގޮތެއްނެތެވެ. އާލިޔާގެ ނަން އިވުމުން ވަޅުޖަހަމުން ދިޔަ މާޒި އާލާވިއެވެ. އެހިނދު ކެއެމުގެ މަތިން ހިތް ކެނޑި މީހާގެ ވިސްނުން އެހެން ދިމާލަކަށް ދީލަމުން ދިޔައެވެ.
މިޝްކާ ދަތް ކުނޑި ވިކާލުމަށްފަހު ޒޯޔާއަށް ލޯއަޅާލިއެވެ. އެތަން ސައުންނަށް ނުފެނުނު ނަމަވެސް ޒޯޔާ އަށް ފެނުނެވެ. މިއަދު ޒޯޔާގެ އެވާހަކަތައް ހުއްޓުވަން ޚުދު ސައުން ވެސް ބޭނުންވިއެވެ.
އާލިޔާގެ ނަން އައުމަކީ ސައުންގެ ހިތަށް ހިތްދަތިކަން ވެރިކުރުވާ ހަނދާނެކެވެ. އެހެންކަމުން ޒޯޔާގެ ވާހަކަތައް ހުއްޓުވުމުގެ މަޤްޞަދުގައި ބުންޏެވެ. " ކިޔެވުން ބަންދުވީމާ ދަރިފުޅުމެން ގޮވައިގެން ދާން ކަމަށް ކުރިން ރޭވީ އެކަމަކު މިދުވަސްކޮޅު މާލީގޮތުން ކުންފުނި ވެސް އަދި އެހާ ރަނގަޅު ނޫން ވީމަ ދެން އަންނަ އަހަރު ޗުއްޓިގައި ދާގޮތަށް މިއަހަރު ގެ ދަތުރު މިހާރު ކެންސަލު ކޮށްފިން. މަންމަ ނުބުނޭތަ؟" އެހެން ބުނުމުން މިޝްކާގެ މޫނަށް ޒޯޔާ ބަލާލިއެވެ.
"އަދި ނުބުނަން. ޒޯޔާއަށް ވެސް އެނގޭނެ ދަރިފުޅުމެން ނުލައި ބައްޕަ ނުދާނެކަން. ބައްޕަ އެ ބުނުއްވީ ތެދެއް. މިހާ އަތްމަތި ދަތި އިރު ދާން އުޅޭނެ ކަމެއް ނެތް. މިއަހަރު ވާނެ މިއަންނަ އަހަރު ރާއްޖެ ދާން ބޭނުންވާ ފައިސާ ޖަމާކުރުމަށް ބަޖެޓެއް ހަދަން. ކޮންމެ ދުވަހަކު ވަކި ވަރެއް ރައްކާ ކުރާނީ. ކިހާވަރެއްތަ؟ ޒޯޔާ ރައްކާ ކުރަން ބޭނުންވަނީ؟" މަންމަގެ ވާހަކަ ދިޔަ ގޮތުން ބައްޕަގެ ސިކުނޑިއަށް މަންމަ ސަވާރުވެފައި ވަނީކަން ގަބޫލު ކުރެވުނެވެ. މިހުރިހާ ގޮތަކަށް ވާހަކަތައް މިބަދަލުވީ މަންމަގެ ރޭވުމުންނެވެ. މަންމަގެ އެސުވާލަކަށްޒޯޔާ ޖަވާބެއް ނުދިނެވެ.
ޒޯޔާ ވިސްނަމުން ދިޔައި ބައްޕަ މާލެ ފޮނުވާނެ ގޮތަކާ މެދުގައެވެ. މަންމަގެ ފޯނުން ފެނުނު ހުރިހާ ވާހަކައެއް ބައްޕަ އަށް އަންގާކަށް ޒޯޔާ ބޭނުމެއް ނުވިއެވެ. މާލެ ދެވުމުން ހުރިހާ ކަމެއް ފަޅާ އަރާނެ ކަމަށް ޒޯޔާ ދެކުނެވެ. ބައްޕަ އެހާ ލޯބިވާއިރު އާލިޔާ ދައްތަ ކައިރިއަށް ނުގޮސް ނުހުންނާނެ ކަމުގައި ވިސްނުނެވެ.
ބައްޕަ މާލެ ފޮނުވާލެވޭނެ ގޮތަކީ އާލިޔާ ދައްތަގެ މިހާރުގެ ހާލަތު ހުރިގޮތް ފެންނަން ހުރި ފޮޓޯއެއް ބައްޕަ އަށް ފެންނާނެ ގޮތް ހެދުމެވެ. އެވިސްނުމުގައި ހުރެގެން މޭޒުދޮށުން އެންމެ ފުރަތަމަ ފޭބީ ޒޯޔާއެވެ. އަވަސް އަވަހަށް ޒޯޔާ ދެމިގަންނަށް ބޭނުންވީ ސައުންގެ ކޮޓަރިއަށް ވަނުމަށެވެ. އެކޮޓަރިއަށް ދިއުމުގެ ކުރިން އެނދު ތަންދޮށުގައި އޮތް ފޯނު ނެގިއެވެ. ކައި ނިމޭގޮތަށް ބައްޕަ ދާނި މަންމަގެ ކޮޓަރިއަށް ކަން ޒޯޔާއަށް އެނގެއެވެ. އެހެންވެ އަވަހަށް ވަގުތުގެ ބޭނުން ހިފިއެވެ. ފޯނުގެ ޔޫއެސްބީ ވާގަނޑު ލެޕަށް ގުޅާލުމަށް ފަހު އާލިޔާގެ ފޮޓޯތައް ފޯލްޑަރ އެއް ހެދުމަށްފަހު އެޅިއެވެ. އަދި ބައްޕަގެ ލެޕްގެ ސްކްރީން ފޮޓޯއަކަށް އާލިޔާގެ ފޮޓޯއެއް ލިއެވެ. އެކަމާމެދު ސުވާލު ކޮށްފި ނަމަ ތެދުބަހުން ހުރިހާ ވާހަކައެއް ކިޔައި ދޭން ނިންމިއެވެ.
ކުރަން އައި ކަންތައް ކޮށް ނިމުމުން އަވަސްއަވަހަށް އެކޮޓަރިން ނުކުމެ ސިޓިންގރޫމް ތެރެ ބަލާލިއެވެ. މަންމައާ ބައްޕަ ކޮބައިތޯ ބެލުމަށެވެ. މަންމަބަދިގޭ ބައިގައި އުޅެއެވެ. ބައްޕަ ފޮތެއް ހިފައިގެން އިނެވެ. އެންމެފަހުން މަންމަގެ ފޯނު ޑްރެސިންޓޭބަލުމަތީގައި ހުރި ކުޑަފޮއްޓެއްގެ މަތީގައި ބޭއްވިއެވެ. އެކޮޓަރިން ނުކުމެގެން ގޮސް ސިޑިން މައްޗަށް އަރަން ފެށިއެވެ. ސައުން ލެޕް ހިފައިގެން ފައިލު ތަކަކާ އެކުގައި ސިޓިން ރޫމާއި ދިމާލަށް އަންނަތަން ފެނުމުން ކޮޓަރި އަށް ވަނުމުގެ ވިސްނުން ދޫކޮށްލިއެވެ. މަތީބުރިއަށް އަރަން ހުރި ސިޑިމަތީގައި ވާހަކަ ފޮތެއް ހިފައިގެން ސައުންގެ ހަރަކާތް ތަކަށް ފާރަވެރިވެ އިށީނެވެ. ސައުން އޮފީސް މަސައްކަތް ކުރަނިކޮން އެތަނަށް މަންމަ ނާންނާނެ ކަމުގެ ޔަޤިންކަން ޒޯޔާއަށް އޮތެވެ.
ލެޕް ހިފައިގެން ގޮސް ސައުން އިށިނީ ސޯފާގައެވެ. ކުޑަ މޭޒުމަތީގައި ލެޕް ބެހެއްޓު މަށްފަހު ލެޕްގެ ސްކްރީންގައި ޓަޗް ކޮށްލިއެވެ. ސައުންގެ އިނގިލިތައް ސްކްރީންގައި ހަރަކާތް ވެލުމާ އެކުގައި ސްކްރީން ހުޅުވުނެވެ. އާލިޔާގެ ފޮޓޯ ފެންނަން ހުއްޓެވެ. ދެލޯ ބޮޑު ކޮށްލުމަށް ފަހު ސްކްރީންއާ ދިމަ ބަލާލުމަށްފަހު ދެލޮލުގައި އަތް ކާއްތާލިއެވެ. އަނެއްކާވެސް ސްކްރީނަށް ބަލާލިއެވެ. ދެވަނަ ފަހަރަށް ފޮޓޯގަނޑު ޔަގީން ނުވުމުން ކުއްލިއަކަށް ލެޕު ލައްޕާލިއެވެ. އިރުކޮޅަކުން އަނެއްކާ ވެސް ލެޕް ހުޅުވާލިއެވެ. މިފަހަރު ސައުންގެ ހަރަކާތްތައް އަވަސްވެފައި ވެއެވެ. ކަޅި ޖަހާއި ނުލައި ފޮޓޯއަށް ބަލަހައްޓައިގެން އިނެވެ. އެއްފަހަރު ފޮޓޯއަށް އަނެއް ފަހަރު ބަދިގެ ތެރޭގައި ހުރި މިޝްކާއާ ދިމަ ބަލަމުން ދިޔައެވެ. އެފޮޓޯގަނޑު ލެޕަށް ލައިފައި ހުރީ މިޝްކާ ކަމަށް ޝައްކު ކުރިއެވެ.
ފޮޓޯގަނޑާއި އެކުގައި މީގެ ކުރިން ސައުންނަށް އުނދަގޫ ކުރަމުން ދިޔަ އާލިޔާގެ ސްޓޭޓަސްގައި ލިޔެފައިވާ ލިޔުންކޮޅުގެ ތަރުޖަމާ ލިބިގެން ދިޔައެވެ. ކޮންމެ މީހަކު ކުރިކަމެއް ނަމަވެސް އެކަމަކީ ސައުންގެ ހިތުގައި އުފެދިފައިވާ އެތައް ސުވާލެއްގެ ޖަވާބު ލިބުނު ކަމެކެވެ. ލެޕްލައްޕާލިއެވެ. ފައިލުތައް ހިފައިގެން ވަނީ ކޮޓަރިއަށެވެ. ދުރުގައި ވާނުވާ ބަލަން އިން ޒޯޔާގެ ހިތަށް ހަމަޖެހުން ލިބުނެވެ. ބައްޕަގެ ވިސްނުމާއި ކުޅެލެވުނަތީ އުފާވިއެވެ. ބައްޕައަށް ޒޯޔާ ދޭން ބޭނުންވި މެސެޖު ރައްދު ކުރެވުނަތީއެވެ. ( ނުނިމޭ)