މަސްތުވާތަކެތި

ނަދީމްގެ މަރުގެ ތުހުމަތު ކުރެވޭ ކަރަމް ޑްރަގް ޓްރެފިކިންގް މައްސަލައެއްގައި ހައްޔަރުކޮށްފި

Jun 19, 2024
1

މާލޭގެ ކެފޭއެއްގެ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގައި ކުށް ސާބިތުނުވި މީހުންގެ ތެރޭގައި ހިމެނޭ ގއ. ގެމަނަފުށީ، ހަވާސް، މުހައްމަދު ކަރަމް ސުހައިލް، މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

ޓާމިނަލް ކެފޭ ތެރޭގައި ޖުލައި 2017 ގައި ނަދީމްގެ ބޮލަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި ގއ. ކަރަމްގެ އިތުރުން ދައުލަތުން ދައުވާކުރީ ގ. ޝާރާޒް ހުސައިން މަފާޒް ސަލީމާއި، ލ. ގަން ވިދާތަރި އަލީ ނިފާޒާއި، ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމީންގެ މައްޗަށެވެ.

މި މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް މިހާރު އޮތީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ ގާޒީ ހުސައިން ފާއިޒް ރަޝާދު ހުކުމް ކުރީ ނޮވެމްބަރު 14، 2022 ގައެވެ.

މުހައްމަދު ކަރަމް، މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅެ އަދި ޓްރެފިކް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށް މިއަދު ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުގެ ގާޒީ ސަފްއަތު ހަބީބު ވަނީ އަމުރުކޮށްފަ އެވެ.

މިއަދުގެ ބަންދު އަމުރުން އެނގޭ ގޮތުގައި ކަރަމް ބަންދު ކުރީ މުޖުތަމައުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކަ އެވެ. އޭނާގެ އަތުން ފެނުނު މަސްތުވާތަކެތި ޓްރެފިކް މިންގަނޑަށް އަރާކަމާއި އަދި އެއީ ޖިނާއީ ބޮޑު ކުށެއްކަން ބަންދު އަމުރު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި އޭނާގެ މައްޗަށް ކުށުގެ ރެކޯޑްތައް ހުރި އަމުރުގައި ފާހަގަކޮށްފައިވެ އެވެ.

ނަދީމްގެ މަރުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް ދައުލަތުން ވަނީ ކަރަމް، ޝަރީއަތް ނިމެންދެން ބަންދު ކުރަން އެދިފަ އެވެ. އެހެންނަމަވެސް ހައިކޯޓުގެ ފަނޑިޔާރުން މިދިޔަ ޑިސެމްބަރު 26 ވަނަ ދުވަހު ނިންމާފައިވަނީ ކަރަމް ބަންދު ކުރަންޖެހޭ ސަބަބެއް އޭރު ނެތް ކަމަށެވެ.