އިޒްރޭލް

އިޒުރޭލުގައި ކާރަކުން ޖައްސައި ބަޔަކު ޒަހަމްކޮށްލައިފި

އިޒުރޭލު މެދުތެރޭ އަވަށެއްގައި ބަސްހުއްޓިއެއްގައި ތިބި ބައެއްގެ ތެރެއަށް، ވަރަށް ބާރަށް ދުއްވާފައި ދިޔަ ކާރެއް ވަދެގަނެ ހަތަރު މީހަކު ޒަހަމްކޮށްލައިފި އެވެ.

އަމަން ބަލަހައްޓާ އޮފިޝަލުން ބުނާ ގޮތުން މިއީ ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ފަލަސްތީނަށް ތާއީދުކުރާ ބަޔަކު ދިން ހަމަލާ އެކެވެ.

ފުލުހުން ބުނި ގޮތުން ކާރު ޑްރައިވަރު މިހާރު ވަނީ މަރާލާފަ އެވެ. އޭނާ އަކީ އިރުމަތީ ގުދުސްގައި ދިރިއުޅޭ މީހެއް ކަމަށް ލަފާކުރެވޭ ކަމަށް ފުލުހުން ބުންޏެވެ.

މި ހަމަލާގައި އިތުރު ބަޔަކު ހިމެނޭތޯ މުޅި ސަރަހައްދު ބަލާނެ ކަމަށް ފުލުހުން ބުންޏެވެ. އަދި އާންމުންނަށް ގެއްލުންދޭން ޖެހުނު ސަބަބުވެސް ދެނެގަންނާނެ ކަމަށް ބުންޏެވެ.

މިދިޔަ އަހަރު އޮކްޓޯބަރު ހަތަކުން ފެށިގެން އިޒުރޭލު ސިފައިން ފަލަސްތީންގެ ޣައްޒާއަށް ދެމުންދާ ހަަމަލާތަކުގެ ސަބަބުން އިޒުރޭލަށް ވެސް ބޮޑެތި ގެއްލުންތައް ވަނީ ލިބިފަ އެވެ.

އާންމުންގެ ތެރޭގައި ހަމަނުޖެހުން އުފެއްދުމާއި އިޒުރޭލުގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެރިކަމުން ދުރުކުރުމަށް އޭނާގެ އޮފީސް ދޮށަށް އާންމުން އެއްވެ މިހާރުވެސް ދަނީ ޝުއޫރު ފާޅުކުރަމުންނެވެ. އަދި އިޒުރޭލުގެ ވެރިރަށް ތެލްއަވީވްގެ ބޮޑެތި މަގުތައް ބަންދުކޮށް، ސްކޫލްތަކާއި ޔުނިވާސިޓިތައްވެސް ވަނީ ބަންދުކޮށްފަ އެވެ.

ޣައްޒާ ހަނގުރަމައާއި ގުޅިގެން އިޒުރޭލުގެ އަވަށްތަކުގައި ވައްކަންކުރުމާއި ލޫޓުވުންވެސް ވަނީ އިތުރުވެފަ އެވެ. ހައްދުފަހަނައެޅި ޒަޔަނިސްޓުން -- އެހެން ދީންތަކުގެ މީހުންނަށް ޖެއްސުންކުރުމާއި މުދަލަށް ގެއްލުންދިނުންވެސް ވަނީ އިތުރުވެފަ އެވެ.

ޣައްޒާ ހަނގުރާމަ ހުއްޓުވަށް މަސައްކަތްކުރުމުގެ ބަދަލުގައި އިޒުރޭލު ސަރުކާރުން މިހާރުވެސް ބޮޑަށް ބާރުއަޅަނީ ހަނގުރާމަ ދިގުދެންމުމަށެވެ.

ހަމާސް ނައްތާލައި ވުޖޫދުން ފޮހެލުމަށް ކަމަށް ބުނެ ޒަޔަނިސްޓުން ކުރަމުން ގެންދާ ޖެއްސުން، މުޅި ޣައްޒާއަށް އޮތީ ފެތުރިފަ އެވެ.

ދުނިޔޭގައި ސުލްހައަށް ލޯބިކުރާ ގައުމުތަކުން، ޣައްޒާ ހަނގުރާމަ ހުއްޓުވުމަށް ކުރާ އެއްވެސް މަސައްކަތަކަށް އިޒުރޭލު ސަރުކާރުން އެއްބާރުލުމެއް ނުދެ އެވެ. ސުލްހައިގެ އެއްބަސްވުންތަކުގައި އެ މީހުން ބޭނުންނުވާ އެއްވެސް މާއްދާއެއް އޮވެގެންވެސް ނުވެ އެވެ.