އޮބިޗުއަރީ

ސީޕީ ޝުޖާއުގެ ބައްޕަ އަވަހާރަވެއްޖެ

ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުގެ ބައްޕަ -- ހއ. ހޯރަފުށި، ވާދީނަޝީދު، އަބްދުއްސަލާމް އަލީ (89 އ) އަވަހާރަވެއްޖެ އެވެ.

އަބްދުއްސަލާމް ނުވަތަ ހޯރަފުށި މީހުންގެ އާންމު ނަމުންނަމަ "މުދިންމަނިކު" ނިޔާވީ މިއަދުގެ ވަގުތެއްގައި މާލޭގައި ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން ހޯރަފުށި ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ މަނިކުބެ މާލެ ގެންދިޔަތާ އަދިވާނީ ތިން ހަތަރު ދުވަސް ކަމަށާއި މަނިކުބެ ނިޔާވީ މުސްކުޅި ބަލީގައި ކަމަށެވެ.

ވަހީދު ވިދާޅުވި ގޮތުގައި މަނިކުބެ އަކީ ދީނީ ކަންކަމަށް ވަރަށް ބޮޑަށް ލޯބިކުރެއްވި އަދި ރަށުގެ އިޖުތިމާއީ މަސައްކަތްތަކުގައި ފާހަގަކޮށްލެވޭ ހިދުމަތްތެރިއެކެވެ.

މަނިކުބު ވަނީ ޒަމާންތަކެއް ވަންދެން ހޯރަފުށީގައި އިމާމުވެ ނަމާދުކުރުމާއި، ޖަނާޒާއާއި، ކަށުކަމާކެމީގެ ކަންކަން ހިލޭ ސާބަހަށް ކޮށްދެއްވާފަ އެވެ. އަދި ހޯރަފުށީގައި މިސްކިތު ކުލާސްތަކެއްވެސް ނަންގަވައިދެއްވާފައިވާ މަނިކުބެ އަކީ ރީތިކޮށް ހުތުބާ ވިދާޅުވުމާއި ދިވެހި ބޭސް ކުރެއްވުމުގައިވެސް ކޮންމެވެސް ވަރަކަށް ފާހަގަކުރެވުނު ބޭފުޅެކެވެ.

"ދީނީ ކަންކަމަށް ލޯބި ކުރައްވައި، ރަށުގައި ވަރަށް ގިނަ އިޖުތިމާއީ ހިދުމަތްތައް މަނިކުބެ ކޮށްދެއްވި. އެއީ ހޯރަފުށި ރައްޔިތުން ވަރަށް ލޯބިވާ އިހްތިރާމް ކުރައްވާ ބޭފުޅެއް،" ވަހީދު ވިދާޅުވި އެވެ.

މަނިކުބެ އަވަހާރަވިއިރު ސީޕީ ޝުޖާއު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި ގައުމުން ބޭރުގައި ކަމަށް އެނގިފައިވެ އެވެ.

މަނިކުބެ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުގެ ލޮބުވެތި ބައްޕަ، އަބްދުއްސަލާމް އަލީ އަވަހާރަވި ހަބަރު އަޑުއެހީ ފުން ހިތާމައާއެކު ކަމަށާއި މަރުހޫމްގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރާ ކަމަށެވެ.

"މާތްﷲގެ ތަނަވަސް ރަހްމަތާއި ރުހިވޮޑިގަތުމުގައި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި، މަރުހޫމް އަބްދުއްސަލާމް އަލީ ލަހައްޓަވާށިއެވެ. އާމީން،" ރައީސް ވިދާޅުވެފައިވެ އެވެ.