ރައީސް އަބްދުﷲ ޔާމީން

އެއް މިލިއަން ޑޮލަރުގެ މައްސަލައިގައި އިސްތިއުނާފު މިއަދު ފަށަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ ފައިސާތަކެއް ވަނުމުން، އެކަމާ ގުޅިގެން އޭސީސީއާ އެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ހުޅުވި އެސްކްރޯ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލައިގައި ބޭންކް އޮފް މޯލްޑިވްސްއިން ޔާމީނާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ ފަށަން ތައްޔާރުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގައި ތިން ފަނޑިޔާރުން ހިމެނޭ ބެންޗަކުން މި މައްސަލަ މިއަދު ފަށާނެ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

މި މައްސަލައިގައި ހައިކޯޓުން މިދިޔަ މެއި މަހު ވަނީ ޔާމީނާ ދެކޮޅަށް އަމުރެއް ނެރެފަ އެވެ.

މި މައްސަލަ ބައްލަވަނީ ހައިކޯޓުގެ އިސްފަނޑިޔާރު ހުސައިން ޝަހީދު، ފަނޑިޔާރު ފާތިމަތު ފަރުހީޒާ އަދި ފަނޑިޔާރު ދީބާނާޒް ފަހްމީ އެވެ. މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވަނީ މިދިޔަ ފެބުރުއަރީ މަހު ބޭންކުންނެވެ.

ރައީސް ޔާމީނާއި އޭސީސީއަށް ރައްދުވާ ގޮތަށް ބޭންކް އޮފް މޯލްޑިވްސްއިން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ، ސިވިލް ކޯޓުގައި އެ ފައިސާއާ ގުޅިގެން ހިނގަމުންދާ މައްސަލައިގައި ސިވިލް ކޯޓަށް އެ މައްސަލަ ބެލުމުގެ އިހްތިސާސް އޮތްތޯ އުފެދުނު ސުވާލެއްގެ މައްސަލަ އެވެ. އެ މައްސަލައިގައި ސިވިލް ކޯޓުން ނިންމާފައިވަނީ މައްސަލައިގެ ދައުވާއަށް ބޭންކުން ޖާވާބުދާރީ ވާން ޖެހޭނެ ކަމަށެވެ. އެގޮތަށް ނިންމާފައިވަނީ ސިވިލް ކޯޓުގެ ފަނޑިޔާރު އަޒްފާ އަބްދުލްގަފޫރު އެވެ.

ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު އެއް ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީގެ ފައިސާ ދޮވުނު އެސްއޯއެފް ކުންފުނީގެ ދެ ޗެކަކުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގައި ހުޅުވާފައިވާ ޔާމީންގެ އެކައުންޓަށް މިލިއަން ޑޮލަރު ޖަމާކުރުމުން އެ ފައިސާ އޭސީސީއާ ހަވާލުކުރަން ދެކޮޅު ހެއްދެވުމަށް ފަހު، ފަހުން އެސްކްރޯ އެކައުންޓަށް ޖަމާކުރަން އެމަނިކުފާނު އެއްބަސްވެވަޑައިގަތެވެ.

ޔާމީންގެ އެމްއައިބީގައި ހުޅުވާފައިވާ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރީ ނޮވެމްބަރު، 2015 ގައެވެ.

އެމްއެމްޕީއާރްސީގެ ތަހުގީގު ކުރިއަށް ގޮސް ރިޔާސީ އިންތިހާބުގެ ކުރިން ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާ ހަވާލުކުރަން އެދުމުން، އެކަމަށް އެއްބަސްވެ އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާކުރުމަށް ސޮއިކުރީ މާޗް 25، 2018 ގަ އެވެ. ފަހުން ހާމަވި ގޮތުގައި، ޔާމީން ބީއެމްއެލްގެ އެސްކްރޯ އެކައުންޓަށް ޖަމާކުރީ އެމްއައިބީގެ އެކައުންޓުގައި ހުރި އެއް މިލިއަން ޑޮލަރެއް ނޫނެވެ.