ރައްޔިތުންގެ މަޖިލިސް

މެމްބަރުންނާއެކު ފުރާ އެންމެންނަށް ވީއައިޕީ ހިދުމަތް ނުދޭން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއެކު ދަތުރުކުރާ އާއިލާގެ ބޭފުޅުންގެ އިތުރުން މެމްބަރުންނާއެކު ދަތުރު ކުރާ އެންމެންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ވީއައިޕީ ލައުންޖު ބޭނުންކުރެވޭ ގޮތަށް އާންމު ކޮމިޓީން އިއްޔެ ނިންމި ނިންމުން ރޭ ބޭއްވި އާންމު ކޮމިޓީގެ ކުއްލި ބައްދަލުވުމެއްގައި ބާތިލްކޮށްފި އެވެ.

މަޖިލީހުގެ މެމްބަރުންނާއެކު ދަތުރުކުރާ އެންމެންނަށް ވީއައިޕީ ލައުންޖުގެ ހިދުމަތް ލިބޭ ގޮތަށް ގަވާއިދު ބަދަލު ކުރުމަށް އިއްޔެގެ ބައްދަލުވުމުގައި ހުށަހެޅީ ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) އެވެ. އެ ހުށަހެޅުން އާންމު ކޮމިޓީން އިއްޔެ ފާސްކޮށްފައިވެ އެވެ. އެކަމަކު ރޭ ބޭއްވި ކުއްލި ބައްދަލުވުމުގައި އެ ނިންމުން ބާތިލް ކުރުމަށްވެސް ހުށަހެޅުއްވީ އިބްރާހީމް ދީދީ އެވެ.

ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖީލީހުން ވަނީ މެމްބަރުންނާއެކު ދަތުރުކުރާ މީހުންގެ ތެރެެއިން އަނބިމީހާ، ފިރިމީހާ، ދަރިން އަދި މައިންބަފައިންނަށް ވީއައިޕީ ލައުންޖުގެ ހިދުމަތް ލިބޭ ގޮތަށް އުސޫލު ބަދަލުކޮށްފަ އެވެ. އޭގެ ކުރިން އެ ލައުންޖު ބޭނުންކުރުމުގައި އެއްވެސް ހައްދެއް ނޯވެ އެވެ.

ނަވާރަވަނަ މަޖިލީހުން އެ ނިންމުން ފާސްކުުރުމަށްފަހު އޭރުގެ އާންމު ކޮމިޓީން މެންބަރާއި އޭނާގެ އާއިލާގެ ބޭފުޅުން އިތުރުން ދެ ރައްޓެހިންނަށް ވެސް އެ ހިދުމަތް ލިބޭ ގޮތަށް ފާސްކުރި އެވެ. ނަމަވެސް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން އެ ނިންމުން ފާސްކޮށްފައެއް ނުވެ އެވެ. އެކަމަކު ވިހިވަނަ މަޖިލީހުގެ އާންމު ކޮމިޓީން އިއްޔެ ވަނީ މެންބަރާއި އޭނާގެ އާއިލާގެ ބޭފުޅުން އިތުރުން ދެ ރައްޓެހިންނަށްވެސް އެ ހިދުމަތް ލިބޭ ގޮތަށް ހަމަޖެއްސުމަށް އިބްރާހީމް ދީދީ ހުށަހެޅުއްވުމާ ގުޅިގެން އެ ހުށަހެޅުން ފާސްކޮށްފަ އެވެ.

މިހުށަހެޅުމާ އެކު އަމާޒުވި ފާޑުކިޔުންތަކުގެ ސަބަބުން ރޭ ބޭއްވި އާންމު ކޮމިޓީގެ ކުއްލި ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތަށް ރިއާޔަތްކޮށް، ކޮމިޓީން އިއްޔެ ނިންމި ނިންމުން އިސްލާހު ކުރުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ލަފާދެއްވާފައިވާ ކަމަށެވެ.

އެހެންވެ މެމްބަރު އިބްރާހީމް ދީދީ ވަނީ މަޖިލިސް ރައީސް އަބްދުއްރަހީމްގެ ލަފާގެ މަތިން އަދި ހަރަދުކުޑަ ކުރުމުގެ ސިޔާސަތުގެ ދަށުން އޭނާ އިއްޔެ ކޮމިޓީއަށް ހުށަހެޅި ހުށަހެޅުން ބާތިލް ކުރުމަށް ރޭގެ ކުއްލި ބައްދަލުވުމަށް ހުށަހަޅުއްވާފަ އެވެ. މިހުށަހެޅުން ފާސްވުމާ ގުޅިގެން އެއާޕޯޓުގައި ވީއައިޕީގެ ހިދުމަތް ލިބޭނީ މެންބަރާއި އޭނާގެ އާއިލާގެ ބޭފުޅުންނަށް އެކަންޏެވެ.