ދުނިޔެ

ރަޝިއާގެ ދިފާއީ ވަޒީރު ސަރުގޭ ޝޮއިގޫރު އުތުރު ކޮރެއާގައި

އުތުރު ކޮރެއާގައި ފާހަގަކުރާ "ވިކްޓަރީ ޑޭ"ގެ ހަފުލާތަކުގައި ބައިވެރިވެ ވަޑައިގަތުމަށް، ރަޝިއާގެ ދިފާއީ ވަޒީރު ސަރުގޭ ޝޮއިގޫރު އުތުރު ކޮރެއާއަށް ވަޑައިގެންފި އެވެ.

މިއީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ ރަސްމީ ދައުވަތަކަށް ޝޮއިގޫރު ކުރައްވާ ދަތުރެކެވެ.

ޝޮއިގޫރު ކިމްއާ ބައްދަލުކުރައްވައި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ދެއްވި ސިޓީއެއް ވަނީ ރައްދުކުރައްވާފަ އެވެ.

މި ސިޓީއަށް ޓަކައި ކިމް ވެސް ޕޫޓިންއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައި ތައުރީފް ކުރެއްވި އެވެ.

ވިކްޓަރީ ޑޭގައި ބައިވެރިވެ ވަޑައިގަތުމަށް ޗައިނާގެ ވަފުދެއްވެސް އުތުރު ކޮރެއާއަށް ޒިޔާރަތްކުރެއްވި އެވެ.

ވިކްޓަރީ ޑޭ ފާހަގަކުރުމަށް ބޭއްވި ހަފުލާތަކުގެ ތެރޭގައި ހިމެނޭ ޑިފެންސް މައުރަޒާ ބެހޭ ގޮތުން ބޭރުގެ ފަވުދަށް މައުލޫމާތު ދެއްވީ ސީދާ ކިމް އެވެ. މި މައުރަޒުގައި އެންމެ ޒަމާނީ ބެލިސްޓިކް މިސައިލްތައް ވެސް ވަނީ ދައްކާލާފަ އެވެ.

ޝޮއިގޫރުގެ މި ދަތުރުގައި ރަޝިއާއިން އެމެރިކާއާ މެދު އަމަލުކުރާނެ ގޮތަކާ ބެހޭ ގޮތުން ކިމްއާ މަޝްވަރާ ކުރައްވާނެ އެވެ. އަދި ދެ ގައުމުގެ ގުޅިގެން ވަކި ގޮތަކަށް އަމަލުކުރުމަށް އެއްބަސްވެވޭތޯ ވެސް ބައްލަވާނެ އެވެ.

ރަޝިއާއާއި އުތުރު ކޮރެއާއާ ގުޅިގެން ހަތިޔާރު އުފެއްދުމާ ބެހޭ ގޮތުންވެސް ކިމް އާއި ޝޮއިގޫރު މަޝްވަރާ ކުރައްވާނެ ކަމަށް ކޮރެއަން ސެންޓްރަލް ނިއުސް އޭޖެންސީން ވަނީ ރިޕޯޓްކޮށްފަ އެވެ.

އުތުރު ކޮރެއާ އަކީ އދ އަށް ވެސް ތަބާވާ ގައުމެއް ނޫނެވެ. އދގެ ސެކިއުރިޓީ ކައުންސިލުން އުތުރު ކޮރެއާގައި އުފެއްދުން މަނާކޮށްފައިވާ ކިތަންމެ ހަތިޔާރެއް މިހާރުވެސް އެ ގައުމުގައި އުފައްދަ އެވެ.

ޝޮއިގޫރުގެ މިދަތުރުގައި މިފަދަ ކިތަންމެ ހަތިޔާރެއް -- ޗައިނާ ވަފުދުގެ ހާޒިރުގައި، އުތުރު ކޮރެއާއިން ދެއްކި ކަމަށް ކޮރެއާގެ ނޫސް އެޖެންސީން ބުނެ އެވެ.

އުތުރު ކޮރެއާގައި ބެލިސްޓިކް މިސައިލް ޓެކްނޮލޮޖީ ތަރައްގީކުރުން މަނާކޮށް އދ ގެ ސަލާމާތާ ބެހޭ ކައުންސިލުން ވަނީ ވޯޓެއް ވެސް ފާސްކޮށްފަ އެވެ. މި ކައުންސިލްގެ ދާއިމީ މެމްބަރުންގެ ގޮތުގައި ޗައިނާ އާއި ރަޝިއާ ވެސް ތިބެ އެވެ.