އޮބިޗުއަރީ

މާރަންދޫ ކައުންސިލްގެ ނައިބް ރައީސް ރަމީޒު އަވަހާރަވެއްޖެ

ހއ. މާރަންދޫ ކައުންސިލްގެ ނައިބް ރައީސް އަހްމަދު ރަމީޒު އަވަހާރަވެއްޖެ އެވެ.

މާރަންދޫ އިން އަވަސް އަށް މައުލޫމާތު ދިން ބައެއް މީހުން ބުނި ގޮތުގައި ރަމީޒު އަވަހާރަވީ މިއަދު މާރަންދޫގައި އެ ރަށު ޒުވާނުންގެ ޓީމަކާއި ހދ. ނެއްލައިދޫ ޒުވާނުންގެ ޓީމެއް ކުޅުނު ފުޓްބޯޅަ މެޗެއްގެ ފަހު ހާފްގައި ކުޅުނު ފަހުން ދިމާވި ސިއްހީ މައްސަލައަކަށް ހއ. ދިއްދޫ އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މިރޭ 8:00 ޖަހާ އިރުކޮޅެއްވީ ފަހުން ކަމަށެވެ.

މައުލޫމާތު ދިން މީހުން ބުނި ގޮތުގައި ރަމީޒު، މެޗުގެ ފަހު ހާފުގައި ކުޅެން ނިކުމެ ކުޑައިރުކޮޅަކު ކުޅުމަށްފަހު މެޗުން ފޭބީ މާބޮޑަށް ވަރުބަލިވާތީ އެވެ. އަދި އިރުކޮޅަކު ބެންޗުގައި އިންނެވުމަށްފަހު ހޮޑުލެވުމުން އެ ރަށު ސިއްހީ މަރުކަޒަށް ފަރުވާ ހޯއްދަވަން ވަޑައިގެންނެވި ކަމަށްވެސް ބުންޏެވެ.

"އޭގެފަހުން ހެއަށް ގޮތްވެ ހާލު ސީރިއަސްވާތީ ދިއްދޫއަށް ގެންދިޔައީ. ދިއްދޫއަށް ގެންދިޔަ ފަހުން މިރޭ ނިޔާވީ،" މައުލޫމާތު ދިން މީހަކު ބުންޏެވެ.

ރަމީޒް އަވަހާރަވިއިރު އަނބިކަނބަލުންނާއި ތިން ދަރިން ދުނިޔޭގައި އެބަތިއްބެވެ.