ދިރާގު

ދިރާގުން މުވައްޒަފުންގެ އަގުވަޒަންކޮށް އެވޯޑް ދީފި

ދިރާގުން އެކުންފުނީގެ އަހަރީ އެވޯޑް ދިނުމުގެ ހަފްލާ ބާއްވައިފި އެވެ. މިއީ މުވައްޒަފުން ކުންފުންޏަށް ހޯދައިދީފައިވާ ކާމިޔާބީތަކާއި ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ދިރާގުން ބާއްވާ ހަފްލާ އެކެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި ރޭ ބޭއްވި މި ހަފްލާގައި ޝަރަފުވެރި މެހެމާނުގެ ގޮތުގައި ބައިވެރިވެވަޑައިގަތީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)ގެ ޗީފް އެގްޒެކްޓިވް އިލްޔާސް އަހްމަދެވެ.

މީގެ އިތުރުން ދިރާގުގެ ޑިރެކްޓަރުންގެ ބޯޑް މެމްބަރުން، ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދާއި ދިރާގުގެ އިސް ބޭފުޅުންނާއި ގިނަ އަދަދެއްގެ މުވައްޒަފުންވެސް މި ހަފްލާގައި ބައިވެރިވި އެވެ.

މި ހަފްލާގައި ވަނީ އެކުންފުންޏަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންނާއި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް 79 މުވައްޒަފުންނަށް އެވޯޑް ދީފަ އެވެ. އެގޮތުން ދިރާގަށް 10 އަހަރު، 15 އަހަރު އަދި 25 އަހަރު ހިދުމަތްކޮށްދީފައިވާ 45 މުވައްޒަފުންނަށް ވަނީ އެވޯޑް ދީފަ އެވެ. އަދި ވޭތުވެދިޔަ އަހަރު ދިރާގުގެ ކާމިޔާބީގައި އެކި ގޮތްގޮތުން ހިއްސާވެފައިވާ 34 މުވައްޒަފުންނަށްވެސް ވަނީ އެވޯޑް ހަވާލުކުރި އެވެ. މީގެތެރޭގައި 15 ޑިވިޝަނަލް މެރިޓް އެވޯޑް، 11 ސްޕެޝަލް މެރިޓް އެވޯޑް، ފަސް އިނޮވޭޝަން އެވޯޑް އަދި ދެ އައުޓްސްޓޭންޑިން ލީޑާސް އެވޯޑް ހިމެނެ އެވެ.

ރޭގެ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ޗެއާމަންގެ އެވޯޑް ލިބިފައިވަނީ ދިރާގުގެ އިންޖިނިއަ ކޯ ސިސްޓަމްސް އިސްމާއިލް ސަމާހަށެވެ. ސަމާހުގެ ފަންނީ ތަޖުރިބާ އާއި ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ދިރާގުގެ މައި ސިސްޓަމް ޕްރޮޖެކްޓްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގުން އަބަދުވެސް ދަނީ އެކުންފުނީގެ މުވައްޒަފުން ބާރުވެރިކޮށް، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް މުވައްޒަފުން ކުރަމުންދާ ހީވާގި މަސައްކަތް ފާހަގަކޮށް އަގުވަޒަންކުރަމުން ކަމަށްވެސް ދިރާގުން ބުންޏެވެ.