އދ.ގެ ސަލާމަތީ މަޖިލީސް އޮތީ އިސްލާހަށް ބޭނުންވެފައި ކަމަށް ޗައިނާގެ ސެންޓްރަލް ފޮރިން އެފެއާޒް ކޮމިޝަންގެ ޑައިރެކްޓަރު ވާންގް ޔީ ވިދާޅުވެއްޖެ އެވެ.
ވާންގް ޔީ ވިދާޅުވި ގޮތުގައި ސަލާމަތީ މަޖިލީސް އިސްލާހުކުރަން ޖެހެނީ ކުރިއަރަމުން އަންނަ ގައުމުތަކަށް މުހިންމު ދައުރެއް އޮންނަ ގޮތަށް ކަމަށެވެ.
ވާންގް ޔީ މި މޭރުމުން ވާހަކަދެއްކެވީ އދ. ގައި ތިއްބަވާ ކުވޭތާއި އޮސްޓްރޭލިއާގެ ސަފީރުންނާ ބައްދަލުކުރަައްވައި ދެއްކެވި ވާހަކަތަކެއްގަ އެވެ.
އދ.ގެ ސަލާމަތީ މަޖިލީސް އިސްލާހުކުރަން ޖެހޭ ކަމަށް ވިދާޅުވެ ރަޝިއާގެ ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފް ވެސް ވަނީ މިދާކަށް ދުވަހު ވާހަކަދައްކަވާފަ އެވެ.
ލަވްރޯފް ވިދާޅުވި ގޮތުގައި ނުފޫޒުގަދަ ގައުމުތަކުގެ އުދާހުގައި އދ. އޮތީ ހިރިނުލެވިފަ އެވެ. އެހެންކަމުން އދ. އަށް އެންމެ ރަނގަޅު ގޮތަކަށް ވާނީ ސިޔާސަތު އަލުން އެކުލަވާލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވާންގް ޔީ ވިދާޅުވީ ސަލާމަތީ މަޖިލީހަކަށް ހަމައެކަނި ހުޅަނގަށާއި އެކުވެރިންނަށް އޮތް ތަނަކަށް ވެގެން ނުވާނެ ކަމަށެވެ. ތަރައްގީވަމުން އަންނަ ގައުމުތަކަށާއި މެދު ފަންތީގެ ގައުމުތައްކު ހިއްސާ ސަލާމަތީ މަޖިލީޙުގައި އިތުރުކުރެވޭނެ ނިޒާމެއް ގާއިމުކުރުން މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެފްރިކާ ބައްރުގެ ގައުމުތަކަށް ސަލާމަތީ މަޖިލީހުން ދައުރެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ވާންގް ޔީ ވިދާޅުވި އެވެ.
އދ. ގައި ތަފާތުކުރުން އޮވެގެން ނުވާނެ ކަމަށް ހުރިހާ ގައުމުތަކުން ވާކާލާތުކުރާއިރު ގައުމުތަކަށް ހަމަހަމަ ފުރުސަތު ނެތުމަކީ ތަފާތުކުރުން ނޫންތޯ އޭނާ ސުވާލު ކުރެއްވި އެވެ.
ސަލާމަތީ މަޖިލީސް އިސްލާހުކޮށް ނުފޫޒުން އެއްކިބާކުރެވެން އޮތީ މިކަމަށް ބަޔަކު ބޭނުންވާ ނަމަ ކަމަށް ވެސް ވާންގް ޔީ ވިދާޅުވި އެވެ. އިސްލާހުކުރަން ޖެހޭ ކަމަށް ބުނެ ދެތިން ލަފުޒުން ނިންމާލުމަކުން މިފަދައިން ހުރި ބޮޑެތި މައްސައްކަތްތައް ކޮޅެއްގައި ނުޖެއްސޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.