ސައިޕްރަސް މެދުވެރިކޮށް ފަލަސްތީންގެ ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރުން އަވަސްކުރުމަށް އެމެރިކާ ސިފައިން ޣައްޒާގެ ރަށްބޭރުގައި އެޅި ފާލަން ރަސްމީކޮށް ބަންދުކޮށްފި އެވެ.
އެމެރިކާގެ ސިފައިންގެ ފަރާތުން ނެރުުނު ބަޔާނެއްގައި ފާލަން ބަންދުކުރުމާ ބެހޭ ގޮތުން ބުނެފައިވަނީ މިވަގުތަށް ކަނޑައެޅި މަގުސަދު ހާސިލުކުރެވުމުން ފާލަން ބަންދުކުރީ ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާ ސިފައިން މިހެން ބުނި ނަމަވެސް ޣައްޒާ ފާލަން ބަންދުކުރަން ޖެހުނީ ބަލަހައްޓަން ދަތިވެގެންނެވެ. ވައިގަދަވެ މޫސުން ގޯސްވާ ފަހަރުތަކުގައި އެމެރިކާ ސިފައިންގެ އެތައް އޮފިސަރަކަށް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ފާލަމުގެ ވާތައް ކަނޑައިގެން ގޮސް މީގެ ކުރިންވެސް ވަނީ ބޭނުންނުކުރެވޭ ވަރު ވެފަ އެވެ. އަދި ފާލަމުގެ ބައިތައް ވަކިކޮށް މަރާމާތުކުރުމަށް އިޒުރޭލަށް ވެސް ވަނީ ގެންގޮސްފަ އެވެ.
ޣައްޒާ ފާލަން މެދުވެރިކޮށް ފަލަސްތީނަށް ވަރަށް ގިނަ އަދަދެއްގެ މުދަލާއި އިންސާނީ އެހީ އެތެރެކުރި ކަމަށް އެމެރިކާ ސިފައިން ބުންޏެވެ.
ސައިޕްރަސް މެދުވެރިކޮށް އަންނަ އެހީތައް ޣައްޒާއަށް ދެން އެތެރެކުރާނީ އިޒުރޭލުގެ ބަނދަރުތައް މެދުވެރިކޮށް ކަމަށް އެެމެރިކާއިން ވަނީ ބުނެފަ އެވެ.
ޣައްޒާ ރަށްބޭރުގައި ފާލަމެއް އެޅުމުގެ ބޭނުމަކީ ހާލުގައި ޖެހިފައި ތިބި ޣައްޒާގެ އާންމު ރައްޔިތުންނަށް ކާންދިނުން ކަމަށް އެމެރިކާ ސިފައިން ބުނި ނަމަވެސް މަންޒަރު ދުށް ނުސްވެރިން ބުނި ގޮތުން ފާލަމުން ބާލާ ގިނަ މުއްދާތައް ވައްދާފައި ވަނީ އިޒުރޭލު ސިފައިންގެ ގުދަންތަކަށެވެ.
ފާލަން ހުޅުވި ދުވަހުވެސް ފުރަތަމަ ބޭލި ލޮރީތައް ގޮސް ވަނީ އިޒުރޭލުގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދުތަކަށް ކަމަށްވެސް ނޫސްވެރިން ބުންޏެވެ.
މި ފާލަން އެޅިއިރު ވެސް އެމެރިކާގެ ބޭނުމާ މެދު ގިނަ ބަޔަކު ދިޔައީ ސުވާލުކުރަމުންނެވެ. އެއީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބަދަލުގައި، އިޒުރޭލަށް ޣައްޒާ ހަނގުރާމަ ފަސޭހަކޮށްދިނުމަށް އެޅިި ފާލަމެއް ކަމަށްވެސް ގިނަ ބަޔަކު ބުންޏެވެ. އަދި ޣައްޒާ ހަނގުރާމަ މިހާރުވެސް ކުރިއަށް ދާއިރު ފާލަން ރޫޅާލައި މަސައްކަތް ހުއްޓާލަނީ އެއީ ޣައްޒާއަށް އެހީ ފޯރުކޮށްދޭން ކުރި ކަމަކަށް ނުވާތީ ކަމަށްވެސް ފާޑުކިޔާ މީހުން ބުނެ އެވެ.