މޯލްޑިވްސް ކަސްޓަމްސް ސާވިސް

އޭޑީބީ އިން ރާއްޖޭގެ ކަސްޓަމަށް 25 މިލިއަން ޑޮލަރުގެ އެހީއެއް

މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން އެހީގެ ގޮތުގައި 25 މިލިއަން ޑޮލަރު ދޭން ނިންމައިފި އެވެ.

ކަސްޓަމްސްގެ ފަރާތުން މިކަން ހާމަކުރެއްވީ ކޮމިޝަނާ ޖެނެރަލް ޔޫސުފް މާނިއު ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހާޒިރުވެ ވަޑައިގެން ދެއްކެވި ވާހަކަފުޅު ގައެވެ.

މާނިއު ވިދާޅުވީ އޭޑީބީގެ އެހީ ލިބުމުން ކަސްޓަމްސްގެ މަސައްކަތްތައް ކޮމްޕިއުޓަރައިޒް ކުރުމާއި ޑިޖިޓަލައިޒް ކުރުމާއި އަދި އައިޓީ އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ވަރަށް ބޮޑެތި ފަސޭހަތައް ލިބިގެންދާނެ ކަމަށެވެ.

"އަންނަ އަހަރު ނިމުމުގެ ކުރިން އޭޑީބީން އެ ފައިސާ ދެއްވާނެ،" މާނިއު ވިދާޅުވި އެވެ.

މާނިއު އިތުރަށް ވިދާޅުވީ ކަސްޓަމްސް އޮފިސަރުން އިތުރަށް ތަމްރީން ކުރުމުގެ މަސައްކަތް ވެސް އަވަށްޓެރި ގައުމުތަކާ ގުޅިގެން ކުރަމުންދާ ކަމަށެވެ. އެގޮތުން ކަސްޓަމްސްގެ 100 އޮފިސަރަކު ތަމްރީން ކުރުމަށް އިންޑިއާ އިން އެހީތެރިވުމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.