އުތުރު ކޮރެއާއިން އަޖުމަ ބެލުމަށް ކަމަށް ބުނެ ގަބޫލުކުރަން ދަތި މިންވަރަށް ބެލިސްޓިކް މިސައިލް ޓެސްޓްކުރުން ދެކުނު ކޮރެއާ އާއި ޖަޕާނަށް ވެފައި އޮތީ ގައުމީ ނުރައްކަލަކަށެވެ.
ދަންފަޅި ބަހައިގެން މި ދެ ގައުމުގައި އަސްކަރިއްޔާ ފޯރިމަރަމުން ގެންދާތާ ވެސް ލައްކަ ދުވަސްވެއްޖެ އެވެ.
ދެކުނު ކޮރެއާ ބުނާ ގޮން އުތުރު ކޮރެއާ ހަމައިން ނައްޓައި ނުރައްކާ ބޮޑުކޮށްފައި އޮތް މިންވަރުން ހަނގުރާމައެއް ފެށިއްޖެ ނަމަ ސަރަހައްދުން ބޮޑު ބައެއް އަނދައި ދަރުދެއްޔަށް ވާނެ އެވެ.
ދެކުނު ކޮރެއާ ދެކޭ ގޮތުން އުތުރުން ރައްކާތެރި ވުމަށް އޮތް އެންމެ ތޫނު ހަތިޔާރަކީ އުތުރު ކޮރެއާއަށް ވިސްނައިދެވޭ ވަރުގެ ބަޔަކު އިސްނަގައިގެން ސަރަހައްދީ މަސްލަހަތުގެ މުހިިންމުކަން އެ ގައުމަށް ވިސްނައި ދިނުމެވެ.
މި ގޮތުން ޗައިނާ އާއި ރަޝިއާއަށް މިކަމުގައި ވަރަށް ފުރިހަމަ ދައުރެއް އަދާކުރެވިދާނެ ކަމަށް ދެކުނުން ބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ދެކުނު ކޮރެއާގެ އިސް މަންދޫބަކު ވަނީ އެ ގައުމުގައި ހުންނަވާ ޗައިނާ ސަފީރާއި ރަޝިއާގެ ސަފީރާ ބައްދަލު ކުރައްވާފަ އެވެ.
އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލް އެހާ ގިނައިން އަދި އދ.ގެ ސަލާމަތީ މަޖިލީހުން އެކުލަވާލާފައި އޮތް ގަރާރާ ފުށުއަރާ ދަރަޖައަށް ޓެސްޓް ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ދެކުނުން ބުނެ އެވެ.
ދެކުނު ކޮރެއާ ބުނާ ގޮތުން ޗައިނާ އާއި ރަޝިއާ އަކީ ވެސް އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރު ދެ ގައުމެވެ. އެހެންކަމުން އަވައްޓެރި ގައުމަކުން ދުނިޔެއަށް އެހާ ނުރައްކާ ކުރާއިރު އެއްޗެއް ނުބުނެ އޮތުމުން ދޭހަވަނީ އެހެން މާނަ އެކެވެ.
އުތުރު ކޮރެއާއަށް މައްސަލައަކަށް ވެފައި އޮތީ އެމެރިކާއާ ގުޅިގެން ދެކުނު ކޮރެއާއިން ސަރަހައްދުގައި ހިިންގާ އަސްކަރީ ޓެސްޓްތަކެކެވެ. ނިއުކްލިއާ އުފުލޭ ވަރުގެ ބެލިސްޓިކް މިސައިލް ޓެސްޓްކުރަން ޖެހެނީ ދުޝްމަނުންގެ ނުރައްކާ ސަރަހައްދަށް އޮތުމުން ކަމަށް އުތުރުން ބުނެ އެވެ.
ރަޝިއާގެ ވާހަކަ އަކީ ވެސް އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމް ކުރުމެވެ. އުތުރު ކޮރެއާ ނިއުކްލިއާ ބެލިސްޓިކް މިސައިލް ޓެސްޓްކުރުން ހުއްޓާލުމާ ދެކުނު ކޮރެއާ އާއި އެމެރިކާއިން ގުޅިގެން އުތުރު ކޮރެއާ ރުޅިނޭރުވުމަށް ވެސް ރަޝިއާ އޮތީ ގޮވާލާފަ އެވެ.