ދުނިޔެ

ދުނިޔޭގެ ހަމަޖެހުން ގެއްލުވާލާ ހަމައެކަނި ބަޔަކީ ހުޅަނގު: ލަވްރޯފް

އެމެރިކާގެ ބަހަށް ދުނިޔޭގެ ހަމަޖެހުން ގެއްލުވާލާ ހަމައެކަނި ބަޔަކީ ހުޅަނގު ކަމަށް ރަޝިއާގެ ޚާރިޖީ ވަޒީރު ސަރުގޭ ލަވްރޯފް ވިދާޅުވެއްޖެ އެވެ.

އދގެ ސަލާމަތީ މަޖިލީހުގައި ބަހުސެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ހުޅަނގުން ދުނިޔެއަށް ބަޑިން ބިރުދައްކައި، ވަކި ބައެއްގެ އަތްމައްޗަށް ބާރުތައް ފުރޮލަން ކުރާ މަސައްކަތްތަކުގެ ސަބަބުން މުޅި ދުނިޔޭގެ އަމަން ގެއްލިއްޖެ ކަމަށެވެ.

ދުނިޔެ މިހާލަތަށް ދިޔައީ ބަޔަކު ގަސްދުގައި ރޭވި ރޭވުންތަކެއްގެ ސަބަބުން ކަމަށް ވެސް ލަވްރޯފް ވިދާޅުވި އެވެ.

އެމެރިކާ ދެކޭ ގޮތުގައި މަސްލަހަތަކީ، ،އެމެރިކާގެ މަސްލަހަތު ކަމަށް ވެސް ލަވްރޯފް ވިދާޅުވި އެވެ. އެހެން ބަޔަކަށް ކިތަންމެ އަނިޔާއެއް ލިބުނަސް، އެކަމުގައި އެމެރިކާއަށް ކަންބޮޑުވުމެއް ނެތް ނަމަ ހާލަތު ވަނީ ގޯސް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އދ އަކީ ދުނިޔޭގެ މަސްލަހަތު ބެލެހެއްޓުމަށް ހަވާލުކޮށްފައި އޮތް އޮނިގަނޑު ކަމަށާއި، މަތިމަތިން ފެންބުރުވާލުމަކީ އެއްވެސް ކަމެއްގެ ހައްލެއް ނޫން ކަމަށް ވެސް ރަޝިއާގެ ސަފީރު ވިދާޅުވި އެވެ.

އދ އަށް ކަމެއް ކުރެވުނު ކަމަށް ވާނީ އަދި ސުލްހަ ދެމެހެއްޓުނު ކަމަށް ވާނީ، ލަވްރޯވް ވިދާޅުވި ގޮތުގައި މައްސަލަތަކުގެ އަސްލު މުލުން ލުހެލައިގެންނެވެ. އަދި ތަންފީޒީ ބާރުތަކަށް މިރުސް ފެން ޖަހައިގެން ނޫން ގޮތަކަށް ދުނިޔެއަށް ދިމާވެފައި ހުރި މައްސަލަތަކުން އަރައި ނުގަނެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދޭދޭ ގައުމުތަކުގެ ގުޅުން ރޫޅާލުމާއި ގައުމުތަކުން އަމިއްލައަށް ހަރަދުކޮށްގެން ގާއިމުކޮށްފައި އިގުތިސާދީ ވަސީލަތްތައް ހަލާކުކުރުމުގެ މޭސްތިރި އަކީ އެމެރިކާ ކަމަށް ލަވްރޯފް ވިދާޅުވި އެވެ.

ލަފްރޯފް ވިދާޅުވި ގޮތުގައި ރަޝިއާއިން ޔޫރަޕަށް ތެޔޮ ފޮނުވަން އަޅާފައި އޮތް ނޯޑް ސްޓްރީމް ހޮޅިތައް ގޮއްވާލީ އެމެރިކާ އަޑީގައި އޮވެގެން ކަމަށެވެ. ބޭނުމަކީ އިގުތިސާދީ ގޮތުން ރަޝީއާ ކުޑަކަކުލަށް ތިރިކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެމެރިކާއަށް މިހާރު ނުވެގެން އުޅޭ ކަމަކީ ޗައިނާ އާއި ރަޝިއާގެ ގުޅުން ރޫޅާލުން ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

ރަޝިއާ އާއި ޗައިނާގެ ސަބަބުން ދުނިޔޭގެ އިގުތިސާދު ބައިވެގެން ހިނގައިދާނެ ގޮތަކާ ހެދި އެމެރިކާއަށް ނިދިވެސް ނާންނަ ކަމަށް ލަވްރޯފް ވިދާޅުވި އެވެ.