އެވޮކާޑޯ އަކީ އެހެން ހުރިހާ މޭވާތަކަށް ވުރެ އޭގެ ފައިދާ އާއި މޮޅުކަމުގެ ވާހަކަ އަށް ދެން މާ މަޝްހޫރު މޭވާ އެކެވެ. ސަބަބަކީ މިއީ ކަމަށް ވެދާނެ އެވެ. ލިބެން ހުންނަ ގިނަ މޭވާތަކަކީ އޭގައި ގިނަ މިންވަރަކަށް ކާބޯހައިޑްރޭޓްސް އެކުލެވިގެންވާ މޭވާ އެވެ. ނަމަވެސް އެވޮކާޑޯ އުފެދިގެން އަންނަނީ ސިއްހަތަށް ރައްކާތެރި ފެޓްސް އޭގެ އެންމެ މުހިންމު މާއްދާއެއްގެ ގޮތުގައި އެކުލެވިގެންނެވެ.
އެހެންވީމަ މި އާދަޔާހިލާފު މޭވާ އާއި އެ އިން ލިބޭ ފައިދާތަކަށް ބަލާލަމާ ހިނގާށެވެ.
އެވޮކާޑޯ އަކީ ޕާސީ އެމެރިކާނާ ނަމަކަށް ކިޔާ ގަހެއްގައި އަޅާ މޭވާ އެވެ. މި ގަހާއި އޭގެ މޭވާ އަކީ މެކްސިކޯ އާއި ސެންޓްރަލް އެމެރިކާ އަށް ހާއްސަ އެއްޗެކެވެ.
މިއީ ސިއްހީ ގޮތުން ވެސް އަދި ވިޔަފާރީގެ ގޮތުން ވެސް އަގުހުރި މޭވާ އެކެވެ. މޭވާގެ ކޮންމެ ބާޒާރަކުން ލިބެން ހުންނަ އަދި ކާން ތައްޔާރުކުރެވޭ ކޮންމެ ކެއުމަކަށް ވެސް ހެޔޮވަރު މޭވާއަކަށް އެވޮކާޑޯ ވަނީ މި އެހެންވެ އެވެ.
މީގައި އެކި ވައްތަރުތައް ހުންނައިރު އެންމެ މަޝްހޫރު އަދި މަގްބޫލީ ހަސް އެވޮކާޑޯ އެވެ. އެއީ ބޭރުގައި ގަދަކަޅު ކުލައަކަށް ދާ ކުލައެއް ހުންނަ ވައްތަރުގެ އެވޮކާޑޯ އެވެ.
އެލިގޭޓާ ޕިއާގެ ނަމުން މަޝްހޫރުވެފައިވާ ފެހިކުލައިގެ އެވޮކާޑޯ އަކީ ވެސް މަޝްހޫރު އަދި އެހާމެ އާންމު ވައްތަރެކެވެ.
މި މޭވާ އަކީ ވިޓަމިނާއި މިނެރަލްސްގެ ތަފާތު 20 ވައްތަރެއް އޭގައި އެކުލެވިގެންދާ މޭވާ އެކެވެ. އާންމުކޮށް ލިބެން ހުންނަ އެވޮކާޑޯއަކުން ލިބޭ ފައިދާގެ އެކި ބާވަތްތައް ތިރީގައި މި ވަނީ އެވެ.
މީގެ އިތުރުން ވެސް ހަށިގަނޑަށް ފައިދާހުރި މާއްދާތައް ކަމުގައިވާ މެގްނީސިއަމް އާއި މެންގަނީސް އަދި ވިޓަމިން އޭ އަދި ޒިންކާއި އަޔަން ވެސް ކޮންމެވެސް ވަރަކަށް މި މޭވާގައި ހިމެނެ އެވެ.
މި ހުރިހާ ވިޓަމިނަކާއި މިނެރަލްސްތަކެއް އެކުވެގެން އަންނައިރު އެވޮކާޑޯ އަކުން 160 ކެލޮރީސް ލިބެ އެވެ. ޕްރޮޓީންސްގެ ނިސްބަތް ދެ ގްރާމަށް އަރާއިރު ހަށިގަނޑަށް ފައިދާހުރި ފެޓްސްގެ ނިސްބަތަކީ 15 ޕަސެންޓެވެ.
މިއީ ކޮލެސްޓްރޯލާއި ސޯޑިއަމް އޭގައި އެއްވެސް މިންވަރަކަށް ހިމެނޭ މޭވާއެއް ނޫނެވެ. ސެޗުރޭޓެޑް ފެޓްސްގެ ނިސްބަތް ވެސް ވަރަށް ދަށެވެ.
ޕޮޓޭސިއަމް އަކީ ހަށިގަނޑު ހިންގުމުގެ ނިޒާމުގައި ވަރަށް މުހިންމު ރޯލެއް އަދާކުރާ މިނެރަލް އެވެ. ހައި ބްލަޑް ޕްރެޝާ އާއި ސްޓޯރު ޖެހުމާ ދެކޮޅަށް ވެސް ހަރަކާތެރިވާ މިނެރަލް އެކެވެ.
ނާރުތަކުން ފޮނުވާ ސިގްނަލާއި މަސްތަކަށް އަންނަ ތަފާތު އެކި ބަދަލުތަކުގައި ވެސް ޕޮޓޭސިއަމްގެ ރޯލު ބޮޑެވެ. ނަމަވެސް މިއީ އަހަރެމެން އެންމެނާ ވެސް އެހާ ރައްޓެހި މިނެރަލްއެއް ނޫނެވެ.
އާންމުކޮށް މި ކާލެވެނީ ދޮންކެޔޮ ވަކެކެވެ. ނަމަވެސް ޕޮޓޭސިއަމްގެ ހަގީގީ ފައިދާ ލިބެނީ އެވޮކާޑޯ އިންނެވެ. އެވޮކާޑޯގެ 100 ގްރާމުން 14 ޕަސެންޓްގެ ޕޮޓޭސިއަމް ލިބޭއިރު މި ނިސްބަތުގެ ދޮންކޭލުން ލިބެނީ އެންމެ 10 ޕަސެންޓެވެ.
ތަޖުރިބާކާރުން ބުނާ ގޮތުން ޕޮޓޭސިއަމްގެ ނިސްބަތް ހަށިގަނޑުގައި އިތުރުވުމަކީ ލޭ މައްޗަށް ދިއުން ކޮންޓްރޯލް ކުރެވޭނެ ކަމެކެވެ. ސްޓްރޯކާއި ހިތުގެ ބަލިތައް އަދި ކިޑްނީ ފެއިލްވުން ފަދަ ނުރައްކާތެރި ބަލިތަކުން ވެސް ސަލާމަތްވުމަށް އޮތް ފަސޭހައެކެވެ.
މިއީ ހިކެން ބޭނުންވެފައި ތިބި ފަރާތްތަކަށް ވެސް މުހިންމު މޭވާ އެކެވެ.
ދިރާސާތަކުން ދައްކާ ގޮތުން މިއީ ގިނައިން ކެއުމަށް އާދަވެފައިވާ މީހުން އެ އާދައިން ދުރުކޮށްދޭ މޭވާ އެކެވެ. މިސާލަކަށް، ކެއުމުގެ ތެރޭގައި އެވޮކާޑޯ ބޭނުންކުރުމުން، އަވަހަށް ބަނޑުހައިވުމާއި ކާހިތްވުން ނާންނަ ކަމަށް ދިރާސާތަކުން ދައްކަ އެވެ.
އަނެއްކޮޅުން މިއީ ފައިބަރު ގިނަ އަދި ކާބޯހައިޑްރޭޓްސް އޭގައި މަދު މޭވާއެކެވެ. މިއީ ވެސް ސަރުބީ އަންދަން ނަގާ ޑައެޓަކަށް ހާއްސަ ދެ ސިފަ އެވެ.