މީހުން މެރުން

ނައުއްޓެގެ މަރުގެ ތުހުމަތުވާ ދެ މީހުންވެސް ކުށަށް އިންކާރުކޮށްފި

މާފަންނު ފިހާރައެއްގެ ތެރޭގައި ސ. ހިތަދޫ، އިޒުމީރު، އަހުމަދު މުހައްމަދު ދީދީ (ނައުޝާދު / ނައުއްޓެ) މަރާލި ކަމަށް ދައުލަތުން ތުހުމަތު ކުރާ ދެ މީހުންވެސް ދައުވާއަށް އިންކާރުކޮށްފި އެވެ.

މިދިޔަ އަހަރު ކުރީކޮޅު، މާފަންނު މުރަނގަ މަގުގައި ހުންނަ ކްރާސާ ފިހާރަ ތެރޭގައި ނައުއްޓެ މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ ސ. މަރަދޫފޭދޫ، ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމު އާއި، ތ. ގާދިއްފުށި، ގުލޭނޫރައްމާގެ، ސިރުހާން އަލީގެ މައްޗަށެވެ.

މި ދެ މީހުންގެ މައްޗަށް ދައުލަތުން ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. ފައިހް އާއި ސިރުހާން ވެސް ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ފައިހުއަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާއި ފެބްރުއަރީ މަހު މާލޭގައި ހިންގި ސިލްސިލާ މާރާމާރީތަކާ ގުޅިގެން ފުލުހުން ހޯދަން އިއުލާން ކުރި މީހެކެވެ. އޭގެ ކުރިން ވެސް އޭނާއަކީ މާރާމާރީގެ ކުށުގެ ރެކޯޑު އޮތް މީހެކެވެ. އަދި މާރާމާރީގެ އިތުރު ދައުވާތަކެއް ވެސް އޭނާގެ މައްޗަށް އުފުލާފައިވެ އެވެ.

ފުލުހުންނަށް ފިލައިގެން މަހަކަށް ވުރެ ގިނަ ދުވަހު އުޅުމަށްފަހު، ފައިހު އަތުވީ އޭނާ އަމިއްލައަށް ފުލުހުންނަށް ހަވާލުވުމުންނެވެ.

މި މައްސަލައިގެ ޝަރީއަތުގައި މިއަދު ކްރިމިނަލް ކޯޓުގެ ގާޒީ އައިޝަތު ނުޒުހާ ވަނީ މި މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ނިންމަވާފަ އެވެ. މި މައްސަލައިގެ އިތުރު އަޑު އެހުމެއް މި ހަފްތާގައި ބާއްވަން ކޯޓުން ވަނީ ނިންމާފަ އެވެ.

ކްރާސާ ފިހާރަ ތެރޭގައި ނައުޝާދަށް ވަޅިން ހަމަލާ ދިނީ ފެބްރުއަރީ 24، 2023، ވަނަ ދުވަހުގެ ރޭގަނޑު 9:30 ހާއިރު އެވެ. އޭނާއަށް ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ އޭގެ ތިން ދުވަސް ފަހުންނެވެ.