މާލެ ވޯޓާ އެންޑް ސީވޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ)ގެ ނަރުދަމާ ނިޒާމުގެ ޕަމްޕް ސްޓޭޝަންތައް ހުންނަ ސަރަހައްދުތަކުގައި ހުންނަ ނޭދެވޭ ވަަސް ހުއްޓުވުމަށް ޒަމާނީ ވަސީލަތްތައް ގާއިމުކޮށް ބޭނުންކުރަން ފަށައިފި އެވެ.
އެމްޑަބްލިޔުއެސްސީން ބުނީ އެ ޕަމްޕް ސްޓޭޝަންތައް ހުންނަ ސަރަހައްދުތަކުގައި ހުންނަ ވަހުގެ ސަބަބުން އާންމު ރައްޔިތުންނަށް އޭގެ ސަބަބުން ވާ އުނދަގޫ ހުއްޓުވުމަށް ގާއިމުކުރެވުނު ފުރަތަމަ އޮޑާ ކޮންޓްރޯލް ސިސްޓަމް ބަހައްޓާ ބޭނުންކުރަން ފެށީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ސަރަހައްދުގައި ހުންނަ ހަަތަރު ނަންބަރު ޕަމްޕް ސްޓޭޝަންގައި ކަމަށެވެ.
އެ ކުންފުނިން ބުނީ ނަރުދަމާ ނިޒާމުގެ ޕަމްޕް ސްޓޭޝަންގެ ވެންޓިލޭޝަނަށް ގެނައި މި ބަދަލުގެ ސަބަބުން ޕަމްޕް ސްޓޭޝަންތަކުގައި މިހާރު ހުންނަ ވަސްހޮޅި ނަގައި، ޒަމާނީ އައު ވައިސާފުކުރާ ނިޒާމެއް ބެހެއްޓިގެން ދާނެ ކަމަށެވެ.
އާ ނިޒާމުގެ ސަބަބުން ޖައްވުގެ ތެރެއަށްދާ ވައިގެ ތެރޭގައި ހުންނަ ނޭދެވޭ މިންވަރު 99 އިންސައްތައިން ސައްތައަށް ދަށް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެމްޑަބްލިޔުއެސްސީން ބުނީ މި ވަސީލަތްތައް ދެން ގާއިމުކުރާނީ މާލޭގެ ޕަމްޕް ސްޓެޝަން 2 ގައި ކަމަށެވެ. އަދި އެއަށްފަހު މާލޭގައި ގާއިމުކޮށްފައިވާ 9 ޕަމްޕް ސްޓޭޝަންގައި ވެސް މި ނިޒާމު ގާއިމުކުރާނެ ކަމަށެވެ.
ފެން ކުންފުނިން ބުނީ މި ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް އެއް އަހަރަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައި ކަމަށެވެ. އަދި މި ވަސީލަތްތަކަށް ބޭނުންވާ ކަރަންޓް އުފެއްދުމަށް ޖާގަ ލިބޭ ތަންތަނުގައި ސޯލާޕެނަލް ހަރުކޮށް، ތިމާވެއްޓާ ރަށްޓެހި ގޮތަަކަށް ދެމެހެއްޓެނިވި ގޮތަކަށް މި މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
އައިޖީއެމްއެޗް ސަރަހައްދުގައި އަލަށް މި ވަސީލަތް ހަރުކުރިއިރު ނޫސްވެރިންނާ ބައްދަލުކުރައްވާ އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން ވިދާޅުވީ ޒަމާނީ މިނިޒާމަކީ އެ ޕަމްޕް ސްޓޭޝަންތައް ހުންނަ ސަރަހެއްދުގައި ހިފާފައި ހުންނަ ވަހުގެ ސަބަބުން އާންމުން ތަހައްމަލު ކުރަންޖެހޭ އުނދަގޫތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުންފުނިން ދިރާސާތަކެއް ކުރުމަށްފަހު ބެހެއްޓި އާ ނިޒާމެއް ކަމަށެވެ.
މަތީން އިތުރަށް ވިދާޅުވީ މިއީ ޒަމާނީ ގޮތުން ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތަކަށް ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުންފުނިން އަޅާ ފިޔަވަޅެއް ކަމަށެވެ.