އެމްޑަބްލިއުއެސްސީ

އެމްޑަބްލިޔުއެސްސީ: ރައްޔިތުންގެ ހިދުމަތުގައި 30 އަހަރު

Apr 1, 2025
0%
0%
0%

މިއަދަކީ މާލޭ ވޯޓާ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) ގެ 30 ވަނަ އަހަރީ ދުވަހެވެ.

އެމްޑަބްލިޔުއެސްސީ ވުޖޫދަށް އައިސްފައިވަނީ އިތުރުވަމުން ދިޔަ މާލޭގެ އާބާދީއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވާ ފެނާއި ނަރުދަމާގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން 1995 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުއެވެ.

އެމްޑަބްލިޔުއެސްސީގެ 30 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރުގެ ތެރޭގައި ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ވަނީ ރާވާފައެވެ. މީގެތެރެގައި ކުޑަކުދިންގެ ހަވީރު، ލޭ ހަދިޔާ ކުރުމުގެ ޕްރޮގޮރާމް، ގަސްއިންދުމުގެ ޕްރޮގްރާމް އަދި ކަސްޓަމަރުންނަށް އަމާޒުކޮށްގެން ހިންގޭ ތަފާތު އެކިއެކި ޕްރޮގްރާމްތައް ހިމެނެވެ.

އެމްޑަބްލިޔުއެސްސީގެ މުވައްޒަފަކު ލޭ ހަދިޔާކުރަނީ -- ފޮޓޯ: އެމްޑަބްލިޔުއެސްސީ

އެމްޑަބްލިޔުއެސްސީ އުފެދިގެން ދިޔުންވީ ދިވެހި މުޖުތަމައުގެ ސިއްހީ ރައްކާތެރި ކަމަށާއި ގައުމުގެ ތަރައްޤީއަށް އެޅިގެންދިޔަ އެންމެ މުހިންމު އެއް ފިޔަވަޅަށެވެ. ކުންފުނި އުފެދިގެން އައީ 60 މުވައްޒަފުންނާއި އެކު އޭރު 60،000 މީހުންގެ އާބާދީއެއް އޮތް މާލެއަށް ހަމައެކަނި ހިދުމަތް ދިނުމަށް ޚާއްސަކުރެވިގެން ކަމުގައި ވީނަމަވެސް މިއަދު އެމްޑަބްލިއުއެސްސީ އިން އަންނަނީ މާލޭގެ އިތުރުން ވިލިމާލެ، ހުޅުމާލެ، ގުޅިފަޅު، ތިލަފުށި ކ.މާފުށި، ރ. ދުވާފަރު އަދި ހދ. ކުޅުދުއްފުށި ހިމެނޭގޮތުން 2 ލައްކަ މީހުންގެ އާބާދީ އަކަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.

މިއީ ގާތްގަނޑަކަށް ދިވެހިރާއްޖޭގެ އާބާދީގެ 50 ޕަސެންޓެވެ.

ރ. ދުވާފަރުގައި ފެނާއި ނަރުދަމާގެ އިތުރުން ކަރަންޓާއި ކުނި މެނޭޖްކުރުމާއ،ި މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމުގެ ހިދުމަތްވެސް އެމްޑަބްލިޔުއެސްސީ އިން ދަނީ ފޯރުކޮށްދެމުންނެވެ.

އެމްޑަބްލިޔުއެސްސީ އިން މާލެއަށް އެންމެ ފުރަތަމަ ފެނުގެ ހިދުމަތް ދޭން ފެށި ދުވަސްވަރު އާންމު އިސްކުރު ބަރިއަކުން ފެން ހޯދުމަށް ބަޔަކު ކިއުގައި ޖެހިފައި

އެމްޑަބްލިޔުއެސްސީ އުފެދިގެން އައި އިރު ކުންފުނި ހިންގަމުން އައީ ޑެންމާކް ގެ މެނޭޖްމެންޓް ޓީމަކުން ކަމުގައިވީނަމަވެސް މިއަދު އެމްޑަބްލިއުއެސްސީ އަކީ 1,013 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދާ 100 ޕަސެންޓް ދިވެހި މެނޭޖްމެންޓެއް އޮތް ކާމިޔާބުކަމާއެކު ހިންގަމުންދާ ފަހުރުވެރި ކުންފުންޏެކެވެ.

މި ކާމިޔާބީތަކުގެ އަސްލަކީ ކުންފުނީގެ ހީވާގި މުވައްޒަފުން ކަމަށް ވީހިނދު މުވައްޒަފުންގެ ޤާބިލްކަން އިތުރުކުރުމުގެ ގޮތުން ކުންފުނިން އަންނަނީ މުވައްޒަފުންނަށް ހާއްސަ ކުރު މުއްދަތުގެ ތަމްރީނު ޕްރޮގްރާމްތަކާ އަދި ދިގުމުއްދަތުގެ ސްކޮލާޝިޕް ޕްރޮގްރާމްތަކުގެ ފުރުސަތުތައް ފަހިކޮށްދީ މުވައްޒަފުން ބިނާކުރަމުންނެވެ.

އެމްޑަބްލިޔުއެސްސީ 1995 ވަނަ އަހަރު އުފެދިގެން އައިއިރު ފެން އުފެއްދުމުގެ ގާބިލްކަން ހުރީ ދުވާލަކު 900 ކޮޑި މީޓަރު އަދި ފެން ރައްކާކުރެވޭ މިންވަރު ހުރީ 10,000 ކޮޑި މީޓަރު ކަމުގައި ވީނަމަވެސް މިއަދު ދުވާލަކު 47,300 ކޮޑި މީޓަރުގެ ފެން އުފެއްދުމުގެ އަދި 44,858 ކޮޑި މީޓަރުގެ ފެން ރައްކާ ކުރުމުގެ ގާބިލްކަން ވަނީ ހޯދާފައެވެ.

ވޯޓަރ ސެކިއުރިޓީ ނުވަތަ ފެނުގެ ހިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަކީ ކުންފުނީގެ އެންމެ މުހިއްމު އެއް އަމާޒެވެ.

މިގޮތުން ގްރޭޓާ މާލެ ސަރަހައްދުގެ އެމްޑަބްލިޔުއެސްސީގެ ފެން އުފައްދާ މައި މަރުކަޒުގެ އިތުރުން މާލޭގެ އެހެން ދެ ސަރަހައްދެއްގައި ފެން އުފައްދާ ދެ މަރުކަޒެއް ގާއިމްކޮށް ފެން އުފެއްދުން ވަނީ ލާމަރުކަޒު ކުރެވިފައެވެ. އަދި މާލެއާއި ހުޅުމާލޭގައި ފެން ރައްކާކުރާ އިތުރު ތާންގީތައް ހެދުމާއި އިތުރު ފެން ޕްލާންޓްތައް ބެހެއްޓުމުގެ މަސައްކަތްތައްވެސް ދަނީ ކުރެވެމުންނެވެ.

މިގޮތުން 2025 ވަނަ އަހަރު ނިމޭއިރު ފެން އުފެއްދުމުގެ ކެޕޭސިޓީ 26 ޕަސެންޓް އަދި ފެން ރައްކާކުރެވޭ މިންވަރު 28 ޕަސެންޓަށް އިތުރުކުރެވިގެން ދާނެއެވެ.

މީގެ އިތުރުން މާލެ އާއި ހުޅުމާލޭގެ ފެނުގެ ވިޔުގަ ގުޅާލުމަށް ސިނަމާލެ ބްރިޖްމެދުވެރިކޮށް އަޅާފައިވާ ފެނުގެ މައި ވިއުގަ ޑިސްއިންފެކްޓް ކުރުމާއ،ި ޕްރެޝަރު ޓެސްޓް ކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި މާލެއާއި ހުޅުމާލޭގެ ޓްރާންސްފާ ޕަމްޕް ސްޓޭޝަން ޤާއިމްކުރުމުގެ މަސައްކަތުގެ ބޮޑުބައެއްވެސް މިހާރުވަނީ ނިމިފައެވެ.

މުޅި މަޝްރޫއު ނިންމާލައި ހުޅުމާލެ އާއި މާލޭގެ ފެނުގެ ވިޔުގަ ގުޅާލައި ހިދުމަތަށް ގެނައުމަށް ތާވަލު ކުރެވިފައިވަނީ 2025 ވަނަ އަހަރުގެ ފަހުކޮޅު އެވެ. މި މަޝްރޫއު ނިމުމުން ބޭނުންވެއްޖެ ހާލަތެއްގައ،ި މާލެއިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެއިން މާލެއަށް ގަޑިއަކު 800 ޓަނުގެ ފެން ޕަންޕުކުރުމުގެ
ގާބިލްކަން ލިބިގެންދާނެއެވެ.

ހަމަމިއާއެކު ކުންފުންޏަށް 30 އަހަރު ފުރިގެންދާއިރު ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ތަރައްޤީކޮށް ކަސްޓަމަރުންނާއި ވީހާވެސް ގާތުނ، ލުއިފަސޭހަ ގޮތެއްގައި ޚިދުމަތްތައް ލިބޭނެ އިންތިޒާމްތައް ހަމަޖައްސައި ދިނުމަށް ގިނަ މަސައްކަތްތަކެއްވެސް އަންނަނީ ކުރަމުންނެވެ.

މީގެތެރޭގައ،ި 24 ގަޑިއިރު ގުޅޭ ކަސްޓަމާ ކެއާ ސެންޓަރުގެ ހިދުމަތް ގާއިމްކުރުމާއި އެމްޑަބްލިޔުއެސްސީގެ ހިދުމަތްތަކަށް އެދި އޮންލައިންކޮށް ހުށައެޅޭނެ އިންތިޒާމް ހަމަޖެއްސުމާއި ސްމާޓް މީޓަރު ބޭނުންކުރަން ފެށުމާއި އޮންލައިން ޕޯޓަލް އަދި މޯބައިލް އެޕްލިކޭޝަން އަޕްގްރޭޑްކޮށް އާ ހިދުމަތްތަކާއެކު ތައާރަފްކުރުން ހިމެނެއެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި އެކި ރަށްރަށުގައި ފެނާއި ނަރުދަމާ ނިޒާމުތައް ގާއިމްކުރުމުގައި އެމްޑަބްލިޔުއެސްސީ އިން އަންނަނީ ފާހަގަކޮށްލެވޭފަދަ ދައުރެއް އަދާކުރަމުންނެވެ. މިގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ފެނާއި ނަރުދަމާގެ ޖުލްމަ 107 ޕްރޮޖެކްޓްގެ މަސައްކަތް ކާމިޔާބުކަމާއެކު ކުންފުނިން ވަނީ ނިންމާފައެވެ. އަދި 2025 ވަނަ އަހަރު ފެނުގެ 17 ޕްރޮޖެކްޓަކާއި ނަރުދަމާގެ 15 ޕްރޮޖެކްޓަކާއެކު ޖުމްލަ 32 ޕްރޮޖެކްޓެއްގެ މަސައްކަތް ސަރުކާރުން ވަނީ އެމްޑަބްލިޔުއެސްސީ އާއި ހަވާލުކޮށްފައެވެ.

އެމްޑަބްލިޔުއެސްސީގެ މުވައްޒަފުންތަކެއް -- ފޮޓޯ: އެމްޑަބްލިޔުއެސްސީ

މީގެ ތެރެއިން ބައެއް ޕްރޮޖެކްޓްތަކުގެ އަމަލީ މަސައްކަތް ފެށިފައިވާއިރު އަނެއްބައި ޕްރޮޖެކްޓްތަކު އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް އަންނަނީ ވަމުންނެވެ.

ކުންފުނި އުފެދިގެންއައީ ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޚާއްސަ ޔޫޓިލިޓީ ކުންފުންޏެއްގެ ގޮތުގައި ވީނަމަވެސ،ް 30 އަހަރު ދުވަހުގެ ތަޖުރިބާއާއެކު މިއަދު އެމްޑަބްލިޔުއެސްސީ އަކީ އިންޖީނިއަރިންގ، ޓްރޭޑިން އަދި މެނުފެކްޗަރިންގް ގެ ދާއިރާއިންވެސް ފާހަގަކޮށްލެވޭ ކުންފުންޏެކެވެ.

ފެނާއި ނަރުދަމާ ނިޒާމު ފަރުމާކުރުމާއ،ި ޤާއިމްކުރުމާއ،ި އޮޕަރޭޓްކުރުމާއ،ި އަދި ފެން ޕްލާންޓް އަމިއްލައަށް ޑިޒައިންކޮށް ފެބްރިކޭޓް ކުރުމުގެ މަސައްކަތްވެސް މިއަދު އެމްޑަބްލިޔުއެސްސީ އިން އަންނަނީ ކުރަމުންނެވެ. އަދި އެމްޑަބްލިއުއެސްސީ ޝޯރޫމުން އަންނަނީ ފެނާ ނަރުދާމާގެ ނިޒާމާ ގުޅުންހުރ،ި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ތަކެތި ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ.

އެމްޑަބްލިޔުއެސްސީ އިން ތައާރަފުކުރި "އާރޯ" ބްރޭންޑްގެ ފެން -- ފޮޓޯ: އެމްޑަބްލިޔުއެސްސީ

އެމްޑަބްލިޔުއެސްސީގެ އައިއެސްއޯ 17025: 2025 ސްޓޭންޑަޑްގެ ލެބޯރެޓަރީ އިން ދަނ،ީ ރިޒޯޓުތަކ،ާ ފަންނީ ކޮންސަލްޓަންޓުން ފަދަ ފަރާތްތަކަށ،ް ވިޔަފާރީގެ އުސޫލުން ފެން ތަހުލީލު ކުރުމުގެ ހިދުމަތްވެސް ފޯރުކޮށްދެމުންނެވެ.

އުފެއްދުންތެރިކަމުގެ ދާއިރާއިން ވެސް ކުންފުނިން އަންނަނީ ފާހަގަކޮށްލެވޭ ފަދަ ބިނާކުރަނިވި މަސައްކަތްތަކެއް ކުރަމުންނެވެ.

މިގޮތުން ހުޅުމާލޭގައި ޤާއިމްކޮށްފައިވާ ކާރުހާނާ އިން ފުޅީގައި ބަންދުކޮށްފައިވާ ފެން އުފެއްދުމާއި އަދި ކ. ގުޅީފަޅުގައި ގާއިމްކޮށްފައިވާ ޕައިޕް ފެކްޓަރީއިން ފެނާއި ނަރުދަމާ ގެ މަސައްކަތްތަކާއި ފެން ވައިރިންގްއަށް ބޭނުންވާ އެކި ސައިޒްތަކުގެ ހޮޅި އުފެއްދުމާއި އަދި ކަރަންޓް ވަޔަރިންގް އަށްބޭނުންވާ އެކި ސައިޒްތަކުގެ ކޮންޑިއުޓް ހޮޅި އުފެއްދުން ހިމެނެއެވެ.

ގުޅީފަޅު ފެކްޓްރީގައި އުފައްދާފައިވާ ހޮޅިތަކެއް -- ފޮޓޯ: އަވަސް

އެމްޑަބްލިޔުއެސްސީ އަކީ ދިވެހިންގެ ސިއްހީ ރައްކާތެރިކަމަށް ހެޔޮ ބަދަލުތަކެއް ގެނެސްދީ ދިވެހިންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދިން ފަޚްރުވެރި ކާމިޔާބު ކުންފުންޏެކެވެ.

ފެނާއި ނަރުދަމާގެ ހިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށާއި ކުންފުނީގެ ކުރި އެރުމަށް އެމްޑަބްލިޔުއެސްސީގެ ހީވާގި މުވައްޒަފުން ކެނޑިނޭޅި ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތައް ފާހަގަކޮށް އެންމެހައި މުވައްޒަފުންނަށް އެމްޑަބްލިޔުއެސްސީ އިން ވަނީ އިހްލާސްތެރިކަމާއެކު ޝުކުރު އަދާކޮށްފަ އެވެ. އަދި ކުންފުންޏަށް ކުރައްވާ އިތުބާރާއި ބަހައްޓާ ގާތްކަމަށްޓަކައި އެންމެހައި ކަސްޓަމަރުންނަށްވެސް އެމްޑަބްލިޔުއެސްސީ އިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

އެމްޑަބްލިޔުއެސްސީގެ އަމާޒަކީ ދެމެހެއްޓެނެވި އަދި ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ކުންފުނީގެ ހިދުމަތްތައް ފޯރުކޮށްދިނުމެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910