އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން މީހަކު ބަޑިން ދިން ހަމަލާ އަކީ އީރާން އަޑީގައި އޮވެގެން ކުރުވި ކަމެއް ކަމަށް ބުނެ ހުޅަނގުގެ ރޭޑިއޯތަކުން ދައްކާ ވާހަކަތަކަށް އީރާނުން ރައްދު ދީފި އެވެ.
އީރާންގެ ހާރިޖީ ވުޒާރާއިން ބުނި ގޮތުން ޓްރަމްޕް އަވަހާރަކޮށްލުމަކީ އީރާންގެ ވިސްނުމެއް ނޫނެވެ. އަދި ޓްރަމްޕަށް ޖިސްމާނީ ގޮތުން އެއްވެސް ބާވަތެއްގެ އަނިޔާއެއް ދިނުމުގައިވެސް އީރާން ބައިވެރިނުވާނެ ކަމަށް ހާރިޖީ ވުޒާރާގެ ތަރުޖަމާން ނަސީރު ކަނާނީ ވިދާޅުވި އެވެ.
އެމެރިކާގައި ނޮވެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގައި -- ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓުގެ ގޮތުގައި ޑޮނަލްޑް ޓްރަމްޕް ވާދަކުރައްވާނެ އެވެ. ޑިމޮކްރެޓިކް ޕާޓީން ވާދަކުރައްވާނީ ރައީސްގެ މަގާމުގައި މިހާރު ހުންނެވި ޖޯ ބައިޑަން އެވެ.
ޑޮނަލްޑް ޓްރަމްޕަށް މީހަކު ހަމަލާދިނީ ޕެންސިލްވޭނިއާގައި އޮތް ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަނިކޮށެވެ. މި ހަމަލާއާ ގުޅިގެން އެމެރިކާގެ ނޫސްތަކުން ދަނީ މިކަމުގެ ޒިންމާ އަޅުވާނެ ބަޔަކާ މެދު ބަހުސްކުރަމުންނެވެ.
އީރާނުން ދުވަސްތަކެއް ކުރިން ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން ރާވާ ވީޑިއޯއެއް ވަނީ އާންމުކޮށްފަ އެވެ. މި ވީޑީއޯ ގުޅިގެން އީރާނުން މިފަދަ ކަމެއް ކޮށްފާނެ ކަމަށް އެމެރިކާގެ ސަލާމަތީ ބާރުތަކުން އޮތީ ނޯޓުކޮށްފަ އެވެ.
މިހެން ކަން އޮށްވައި، ޓްރަމްޕަށް ދިން މި ހަމަލާ އީރާނާ ގުޅުވާލުން ހަބަރު ފަތުރާ ވަސީލަތްތަކަށް ވަނީ މުނާސަބު ފުރުސަތަކަށް ވެފަ އެވެ.
ޓްރަމްޕަށް ދިން ހަމަލާގައި އޭނާގެ ކަނާތު ކަންފަތް ވަނީ އިރައިގެން ގޮސްފަ އެވެ. މި ހަމަލާއަކީ ތޯމާސް މެތިއޫ ކުރޫކް ނަމަކަށް ކިޔާ 20 އަހަރުގެ ޒުވާނަކު ދިން ހަމަލާ އެކެވެ.
އެމެރިކާގެ ސަލާމަތީ ބާރުތަކުން ބުނާ ގޮތުން ހަމަލާދިނުމުގައި ތޯމަސް ނޫން އެހެން އެކަކުވެސް ބައިވެރި ނުވެ އެވެ. އަދި މި ހަމަލާ އަކީ އީރާންއާ އެއްވެސް ގޮތަކުން ގުޅުމެއް އޮތް ހަމަލާއެއްް ނޫން ކަމަށް ސީއެންއެން އިންވެސް ވަނީ ބުނެފަ އެވެ.
އީރާންގެ ތަރުޖަމާން ވިދާޅުވި ގޮތުގައި ގާސިމް ސުަލައިމާނީ އަވަހާރަކޮށްލުމުގައި ޓްރަމްޕްގެ ބައިވެރިވުން އޮތަސް، ޓްރަމްޕްގެ ކިބައިން ހައްގު ނޫން ބަދަލެއް ބޭނުމެއް ނުވެ އެވެ. ދުނިޔޭގެ އަމަން ބަލަހައްޓާ އިދާރާތަކުން ޓްރަމްޕަށް ހައްގު އަދަބެއް ދިނުމާ އީރާން ދެކޮޅު ނޫން ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.