ދުނިޔެ

ޗައިނާގެ ވަފުދެއް އުތުރު ކޮރެއާއަށް، ބޮޑުވަޒީރުގެ ނައިބު ވަޑައިގަންނަވާނެ

ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ވެރިންނާއި ސަރުކާގެ އިސް އޮފިޝަލުންގެ ވަފުދެއް އުތުރު ކޮރެއާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ. މި ވަފުދުގައި އިސްކޮށް ހުންނަވާނީ ބޮޑުޒިރުގެ ނައިބު ލިއޯ ގޫޖޮންގް އެވެ.

މިއީ އުތުރު ކޮރެއާ ސަރުކާރުގެ ޚާއްސަ ދައުވަތަށް ކުރާ ދަތުރެކެވެ. ޗައިނާއިން ވަޑައިގަންނަވާ މެހެމާނުންނަށް ވޯކާސް ޕާޓީ އޮފް ކޮރެއާއިން ޚާއްސަ މެހެމާންދާރީއެއް އަދާކުރާާނެ ކަމަށް ޚަބަރުތައް ބުނެ އެވެ.

ވެރިކަންކުރާ ވޯކާސް ޕާޓީ ފިޔަވައި އުތުރު ކޮރެއާގައި އިތުރު އެހެން އެއްވެސް ޕާޓީއެއް ނޯވެ އެވެ.

ޗައިނާގެ މި ވަފުދު މައިގަނޑު ގޮތެއްގައި ބައިވެރި ވާނީ "ފައުންޑިން ޑޭ" ެ ނަމުގައި އުތުރު ކޮރެއާގައި އަހަރަކު އެއްފަހަރު ބާއްވާ ހަފުލާތަކުގަ އެެވެ.

ނަމަވެސް، ޗައިނާ ސަރުކާރުގެ ވަފުދެއް އުތުރު ކޮރެއާއަށް ދަތުރުކުރުމަކީ ދުނިޔެ ހޭލައްވަލާ ވަރުގެ މުހިންމު ކަމަކަށް ގިނަ ފަހަރު ވެ އެވެ.

އުތުރު ކޮރެއާއިން މިސައިލް ޓެކްނޮލޮޖީ ތަރައްގީކޮށް އަޖުމަބަލަމުން ގެންދާ މި ދަނޑިވަޅުގައި، ޗައިނާ ސަރުކާރުގެ ވަފުދެއް އެއް ގައުމަށް ވަޑައިގަތުމަކީ ސިއްރު މައުލޫމާތު ބަދަލުކުރުމުގެ ގޮތުން ހޯދާ ހުއްޖަތެއް ކަމަށް ހުޅަނގުން ތުހުމަތުކުރެ އެވެ.

އުތުރު ކޮރެއާ އަކީ ޗައިނާ ބުނާ ކޮންމެ ކަމެއް ކުރަން ތައްޔާރަށް އޮތް ގައުމެއް ކަމަށް ވެސް ހުޅަނގުން ބުނެ އެވެ. އަދި އދ ގެ މުއާހަދާތަކުން މަނާކޮށްފައި ހުރި މިސައިލްތައް ޖެހިލުމެއް ނެތި އުތުރު ކޮރެއާއިން އުފައްދަނީ ޗައިނާގެ ހިމާޔަތުގައި ކަމަށް ވެސް އެމެރިކާ އާއި ބައިވެރިން ބުނެ އެވެ.

އުތުރު ކޮރެއާގައި އުފައްދާ ޒަމާނީ ހަތިޔާރު ރަޝިއާއަށް ސަޕްލައިކުރަން ކުރެވޭ މަޝްވަރާތަކުގެ ވާހަކަތައް ވެސް މި ދުވަސްވަރު ވަރަށް އޮލަ އެވެ.

ޔުކްރޭނާ ދެކޮޅަށް ހަނގުރާމާގައި ބޭނުންކުރުމަށް އުތުރު ކޮރެއާއިން އެއްގަމު މަގުން ހަތިޔާޜު ޝިޕްމަންޓްތައް ފޮނުވުމަކީ މިހާރު ވެސް މި ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާއި މުއާހަދާތަކެއް ކަމަށް ވެސް އެމެރިކާ ބުނެ އެވެ.

މަސްރަހު މި ގޮތަށް އޮތް ދަނޑިވަޅެއްގައި ޗައިނާގެ ވެރިން އުތުރު ކޮރެއާއަށް ވަޑައިގަތުމަކީ -- ޗައިނާ އާއި އުތުރު ކޮރެއާ އަދި ރަޝިއާ ގުޅިގެން ހަތިޔާރާ ގުޅުން ހުރި ވިޔަފާރިއެއް ކުރަން މަސައްކަތްކުރާ ކަމުގެ އަލާމާތެއް ކަމަށް އެމެރިކާ ދެކެ އެވެ.