އިންސްޓިޓިއުޓް އޮފް ޗާޓެޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް)

ސީއޭ މޯލްޑިވްސްގެ ފުރަތަމަ ރައީސަކަށް ހަލީމް، ނައިބަކަށް ފާރިސް

އިންސްޓިޓިއުޓް އޮފް ޗާޓެޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް)ގެ ފުރަތަމަ ރައީސަކަށް މުހައްމަދު ހަލީމް އަބްދުﷲ އަދި ފުރަތަމަ ނައިބް ރައީސަކަށް އަލީ ފާރިސް މުހައްމަދު ހޮވައިިފި އެވެ.

ސީއޭ މޯލްޑިވްސް އަކީ 2020 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރާއްޖޭގެ އެކައުންޓިން ދާއިރާ ރެގިއުލޭޓް ކުރުމަށްޓަކައި އެކުލަވާލި ގާނޫނެއްގެ ދަށުން އެކުލަވާލާފައިވާ ކައުންސިލެކެވެ.

މިއީ ރާއްޖޭގައި އެކައުންޓިން ދާއިރާ ރެގިއުލޭޓް ކުުރުމަށް މިފަދަ ކައުންސިލެއް އުފެއްދެވި ފުރަތަމަ ފަހަރެވެ.

ސީއޭ މޯލްޑިވްސްގެ ތާރީހުގައި ފުރަތަމަަ ފަހަރަށް ބޭއްވި މި އިންތިހާބު އޮތީ މިމަހުގެ 10 ވަނަ ދުވަހު އެވެ. އެ ދުވަހު ވަނީ ސީއޭ މޯލްޑިވްސްގެ ރައީސް އާއި ނައިބް ރައީސްގެ އިތުރުން އެ ތަނުގެ ކައުންސިލަށް ހަތަރު މެންބަރުންވެސް ހޮވާފަ އެވެ. އެގޮތުން ހޮވާފައިވަނީ އިބްރާހިމް ފަޒީލާއި، މުހައްމަދު ސިރާޖް މުނީރާއި، އިބްރާހިމް ޝަބީން އަދި އަލީ މުއާޒު އެވެ.

ސީއޭ މޯލްޑިވްސްގައި ކުރިން އޮތީ އިންތިގާލީ ކައުންސިލެކެވެ. މި ކައުންސިލްގައި ހިމެނެނީ އޮޑިޓާ ޖެނެރަލާއި، ސްޓޭޓް ފައިނޭންޝަލް ކޮންޓްރޯލަރާއި، ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނާއި، އޮޑިޓާ ޖެނެރަލްގެ އޮފީހުން އައްޔަންކުރާ ދެ މެމްބަރެއްގެ އިތުރުން ޕްރައިވެޓް ސެކްޓާގައި މަސައްކަތްކުރާ އެކައުންޓިން ދާއިރާއިން އޮޑިޓާ ޖެނެރަލް އައްޔަން ކުރާ ހަތަރު ޕްރޮފެޝަނަލެކެވެ.