ކްރިމިނަލް ކޯޓް

ނައުޝާދުގެ މަރުގެ މައްސަލައިގެ ހަތް ހެއްކެއް ސިއްރުކޮށްފި

މާލޭގައި މިދިޔަ އަހަރު މަރާލި އަހްމަދު މުހައްމަދު ދީދީ (ނައުޝާދު)ގެ މަރުގެ މައްސަލައިގައި ދައުލަތުން ހުށަހަޅާ ހަތް ހެކިވެރިންގެ ހެކިބަސް ސިއްރުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

މިއީ މިދިޔަ އަހަރުގެ ކުރީކޮޅު، މާފަންނު ކްރާސް ފިހާރަ ތެރޭގައި ނައުޝާދު މަރާލި މައްސަލަ އެވެ.

މި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ދައުލަތުން ކޮށްފައިވަނީ ސ. މަރަދޫފޭދޫ، ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމު އާއި ތ. ގާދިއްފުށި، ގުލޭނޫރައްމާގެ، ސިރުހާން އަލީގެ މައްޗަށެވެ.

މި މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގައި ދައުލަތުން އެދިފައިވަނީ ހެކިބަސް ދޭ ހަތް މީހަކު، ކާކުކަން ނޭނގޭ ގޮތަށް އޮންލައިންކޮށް ޝަރީއަތުގެ މަޖިލިސް ނޫން ތަނެއްގައި ބަހައްޓައިން ހެކިބަސް ނެގުމަށެވެ. އަދި ތަހުގީގު ރިޕޯޓު، ދައުވާ ލިބޭ ފަރާތްތަކަށް ދޫކުރާއިރުވެސް އެ ހަތް ހެކިވެރިންގެ ބަޔާންތައް ސިއްރު ކުރުމަށް ދައުލަތުން ވަނީ އެދިފަ އެވެ.

އެކަމާ ގުޅިގެން މައްސަލަ ބައްލަވާ ގާޒީ އައިޝަތު ނުޒުހާ ނިންމެވީ ހެކިވެރިންނަށް ބިރު ދެއްކުމާއި ޖިސްމާނީ އަނިޔާއެއް ދިނުމުގެ އިހްތިމާލު އޮތް ކަމަށް ފެންނާތީ، ދައުލަތުން އެދުނު ފަދައިން ހެކި ރައްކާތެރިކުރުމުގެ އަމުރެއް ނެރެދިނުމަށެވެ.

ނައުޝާދު މަރުވެފައި ވަނީ ކްރާސް ފިހާރަ ތެރޭގައި އޭނާއަށް ވަޅިން ހަމަލާދިނުމުގެ ސަބަބުން ލިބުނު އަނިޔާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށްނެވެ.